13 އެޕްރީލް 2010
ފިޝަރީޒް މިނިސްޓަރ ޑރ.އިބްރާހީމް ދީދީ އާ މެދު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތަކާއި، ކުޅުނު ޑްރާމާތައް ފަނުފުލުން ގޮސްފައިވާ ކަމަށާއި، ހަގީގަތާ ޚިލާފް ދޮގު އިލްޒާމްތައް އަޅުވާ، ކިތަންމެ ވަރަކަށް ޖެއްސުން ކުރަމުން ދިޔަ ނަމަވެސް ސިޔާސީ ހަރަކާތުން އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނޭ ކަމުގައި ޑރ.ޑީޑީ ވިދާޅުވެއްޖެއެވެ.
ކޮންމެ ހޯމަ ދުވަހެއްގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބާއްވާ ސިލްސިލާ އާންމު ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވެސް މެންބަރު، ޑރ.ޑީޑީ ވިދާޅުވީ ” މިޕާޓީ (އެމްޑީޕީ) ގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް އެބޭފުޅުންނަށް ޖެއްސުންކޮށް، ދޮގު ބުހުތާނު މައުލޫމާތު ފަތުރާ ހަގީގަތާ ޚިލާފް ވާހަކަތައް ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތުން އެންމެ އިންޗިއެއް ވެސް، ޒައްރެއްގެ މިންވަރު ވިޔަސް ފަހަތަކަށް ނުޖެހޭނަން.” ކަމުގައެވެ.
ޑރ.ޑީޑީ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ ފިކުރީ ގޮތުން ކުރަމުންދާ ހަނގުރާމަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ކިތަންމެ ވަރަކަށް ޖެއްސުންކުރި ނަމަވެސް އެމްޑީޕީން ރައްޔިތުންނަށްވީ ފަސް ވައުދު ފުއްދުމުގައި ކުރިއަށް ވަޑައިގަންނަވާނޭ ކަމުގައެވެ.
” އަޅުގަނޑުގެ ފަސްބައިގައި ކިލަބުކަމެއް ނުހުންނާނެ. އަޅުގަނޑުގެ ލިބާހުގައި ކިލަނބު ކަމެއް ނުހުންނާނެ. ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެ. އެހެންވީމާ މިހާރު އާއިލާ އޭ ކިޔައިގެން ދޮގު ބުހުތާނު ވާހަކަތައް ފަތުރާ، އަޅުގަނޑުގެ ސިޔާސީ ހަރަކާތް ހުއްޓުވަން އެކުރާ މަސައްކަތް އަޅުގަނޑު ދަންނަވާނީ، ހަމަ މިއަދު ނާކާމިޔާބުވީ ފަދައިން ކުރިޔަށް އޮތްތަނުގައިވެސް ދާނީ ނާކާމިޔާބު ވަމުންނޭ.” ޑރ. ޑީޑީ ވިދާޅުވިއެވެ. ” ކިތަންމެ ބިރުދެއްކިޔަސް އިމާދު ޞޯލިހަށް ބިރުދައްކައިގެން ޑީއާރުޕީއަށް ވެއްދިހެން އަޅުގަނޑު ޑީއާރުޕީ އަކަށް ނުވެއްދޭނެ. އަޅުގަނޑު ހުންނާނީ އެމްޑީޕީގަ. އެމްޑީޕީގެ ލޭ އަޅުގަނޑު ގައިގަ ހުންނާނީ.”
ރޭގެ ޖަލްސާގައި އެމަނިކުފާނުގެ ދާއިރާއިން މަސްވެރިންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ކުރަން ރާވާފައިވާ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ވެސް ޑރ.ޑީޑީގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.