އެމްޑީޕީގެ ރައީސް ހިއުމަން ރިސޯސް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

hr-ministry

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ހިއުމަން ރިސޯސް މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓް ގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ހިއުމަން ރިސޯސް މިނިސްޓަރ ޑރ.ޙަސަން ލަތީފާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕާޓީގެ ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެންމެ ބޮޑަށް ކުރިމަތިވާ އެއް ޝަކުވާއަކީ ވަޒީފާ ލިބުމުގެ ދަތިކަން ކަމަށާއި، ރާއްޖޭގައި އެކި ގިންތީގެ ވަޒީފާ އިތުރުކޮށް އެ ވަޒީފާތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ އެމްޑީޕީގެ ފިކުރެއް ކަމަށެވެ. މީގެ އިތުރުން މި ސަރުކާރުން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމްތަކުގެ ބޭނުން ރައްޔިތުންގެ ލާބައާއި ފައިދާއަށް އިސްކަންދީގެން ކުރިޔަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ރާއްޖެއިން ލިބެން ހުންނަ ތަކެތީގެ ބޭނުންކޮށްގެން ސްވެނިއަރފަދަ ތަކެތި އުފެއްދުމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށްރަށުގައި ކުޅިވަރުކުޅޭނޭ ވަސީލަތްތައް މަދުވުކަމުގެ ޝަކުވާ އެމްޑީޕީގެ މެންބަރުން ކުރަމުންދާ ކަމަށާއި، ޕާޓީގެ ތެރެއިން ވެސް އެކަންތައް ހައްލުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ސްކޮލަރޝިޕްތަކާއި، ބިދޭސީން އިތުރުވުމުގެ ސަބަބުން ދިމާވަމުންދާ އިޤްތިޞާދީ އަދި އިޖުތިމާޢީ ބަލިމަޑުކަން ޑރ.ޑީޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޙަސަން ލަތީފް ދެއްކެވި ވާހަކަފުޅުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، މިހާރު ވެސް ގިނަ އަދަދެއްގެ ހުސް ވަޒީފާ ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ކުޅިވަރު ކޯޓު ހެދުމަކީ މިހާރުން މިހާރަށް ކުރެވިދާނޭ ކަމެއް ނޫން ކަމަށާއި އެހެން ކަމުން ވެރިކަންކުރާ ޕާޓީގެ ހައިސިއްޔަތުން ރަށްރަށުގައި ކުޅިވަރު ކުޅޭނޭ ވަޞީލަތްތައް ޤާއިމްކުރުމުގައި، އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކުން އިސްނަގައިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
ހިއުމަން ރިސޯސް މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތާއި، އެ މިނިސްޓްރީން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް މި ބައްދަލުވުމުގައި މިނިސްޓަރ ހަސަން ލަތީފް އެމްޑީޕީގެ ރައީސް އާއި ހިއްސާ ކުރެއްވިއެވެ.