މެންބަރުންގެ ޚިޔާލު: ދައުލަތުގެ ޚަރަދު ކުޑަކުރާނީ ކިހިނެއް؟

ފުނަމާ

އައިއެމްއެފް އާއި މިނޫންވެސް މާލީ އިދާރާތަކުން މިގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމަށްޓަކައި ގައުމަށްލިބޭ އާމްދަނީއާއި އެއްވަރަށް ޚަރަދުތައް ކުޑަކުރުމަށް ބާރުއަޅަމުން ގެންދާއިރު އަޑު ގަދަކޮށް ބާރުލައި އިދިކޮޅު ފަރާތްތަކުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. މިގޮތުން ސަރުކާރު ކުޑަކޮށް ސިޔާސީ މަގާމުތައް މަދުކުރުމަށް ހަރުއަޑުން ގޮވާލަމުން ގެންދާކަން ފާހަގަ ކުރަމެވެ. ނަމަވެސް މަޖުލީހުން ފާސްކުރެވިފައިވާ މުސާރަތަކާއި ނިންމާފައިވާ ބައެއް ބިލްތަކަށް ބަލާލާއިރު އަދި، މިހާތަނަށް މަޖުލީހުގެ މެޖޯރިޓީ އޮތްގޮތަށް ބަލާލާއިރު މިދައްކާ ވާހަކަޔަކާ ނިޔަތާ އެއްގޮތް ކަމުގައި ދެންނެވޭކަށް ނެތެވެ. އެގޮތުން ދައުލަތުގެ މިނިވަން މުއައްސަސާތައް އިތުރުކުރުމާއި އަދި އެމުއައްސަސާތަކުގެ މުސާރަ ބޮޑުކުރަމުން ގެންދާގެންދިއުމަކީ މިދައްކާ ވާހަކަޔާއި ކިހާވަރަކަށް ފުށުއަރާ ކަމެއްތޯ ވިސްނާލަން ޖެހެއެވެ. ސަރުކާރު ކުޑަ ކުރުމަށްޓަކައި ސިވިލްސާވިސް ކުޑަކުރުމަކީ މަޖުލީހުން ބޭނުން ކަމަކަށް ނުވެއެވެ. ސިވިލްސާވިސްއިން ވަކިކުރެވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ ޕެކޭޖުތައް ސަރުކާރުން ތަޢާރަފު ކުރައްވަފައި ވާއިރުވެސް މެއެވެ. އަދި މިގޮތުން ލިބޭ ފައިސާއިން އެމީހަކަށް އިތުރު މަސައްކަތްތައް ކުރެވޭނެ ފުރުސަތާއި ވަޒީފާ ދިނުމުގެ ފުރުސަތުތައް ފަހިވެފައިވާއިރުވެސް މެއެވެ. މީގެ ކުރީން ސަރުކާރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކޮންމެ ރަށަކަށް ކައުންސިލަރަކު ލެއްވުމަކީ ދައުލަތުގެ މުޅި ބަޖެޓު އެކަމަށް ހުސްކުރި ކަމަކަށް ވީއިރު މިއަދު ތިންހާސްމީހުން ކިރިޔާ ހަމަނުވާ ރަށްރަށަށް ފަސް ކައުންސިލަރުން އިންތިޚާބުކޮށް ބޮޑެތި މުސާރަތައް ދިނުމާއި އަދި ކުރީން ރަށްރަށުގައި ފަތިފައްޗަށް ތިބި ކަތީބުންނާއި ކުޑަކަތީބުންވެސް އެހެން ނަމެއްގައި ބޭތިއްބުމަކީ ދައުލަތުގެ ބަޖެޓަށް ބަރުބޮޑުވާ ކަމަކަށް ނުވެއެވެ. ތިންސަތޭކަ މީހުން ހަމަނުވާ ރަށްރަށުގައިވެސް ފަސްކައުންސިލަރުންނެވެ. ރާއްޖެ ހަތް ސަރަޙައްދަކަށް ބަހާލައިގެން ޕްރޮވިންސް އުސޫލުން ހިންގުމަށްވުރެ ކޮންމެ އަތޮޅަކީ އިދާރީ ދާއިރާއަކަށް ބަލައިގެން ޚަރަދު އިތުރުކުރުމަށް ދަނީ ބާރުއަޅަމުންނެވެ. ކޮންމެ އަތޮޅު ކައުންސިލަރަކަށް ބޮޑުމުސާރައާއި ލިވިންގ އެލަވަންސް ދެވޭއިރު އަތޮޅުގެތަކުގެ ކަރަންޓު ބިލާއި މެއިންޓަނަންސް ޚަރަދުތައް އަތޮޅުކައުންސިލްތަކަށް ދޭންޖެހެއެވެ. ދެދުވަހުން އެއްދުވަހު ކޮންމެވެސް ނަމެއްގައި ކޮމިޝަނެއް އުފައްދައި މެންބަރުންގެ އަދަދު އިތުރުކޮށް ބޮޑުމުސާރަދޭން އެބަޖެހެއެވެ. އަދިވެސް ކޮމިޝަންތައް މަދުކަމުން މަގުމަތި ބަލަހައްޓާ ކޮމިޝަން، ބަނދަރު ބަލަހައްޓާ ކޮމިޝަން، ދެމަފިރީން ބަލަހައްޓާ ކޮމިޝަންތައްވެސްވީ އިތުރުކުރާށެވެ. ދައުލަތުގެ ޚަރަދުތައް ބޮޑެއް ނުވާނެއެވެ. ކުރީގައި ވެރިކަން ކުރި މީހާއަށް ބޮޑެތި އިނާޔަތްތައް ދީފައި ޒެޑުގޭންގުގެ ލީޑަރަކަށް ހުރެގެން ގައުމުގައި ހުޅުޖެހުމުން ދައުލަތުގެ ޚަރަދުތައް ބޮޑެއްނުވެއެވެ.
ސަރުކާރުން ސިޔާސީ މަގާމުތައް އުފައްދަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ދިނުމަށް ކަމުގައި ވީނަމަވެސް އެކަމަކީ ދައުލަތުގެ ޚަރަދު ބޮޑުވެ ވަކިބަޔަކަށް މުސާރަދިނުމަށް ކުރާ ކަމެއްކަމުގައި މިދަނީ ގޮވެމުންނެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އެތިބެނީ ދިވެހި ރައްޔިތުން ނޫންބާވައޭވެސް ހިތަށް އަރައެވެ. އެމީހުންގެ އަނބި ދަރީންނަކީ ދިވެހީން ނޫންބާވައޭ ހީވާފަހަރުވެސް އާދެއެވެ. ސަރުކާރުގެ ކުންފުނިތަކަކީ ރައްޔިތުންނަށް ޚިދުމަތް ދޭން އުފެދިފައިހުރި ތަންތަން ކަމުގައި ވާއިރު އެތަންތަން ހިންގުމަކީވެސް ދައުލަތުގެ ބަޖެޓު ހުސްވާ ކަންކަން ކަމުގައި ބުނެއެވެ. އަދި ކުންފުނިތަކަކީ ވަކިކަހަލަ ބައްޔެއް ޖެހިފައިތިބި ބަޔަކާއި އެފަދަ މީހުންގެ ނުކުޅެދޭ އާއިލާތަކަށް ވަޒީފާ ދޭން އުފައްދާފައިވާ ތަންތަން ކަމުގައި ބުނެއުޅެއެވެ. އެއީ ދިވެހި ރައްޔިތުން ނަށްވުރެ މާނިކަމެތި ބަޔެއް ކަމުގައި އިސްތިހާރު ކުރަމުން ގެންދެއެވެ. ސަރުކާރުން ކޮންމެ ކަމެއް ކުރާން ޖެހުނަސް ޚަރަދު ބޮޑުވަނީއެވެ. މަޖުލީހުން ފާސްކޮއްގެން ކިތަންމެ މިނިވަން މުއައްސަސާއަކާއި އެހެނިހެން ބޮޑެތި މުސާރަދެވޭ މަގާމުތައް އުފެއްދުމަކީ ޚަރަދު ބޮޑުވާ ކަމެއްނޫނެވެ. ފަނޑިޔާރުންގެ މުސާރަތައް ހަރުގަނޑަކަށް އަރައިގެން އަތްނުފޯރާ ފަށަށް އަރައިގެން ދިއުމަކީ ޚަރަދު ބޮޑުވާ ކަމެއް ނޫނެވެ. ޚަރަދު ބޮޑުމިވަނީ ސަރުކާރުން މަގާމެއް އުފައްދައި މީހަކު ލައިފިއްޔާ އެކަންޏެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމަކީ ހަމައެކަނި ސަރުކާރުގެ ޚަރަދު ކުޑަކުރުން ކަމުގައި ދެއްކުމަށް މިދަނީ ބާރުއަޅަމުންނެވެ. ސިވިލް ސާވިސްގައި ކުރީން މަސައްކަތް ކުރި މީހުންގެ މުސާރަ އެތައްތަނަކުން ބޮޑުކުރި ވާހަކައެއް ނުދައްކައެވެ. އިގްތިސާދީ ހާލަތަކާ ގުޅިގެން މިންވަރެއް ކުޑަކުރުމުން އެކަމަކީ ގައުމީ މައްސަލައެކެވެ. ޑޮލަރުން ވިހި ޕަސެންޓު ބޮޑުވީއިރު ސިވިލްސާވިސްގެ މުސާރަ ފަސްދޮޅަސް އިންސައްތައިން ބޮޑުވިވާހަކައެއް ނުދައްކައެވެ. މިއަދުވެސް ކުޑަކުރި މުސާރަ އަނބުރައި ނުދީގެން ލަވާހަޅޭކުން ބޯހަލާކެވެ. ސަރުކާރުން ކުރީގައި އައްޔަން ކުރެއްވި ކައުންސިލަރުން ނޯޓިސްއެއް ދިނުމެއް ނެތި ވަކިކުރި ވާހަކައެއް އިދިކޮޅުމީހުން ނުދައްކައެވެ. އެމީހުންގެ އަތުން އެއްއަހަރުވަންދެން މުސާރައިން އުނިކުރި ބަޔާއި ނޯޓިސްއެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރިއިރު އެއްވެސް އިނާޔަތެއް ނުލިބޭވާހަކަ އެނުދައްކަނީ އެމީހުންނަކީ މިގައުމުގެ ރައްޔިތުން ނޫންވީމަބާވައެވެ. ނޫނީ މަޖުލީހުން ފާސްކޮށްގެން ސަރުކާރުގެ ޚަރަދުތައް އެކަނި ކުޑަކުރުމަށް އެބާރުއަޅަނީ “އަނބުރާ” ސަރުކާރަށް މިޝިޢާރުގެ ދަށުން އެކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރު އިނދަޖައްސާލަން ނޫންބާވައެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރެވޭނީ ހަމައެކަނި ސަރުކާރުން ކުރާ ޚަރަދުތައް ކުޑަކޮށް އިދިކޮޅު ސިޔާސީ މީހުންނަށް މަގުފަހިވާނެ ގޮތައް މިނިވަން މުއައްސަސާތައް އިތުރުކޮށް މުސާރަތަކާއި އިނާޔަތްތައް ބޮޑުކޮށްގެން ބާވައެވެ. ނޫސަރުކާރު އަވަހަށް ގެނެވޭނެ މަގު ފަހިކޮށް ރާއްޖެއަށް ބުލޫނީ އެތެރެ ކުރުން ގިނަކޮށް ރީނދޫ އެތެރެކުރުން ހުއްޓާލައިގެން ކަމުގައި ވާނަމަ އަވަހަށް އެކަން ކުރުމަށް ސަރުކާރަށް ގޮވާލަމެވެ