ތިމާވެއްޓާބެހޭ ކޮންފަރެންސްއެއްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެލޭޝިޔާ އަށް ފުރާވަޑައިގެންފި

އިބްރާހީމް ރާމިޒް

Moosa

މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރުގައި މިއަދުންފެށިގެން މިމަހުގެ 9 ވަނަ ދުވަހަށް، ތިމާވެށި ކުރިއެރުވުމާބެހޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިޔާ-ޕެސިފިކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބޭއްވޭ ކޮންފަރެންސްގައި (އޭ.ޕީ.ޕީ.ސީ.އީ.ޑީ.) ބައިވެރިވެވަޑައިގަތުމަށްޓައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްޢަބްދުﷲ ޝާހިދުގެ އަރިހުގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަމަށްވާ އިދިކޮޅު ޑީއާރުޕީގެ ލީޑަރު، ކެންދޫ ދާއިރާގެ މެންބަރު އަޙްމަދު ތަސްމީން ޢަލީ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްޢަބްދުﷲ ޝާހިދު މިކޮންފަރެންސްގެ ޕްލެނަރީގައި މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުންނާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށްކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މާދަމާ ވާހަކަފުޅުދައްކަވާނެއެވެ. އަދި މިދަތުރުފުޅުގައި، މެލޭޝިއާގެޤާނޫނުހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސް ޓޭން ސްރީ ޕަންދިކަރް އަމިން މުލިއާ އާ މަޖިލީހުގެ ރައީސް ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައިވެއެވެ.