މާދަމާރޭ އެމްޑީޕީން ތޮއްޑޫގައި ބާއްވާ ޖަލްސާ މިހާތަނަށް އެމްޑީޕީން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާ އަށް ވެގެންދާނެ- ޝިޔާން

– އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ ވީޓީވީން ވަގުތުން ދުރަށް ދައްކާނެ

އިބްރާހީމް ރާމިޒް

240768_223724567653688_100000484401351_894154_1419272_o

މާދަމާރޭ އެމްޑީޕީން އއ.ތޮއްޑޫގައި ބާއްވާ ޖަލްސާ އަކީ އެޕާޓީން މިހާތަނަށް އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާއަށް ވެގެންދާނޭ ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
މި ޖަލްސާއާއި ބެހޭ މައުލޫމާތު އެމްޑީޕީ ވެބްސައިޓަށް ދެއްވަމުން ޝިޔާން ވިދާޅުވީ “އެމްޑީޕީ ތޮއްޑޫ ދާއިރާ މެކުހަށް މި ޝިޔާރުގެ ދަށުން ބުރާސްފަތި ދުވަހުގެރޭ ތޮއްޑޫގައި ބާއްވާ ޖަލްސާ ގައި އެރަށުގެ ޑީއާރުޕީއަށް ނިސްބަތްވާ 185 މީހުންގެ އިތުރުން މި ދާއިރާގެ އުކުޅަސް އަދި ރަސްދޫން 130 މީހުން ސޮއިކުރާނޭ” ކަމަށެވެ.
މީގެ އިތުރުން ވެސް އެ ދާއިރާއިންނާއި މާލެއިން މި ޖަލްސާ އަށް 1500 އެއްހާ މީހުން ތޮއްޑޫއަށް ދާނޭ ކަމަށް ބެލެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ސަރުކާރުގެ ވަޒީރުންނާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.
އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާ އަކީ “މިހާތަނަށް އެމްޑީޕީން ރާއްޖެތެރޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާ އަށް ވެގެންދާނޭ، މި ޖަލްސާ ބޭއްވުމުގެ މަޤްޞަދަކީ އަޅުގަނޑުމެންގެ މެންބަރު އަލީ ވަހީދަށް މަރުހަބާ ދެންނެވުން” ކަމަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީ ރައީސް ޝިޔާން ވިދާޅުވިއެވެ.
އެމްޑީޕީން 13 މެއި ގައި ތޮއްޑޫ ގައި ބޭއްވި ޖަލްސާގައި ތޮއްޑޫގެ އެމްޑީޕީ މެންބަރުންނާ މުޚާޠަބުކުރައްވައި، އެޕާޓީގެ ނައިބު ރައީސް ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަނީ ” ދެން މި ތޮއްޑޫ ގައި ފައިޖައްސާނީ ތިޔަބޭފުޅުންގެ މެންބަރު އަލީ ވަހީދާ އެކު” ކަމަށް ވިދާޅުވެފައެވެ.
މި ޖަލްސާ ވީޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ.