މެންބަރުންގެ ޚިޔާލު: އިންސާފު ބޭނުންވާނެއެވެ!!!

ފުނަމާ

އަޅުގަނޑުމެން ދާދި ކުޑައިރު އަޑުއަހާ ވާހަކައެކެވެ. ރަށެއްގައި އެއްވެސް ރަޙުމެއްނެތި މީހަކު ކަތިލީއެވެ. ގަތުލުވެގެން ދިޔައީ ބުނެވޭ ގޮތުގައި އަތޮޅެއްގައި އެއިރު އެންމެއިސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ ނާއިބެކެވެ. މިޖަރީމާ ހިންގުމުގައި ތިންމީހަކު ބައިވެރިވި ކަމުގައި ބުނެވެއެވެ. އަދި އެއިރުގެ ގާނޫނުއަސާސީއިން ދެވޭ އެންމެބޮޑު އަދަބު މުޖުރިމުންނަށް ދެވުނު ކަމުގައި އަޑުއިވެއެވެ. ކޮންފަދަ ނުބައި ނުލަފާ އަދި ރަހުމުކުޑަ ޢަމަލެއް ދޮގެއްތޯއެވެ. އެޒަމާނަކީ މިފަދަ ކަންކަން ގާތްގަނޑަކަށް އެއްގޮތަކަށްވެސް ނުހިގާ ދުވަސްވަރެއް ކަމުން މިކަމަކީ އާދަޔާއި ޚިލާފު ބޮޑުކަމެއް ކަމުގައި ވެގެން ކަމާ ގުޅޭގޮތުން ލަވަވެސް ހަދައިގެން ކިޔާފައިވެއެވެ. އެކަމުގެ ނުބައިކަމާއި ގާތިލުންގެ ރަހުމުކުޑަކަން ބަޔާންކޮށެވެ. ރާއްޖޭގެ އެންމެހާ ރަށްރަށުގައި މީހުން ރޮއެ ހިތާމަކޮށް އުޅުނު ކަމުގައި ވެއެވެ. އާދޭހެވެ. މިއަދު ރާއްޖޭގައި އަނިޔާވެރިކޮށް މީހަކު މަރާލުމަކީ އާންމު ކަމެކޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. މީހެއްގެ ފުރާނަ ދުއްވާލި ވާހަކަ ނުވަތަ އެވަރުގެ އަނިޔާއެއް ދިންވާހަކަ ނީވޭ ދުވަހެއް އަމުދުން މިފަހަކަށް އައިސް ނުދެޔޭ ދެންނެވިދާނެއެވެ. މިއަދުވެސް މީހުން މިކަމާ ކަންބޮޑުވެއެވެ. ސިޔާސީ ބޭނުމުގައިވެސް މިވާހަކަ ދައްކައެވެ. ސުވާލަކީ މިހާވަރަށް މިކަން ރާއްޖޭގައި ޢާންމުވަމުން މިދަނީ ކީއްވެބާވައެވެ؟ ކުރީން ދެންނެވުނު ނާއިބު ކަލޭގެ ޝަހީދު ކޮއްލުމުގެ ހާދިސާއާއި ގުޅިގެން ފަހުން އިވެމުންދިޔައީ މުޅީން އެހެންކަހަލަ ވާހަކަ ތަކެކެވެ. ފަނޑިޔާރެއްގެ ދަރަޖައިގައި އެއިރު ހުންނެވި މި ނާއިބު ކަލޭފާނުން މީހެއްގެ އަންބަކަށް ދުއްތުރާކޮށް އެކިގޮތްގޮތަށް ބެހި އަތިރިއަށް ދާމަގުމަތީންވެސް ދިމާކޮށް ޖިންސީ ގޮތުންވެސް ގޯނާކުރާ ކަމުގައި ބުނެވެއެވެ. މިކަން ފިރިމީހާ ގާތުގައި ބުނެ ފިރިމީހާ މިކަން ހުއްޓުވުމަށް ތަފާތު ގޮތްގޮތުން ނާއިބު ކަލޭގެއާއި ވާހަކަ ދައްކައިވެސް މިކަން ނުހުއްޓި އިންސާފު ނުލިބުމުން އެންމެފަހުން ނާއިބުކަލޭގެ ކަތިލައިލީ ކަމުގައި ބުނެވެއެވެ. އެޒަމާނަކީ ނާއިބުން ފަދަ މީހުންނާއި މެދު ދައުވާއެއް ކުރިމީހަކުވެސް ކުއްވެރިވާ ދުވަސްވަރެއް ކަމުގައި ބުނެއުޅެއެވެ. ސުވާލަކީ އިންސާފު ނުލިބުމުން ކަންކުރާން އޮތްގޮތަކީ މިއީހެއްޔެވެ؟ އެހެން ހާދިސާއަކަށް ބަލާލަމާތޯއެވެ. ރާއްޖެތެރޭގެ ރަށެއްގައި ރައްޓެހިވެގެން އުޅުނު ދެކުދީންނެވެ. ދެކުދީންގެ ގުޅުންއޮތީ ދެފަރާތުގެ އާއިލާއަށްވެސް ސިއްރުވެފައެވެ. ނަމަވެސް އަންހެން ކުއްޖާގެ ބައްޕައަށް މިކަން އެނގުމުން ފިރިހެން ކުއްޖާއަކީ މާއަތްމަތި ތަނަވަސްނޫން އާއިލާއެއްގެ ކުއްޖަކަށް ވާތީވެ މިގުޅުމަކާ އެއްގޮތަކަށްވެސް ގަބޫލެއް ނުވިއެވެ. ނަމަވެސް އަންހެން ކުއްޖާ އޭނާގެ މައިންބަފައިންގެ ނުރުހުމުގައިވެސް އެފިރިހެން ކުއްޖާއާއި ގުޅޭން ބޭނުންކަން އެނގުމުން އަންހެން ކުއްޖާގެ ބައްޕަ ކަނޑައެޅީ ޝަރުތެކެވެ. އެތައްހާސް ރުފިޔާއެއް އެބައްޕައަށް ފިރިހެން ކުއްޖާ ދިނުމުން ކައިވެނި ކޮއްދޭނެކަމުގައި ބުނެއެވެ. މިޝަރުތު ގަބޫލުކޮށް ފިރިހެން ކުއްޖާ މާލެފޭބީ ކޮންމެ ކަހަލަ މަސައްކަތެއް ކޮއްގެން ނަމަވެސް މިފައިސާ ހޯދުމުގެ ނިޔަތުގައެވެ. ހޮޓަލެއްގައި ވެއިޓަރުކަން ކުރަމުން ލިބޭ ހުސްވަގުތު ތަކުގައި ކަސްޓަމުކައިރީ މުދާހުސްކޮއްގެންނާއި މިނޫންވެސް ކިތަންމެ މަސައްކަތެއް ކޮއްގެން އޭނާ ފައިސާ އެއްކުރާން ފެށިއެވެ. ރެއާއި ދުވާލުނުނިދައި އަރާމެއް ނެތި މަސައްކަތް ކުރަމުންދިޔައެވެ. ލިބޭހާ ފައިސާއެއް ފޮރުވަމުން އުންމީދާއި އެކު މަސައްކަތް ކުރިއެވެ. ނަމަވެސް ފިރިހެން ކުއްޖާ މާލެއައިސް މާގިން ދުވަސްތަކެއްނުވެ އަންހެން ކުއްޖާގެ ބައްޕަގެ މަސައްކަތުން އޭނާގެ ދަރިފުޅުގެ ހިތް ބަދަލުކޮއްލައި އެހެން މީހަކާ ދެވައިފިއެވެ. މިހިސާބުން އެއްކަލަ ފިރިހެން ކުއްޖާ ރަށަށްގޮސް މިމައްސަލަ ކޯޓަށް ހުށައަޅައި އަންހެން ކުއްޖާއާއި އޭނާގެ ބައްޕަ ކޯޓަށް ހާޟިރު ކުރިއެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ފިރިހެން ކުއްޖާ އޭނާ ފޮރުވައިގެން ކޯޓަށް ވެއްދި ވަޅިއަކުން ހަމަލާދީ އަންހެން ކުއްޖާ ޒަޚަމް ކޮއްލިއެވެ. މިހާދިސާއަށް އަދި ގައިމުވެސް ވިއްސަކަށް އަހަރެއް ނުވާނެއެވެ. ސުވާލަކީ މިއީ އިންސާފު ހެއްޔެވެ؟ ކަންކުރާން ވާނެ ގޮތްހެއްޔެވެ؟ އަންހެން ކުއްޖާގެ ފުރާނަ ސަލާމަތްވި ނަމަވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެލިބުނު އަނިޔާވަނީ އިންތިހާއަށް ގޮސްފައެވެ. އެހެން ހާދިސާއެކެވެ. ސިފައިންގެތެރޭގައި އުޅުނު މީހެކެވެ. އޭނާގެ އަންހެނުން ހުންނަނީ ކުޑަ އަންހެން ދަރިފުޅާއެކު ރަށުގައެވެ. ތުއްތު އަންހެން ދަރިފުޅަށް ތަފާތު ފަހަރުގެ މަތީން ޖިންސީ އަނިޔާ ކުރަމުން ގެންދިޔައީ ކުއްޖާގެ މަންމަގެ ބައްޕައެވެ. އެއިރު މިފަދަ ވާހަކަ ދެއްކުމަކީ މާއައިބު ކަމެއްކަމުން އާއިލާއިން މިކަން އޮންނަނީ ބޭރުނުވެ ނަމަވެސް އާންމު ކަމެއް ކަމުގައި ވެފައެވެ. އެތައްފަހަރަކު މިގޮތްކުޑަ އަމަލު ހިންގައި ތުއްތު ކުއްޖާއަށް ބޮޑެތި ގެއްލުންތައް ވަމުން ދިއުމާގުޅިގެން މިކަން ހުއްޓޭތޯ އެކި ގޮތްގޮތުން ވާހަކަ ދެއްކިނަމަވެސް މިކަމެއް ނުހުއްޓުނެވެ. އެންމެފަހުން މާލޭގައި ހުރި ކުއްޖާގެ ބައްޕަ ވަޒީފާއިން ވަކިވެގެން ރަށަށްގޮސް ބަފައިކަލޭގެގެ ބަނޑަށް ބޮޑު މަސްވަޅިއެއް ހަރާލާ މަރާލީއެވެ. މިއަކީ އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. ސުވާލަކީ މިއީ މިކަން އޮންނާންވީ ގޮތްހެއްޔެވެ؟ މިއީ އިންސާފުކަމުގައި ބުނެވިދާނެ ހެއްޔެވެ؟ މިކަހަލަ ކިތަންމެ ހާދިސާއެއް ލިޔެވިދާނެއެވެ. އެކަމަކު މިއަކީ އިންސާފެއް ކަމުގައި ގައިމުވެސް އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.
ވޭތުވެދިޔަ ތިރީސް އަހަރު ރާއްޖޭގައި ވެރިކަންކުރި މީހަކީ އަނިޔާވެރި ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހެކެވެ. ގަސްތުގައި ބަޑިޖަހައި މީހުން މަރާފައިވާ މުޖުރިމެކެވެ. އޭނާގެ ޖަލުތަކުގައި ސަތޭކައަށްވުރެ ގިނަ މީހުންނަށް ވީނުވީއެއްނޭނގި މަރުވެފައިވާ ކަމުގައި ބުނާއަޑު އިވެއެވެ. އެތަކެއް އާއިލާތައް މަގުމަތިކޮށް ބިކަކޮއްލާފައި ވާކަމުގައި ބުނެވެއެވެ. ތިރީސް އަހަރުގެ ވެރިކަން ނިމުނުއިރު އޭނާއާއި އޭނާގެ ގާތް މީހުންނަކީ މިއޭޝިޔާގައިވެސް ގުނާލެވޭވަރުގެ މަހުޖަނުންނެވެ. ނިކަމެތި އެތަކެއް ރައްޔިތުން އެދުވަހުވެސް މިއަދުވެސް އޭނާގެ އަނިޔާވެރިކަމުގެ ބަދަލުގައި އިންސާފު ހޯދަން ބޭނުންވެފައި އެބަތިއްބެވެ. އިއްޔެ އޭނާގެ ރަހުމުކުޑަ އަމަލުތަކުގެ ކުރިމަތީގައި އަނގަހުޅުވާލި މީހަކަށްވެސް އޮތީ ގަދަފަދަ އަޒާބުދެއްކުމެވެ. މިއަދު އޭނާގެ ވެރިކަމެއް ނެތެވެ. އެކަމަކު ދައުލަތުގެ މާލިއްޔާއިން އެތައް މިލިއަން ރުފިޔާއެއް ދީފައި އެހެރީ މިގައުމުގައި ބަހައްޓާފައެވެ. ވެރިކަމުގައި ހުރިއިރު ހިންގި ކަމުގައި ބުނާ އެއްވެސް ޖަރީމާއެއް މިއަދާ ހަމަޔައްވެސް ބެލިފަކާނުވެއެވެ. ކުރާކަމަކީ ކުރީގައި ކުރި ކަންކަން މަދުވެގެން އަނެއްކާވެސް މުޅި ގައުމު ފަސާދަ ކުރުމެވެ. ޒެޑާއި ޔޫގެ ނަމުގައި ގޭންގު ހަދައިގެން ނަމަވެސް މިގައުމުގައި އެދަނީ ހުޅުޖަހަމުންނެވެ. ރައްޔިތުންގެ ޙައްޤުތައް ކޮބައިތޯއެވެ. މިއީ އިންސާފުތޯއެވެ. އަޅެ ވިދާޅުވެ ބައްލަވާށެވެ. ކޮންމެ އިންސާނަކުވެސް އިންސާފު ބޭނުންވާނެއެވެ. އަޅުގަނޑުވެސް ތިބޭފުޅާވެސް އިސްތިސްނާއެއް ނުވާނެއެވެ