މެންބަރުންގެ ޚިޔާލު: މާޟީގެ ތަޖުރިބާ!

ފުނަމާ

އަލްއަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދީދީ އަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި އެމަނިކުފާނުންގެ ނަންފުޅު ރަންއަކުރުން ލިޔެވި ފެންނާން އޮތް ޝަޚުސިއްޔަތެކެވެ. އެއްރޮނގަށްވުރެ ގިނަރޮނގުރޮނގުން އެމަނިކުފާނުންގެ ނަންފުޅު ފާހަގަ ކުރެވިފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކަމަށް ގާބިލްނޫން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މިލިއުމުގައި މަރުޙޫމް އަމީންދީދީ އާއި ގުޅޭގޮތުން މިލިޔެލާ ފޮޅުވަތް ކޮޅުތަކުގައި އެކަށީގެންނުވާ ކިތަންމެ ކުޑަ އިބާރާތެއް ލިޔެވި ދިޔަނަމަވެސް މިއަދު ދުނިޔޭގައި އިންނެވި އެމަރުޙޫމްގެ ހަމައެކަނި ދަރިކަނބަލުން އަޅުގަނޑުގެ އުޚުތާ އަމީރާ އަމީނާ މުޙަންމަދު އަމީންގެ އަރިއަހުން މަޢާފަށް އެދެމެވެ.
މަރުޙޫމް އަމީންދީދީ އަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ބާނީއޭ ބުނެ ނިންމާލެވޭކަށް ގައިމުވެސް ނޯންނާނެއެވެ. އެމަނިކުފާނުންގެ ގައުމީ ޚިދުމަތްތަކުގެ އުޖާލާކަން ފަނޑުކޮށްލުމަށް މާޟީގައި ކިތަންމެ މަސައްކަތެެއް ކުރެވިފައި ވީނަމަވެސް އެކަމަށް، އެކަންކުރިބަޔަކު ވަނީ ނުކުޅެދިގެން ގޮސްފައެވެ. ދިވެހި އަދަބިއްޔާތަށާ ދިވެހި ތާރީޚަށް ދިވެހި ޅެންވެރިކަމަށް އެކަނި ބަލާލިޔަސް އަމީންދީދީގެ ނަންފުޅު ފަނޑުކޮށް ނުލެވޭނެކަން އެބައެނގެއެވެ. މިއަދު އަޅުގަނޑުމެން މިދެކެންފެށި ޑިމޮކޮރަސީ އަކީ އަމީންދީދީ ރާއްޖެއަށް ތަޢާރަފު ކުރައްވާން މަސައްކަތް ކުރެއްވި ނިޒާމެއްކަން ކަނޑައެޅިގެން އެނގޭން އެބައޮތެވެ. ރާއްޖޭގައި އެންމެފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އުފައްދަވާފައިވަނީ އެމަރުޙޫމްގެ އިސްނެންގެވުމާއި ޚިޔާލުފުޅާ އެއްގޮތަށެވެ. ޖެންޑަރ ހަމަހަމަ ކަމަށް އެމަނިކުފާނުން ކުރެއްވި މަސައްކަތްޕުޅަކީ ހަމައެހާމެ މުހިންމު މަސައްކަތް ޕުޅެކެވެ. އަޅުގަނޑުގެ މިލިއުމުގައި އަމީންދީދީގެ މިފަދަ ހުރިހައިޚިދުމަތްތަކަކަށް އިންސާފުކުރާކަށް ނެތީމެވެ. އަދިއެއަކީ އަޅުގަނޑުފަދަ މީހަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫންކަންވެސް ގަބޫލު ކުރަމެވެ. މިއަދު ރާއްޖޭގައި އެންމެ ބާރަށް އިވޭ އެއް އަޑަކީ ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ގާއިމް ނުކުރެވޭ ވާހަކައެވެ. އަލްއަމީރު އަމީންދީދީގެ ވެރިކަމުގައި މިކަން ކުރެވުނު ކަމީ ތާރީޚުން ފެންނާންއޮތް ހަގީގަތެކެވެ. ގަސްދުގައި މީހުންމަރާ މީހުންނަށް މަރުގެ އަދަބު އިސްލާމީ ޝަރީޢަތުގެ ހަމަތަކުގެ މަތީން ކަނޑައަޅައި އެކަން ތަންފީޒު ކުރައްވާފައިވެއެވެ. އަދި ވައްކަމުގެ ކުށްސާބިތުވި މީހުންގެ އަތްކަނޑާން ހުކުމްކޮށް އެކަންވެސްވަނީ އަމީންދީދީ ތަންފީޒު ކުރައްވާފައެވެ. އަދި މީގެ އިތުރުން ދުންފަތުގެ ނުރައްކާތެރި ވަބާއިން މިރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުމުގެ މަތިވެރި ނިޔަތުގައި އެމަނިކުފާނުން ކުރެއްވި މަސައްކަތް ތަކަކީވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަން ޖެހޭނެ ކަމެއްކަމުގައި މިއަދުވެސް ބައެއްމީހުން ބުނާނެއެވެ. ނަމަވެސް، އަމީންދީދީގެ މިމަސައްކަތް ޕުޅުގެ ނަތީޖާ ދިވެހީން ތަޖުރިބާކުރީ ކިހިނެއްތޯ މިއީމިއަދު ވިސްނާލަން ޖެހޭނެ ކަމެކެވެ. އަމީންދީދީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒު ކުރެއްވުމުން އެމަނިކުފާނަށްފަހު ދެން ލިޔެވި ކިޔެމުންދިޔަ ފަރިހިތަކާއި ލިޔުންތަކުން އެމަނިކުފާނަކީ އެޒަމާނަށް ފާޅުވި ދައްޖާލެއްގެ ލަގަބު ދިވެހީން އެމަރުޙޫމަށް ދީފައިވާކަން ހަނދާންކޮއްލާން ޖެހެއެވެ. މީހުންގެ ތެރޭގައި ކިޔާންނުކެރޭފަދަ ހުތުރު ޢިބާރާތްތައް އެމަނިކުފާނަށް ނިސްބަތްކޮށް ކިޔާފައިވެއެވެ. ދުލަށް އައިހާ ހުތުރު އެއްޗެއް ގޮވައި އަމީންދީދީގެ މަތިވެރި ޚިދުމަތްތަކުގެ ނަންވެސް މިގައުމުން ފޮހެލުމަށް އޭރުގެ ފުންނާބުއުސް އެންމެންހެން މަސައްކަތް ކޮއްފައިވެއެވެ. ދިވެހި ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި އިސްލާމީ ޝަރީއަތުގެ ހައްދުތައް ގާއިމްކުރުމުގެ އިނާމެއްގެ ގޮތުން އެކަންކުރި ފަރާތައް ދިވެހީންދިނީ ކިހާވަރެއްގެ އިނާމެއްތޯ މިއަދު ސުވާލު ކޮއްލުމަކީ ނެއްކަމެއް ނޫނެވެ. ރަސްކަމުގެ ޝާނާ ޝައުކަތުގައި މެކި ދެވިހިފައިފައިވާ އޭރުގެ ފުންނާބުއުސް ބަޔަކު އަޑީގައި ތިބެގެން އަމީންދީދީ ގުޅަކުޅޭ ފަސްގަނޑަށް ނެރެ ހަވަރަށް ދީގެން ކުޅަ ލާއިންސާނީ ޢަމަލުތަކަކީ ދިވެހީން މިއަދުވެސް ވިސްނައިލައިފިނަމަ ލަދުވެތިވާންޖެހޭނެ ހަޑިހުތުރި އަމަލެކެވެ. ދިވެހީން ފަޚުރުވެރިވާ އިސްލާމްދީނަށް ފާޅުގައި ކުރި އިހާނެތި މަލާމާތެކެވެ. ނަމަވެސް އެދުވަހު އެކަންކުރި މީހުންނަށާ، މިއަދުވެސް އެފަދަ ކަންކަމަށް ބާރުއަޅައި ގޮވާލާ މީހުންނަށް އެއީ ހިއްވަރުގަދަ ކެރޭ ދިވެހީންގެ އަމަލުތަކެއް ކަމުގައި ބާރުދީ އުޅޭކަމީ ހައިރާންވާންޖެހޭ ވަރުގެ ކަމެކެވެ. ދިވެހި ރާއްޖެއަށް ޖުމްހޫރިއްޔަތު ތައާރަފު ކުރައްވައި، ރާއްޖޭގެ ޖެންޑަރ ހަމަހަމަކަމަށް ބާރުއަޅުއްވައި އިސްލާމީ ޝަރީއަތް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރެއްވި ދިވެހީންގެ ފަޚުރުވެރި ރައީސް އަމީން ދީދީ އަށް އެކަމުގެ އިނާމެއްގެ ގޮތުގައި ދިވެހީންދިން އިނާމަކީ އެމަނިކުފާނަށް ނުބައިވެގެންވީހާ ބަސްތައް ރައްދުކުރުމާއި، އެމަނިކުފާނުންގެ ހަށިކޮޅަށް އިންތިހާއީ ލާއިންސާނީ އަނިޔާތައް ދިނުމާ އިސްލާމުންނޭ މިބުނެ ފަޚުރުވެރިވާ ދިވެހީންގެ ބަޔަކު ނުކުމެ ހަމަ އެފަދަ މުސްލިމަކު ބިންމައްޗަށް ވައްޓާލައިގެން ބިރުވެރި އާދަމްކޯރު ޖަނަވާރަކަށްވެސް ނުކުރާފަދަ އަނިޔާތައްކޮށް އެވަރުންނުވެގެން ލަދުވެތި ގުނަވަނުގައިވެސް ހިފައި އަނބުރާލާ އެދިން އަނިޔާތަކުގައި އެމަނިކުފާނުން އަވަހާރަވެ ދިއުމަކީ ދިވެހީން މިއަދުވެސް ލަދުވެތިވެ އެމަރުޙޫމުގެ އާއިލާގެ ކިބައިން މައާފަށްވެސް އެދޭންޖެހޭނެ ވަރުގެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ޔަތީމު ކޮއްލެވުނު އަމީންދީދީގެ ދަރިކަނބަލުން އަލްއަމީރާ އަމީނާ މުޙައްމަދު އަމީންގެ އަރިއަހުން ދިވެހީން މަޢާފަށް އެދޭންޖެހޭނެ ކަމެކެވެ. ދިވެހި ރާއްޖެ ދެމިއޮތްހާ ދުވަހަކު ދިވެހި ކޮންމެ ވެރިއަކުވެސް ވިސްނާލާންޖެހޭނެ ކަމެކެވެ. އަމިއްލަ ޒާތީ މަސްލަހަތު ކުރިއަށް ނެރުމަށާ ވެރިކަމުގައި ތިބޭ ބައެއްގެ ކުށްދައްކައި އަވަދި ކޮއްލުމަށް ބޭނުން ކުރެވޭނެ އެންމެ ތޫނު ހަތިޔާރަކީ ދީންކަމުގައި ހަދައިގެން އަބަދުވެސް ދީނަށް ހުރުމަތްތެރިކަން ނުދެނީއޭ ދީނީ ހުކުމްތައް ތަންފީޒު ނުކުރަނީއޭ ގޮވައި ނެގުމުގެ އަޑީގައި ފޮރުވިފައި އޮންނަނީ ކޮންމެ ވެރިއަކަށްވެސް އަމީންދީދީއަށް ދިންފަދަ ވޭނާއި އަނިޔާ ދިނުންކަމުގައި ވާނެކަމާމެދު ޝައްކު ކުރާނެ ޖާގައެބައޮތެވެ. މާޒީން ތަޖުރިބާ ހާސިލްނުކޮށް ކުރިއަށް ނުދެވޭނެކަން ގަބޫލުކުރާން ޖެހޭނެއެވެ