ރަންގަލި ރިސޯޓްގެ ވަޒީފާއިން ވަކިކުރި މީހުން އެމްޑީޕީގެ ރައީސް އާ ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

dsc01025

ކޮންރެޑް މޯލްޑިވްސް (ރަންގަލި ރިސޯޓު) ގެ މެނޭޖްމަންޓުން އެ ރިސޯޓުގެ 29 ވަޒީފާއެއް އުވާލައި، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމުގެ ނޯޓިސް ދިނުމާއި ގުޅިގެން، އެރިސޯޓުގެ ވަޒީފާއިން ވަކިކުރި ކަމަށް ބުނާ މީހުންގެ ތެރެއިން ބަޔަކު މިއަދު އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ބޭއްވި މި ބައްދަލުވުމުގައި އެފަރާތްތަކުން ބުނީ 5 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒިފުން ވަޒީފާއިން ވަކިކުރިއިރު، 6 މަސްދުވަހުގެ މުސާރަ، އަދި އެއަށްވުރެ ކުރު މުއްދަތެއްގައި ވަޒީފާއަދާކުރި މީހުންނަށް 3 މަސްދުވަހުގެ މުސާރަ ދިނުމަށްފަހު، މަގާމުތަކެއް އުވާލަން ނިންމިކަން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާކަމަށެވެ. އަދި އިއްޔެ ބައެއް މީހުންނަށް ނޯޓިސް ދީފައިވާ ކަމަށްވެސް އެމީހުން ބުނެއެވެ.
އެމީހުން އަދި ބުނީ ވަޒީފާއިން ވަކިކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތަކާ މެދު ހިތްހަމަނުޖެހިގެން ރަންގަލި ރިސޯޓުގެ މުވައްޒަފުން މިދިޔަ މާޗް މަހު ކުރި ހަޅުތާލުގައި ބައިވެރިވި މީހުންކަމަށާއި، ބޭރު މީހުންނާއި ދިވެހިންގެ މެދުގައި ތަފާތުކުރުން ވެސް ގެންގުޅޭތީ ހައްޤު ހޯދުމަށް އެދި އެފަހަރު ހަޅުތާލުކުރި ގިނަ މީހުންނަކީ އެމްޑީޕީގެ ފިކުރުގެ މީހުން ކަމަށެވެ. އަދި ވެރިން ފެންވަރުގެ ގިނަ މީހުން ތާޢީދުކުރަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ކަމަށާއި، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ އެނޫން ފަރާތްތަކާ މެދު ވެސް، ތަފާތުކުރުން ގެންގުޅޭ ކަމަށް އެމީހުން ބުންޏެވެ. އަދި އެކި ފަހަރު މަތިން އެމްޑީޕީއަށް ތާއީދުކުރާ މުޥައްޒަފުންނަށް އިންޒާރުދީފައިވާ ކަމަށް ވެސް އެ މީހުން ބުނެއެވެ.
އިއްޔެ 19 މީހަކަށް ވަޒީފާއިން ވަކިކުރިކަން އަންގާފައިވާއިރު، އޭގެ ތެރޭގައި ޗުއްޓީގައި ތިބި ހަތަރު މީހަކު ވެސް ހިމެނޭ ކަމަށް އެމީހުން ބުނާއިރު ކޮންރެޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓުން 29 މަގާމެއް އުވާލައި، މުވައްޒަފުން މަދުކުރަނީ ގެސްޓް ބައެއް ރޫމްތައް މަރާމާތަށް ބަންދުކުރާތީ އާއި އާއްމުކޮށް ކޮންމެ އަހަރަކު އަންނަ ލޯ ސީޒަނާ ގުޅިގެން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މި މައްސަލައިގެ މައުލޫމާތު އޮޅުންފިލުއްވުމަށްފަހު، މި މައްސަލައިގެ އިތުރު ތަފްސީލް ލިއުމަކުން އެމްޑީޕީ އޮފީހަށް ހުށަހެޅުއްވުމަށާއި، މި ފަދަ ކަންތައްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިދާނެ ގެއްލުމަކަށާއި، ވީހާވެސް ބޮޑަށް ގައުމީ މަސްލަޙަތަށް ވިސްނުމަށް ޑރ.ޑީޑީ އެދިވަޑައިގެންނެވިއެވެ. އަދި ހަމައެހެންމެ ގާނޫނުގެ ތަރަހައިގެ ތެރެއިން އެފަރާތްތަކަށް ވެދެވެން އޮތް ފުރިހަމަ އެހީތެރިކަމެއް ވެދެއްވާނޭ ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.