މެންބަރުންގެ ޚިޔާލު: ދީނީ ޢިލްމުވެރީން އެވެރީންގެ މަސްއޫލިއްޔަތު އަދާކުރައްވާށެވެ!

ފުނަމާ

ނަވާރަސަތޭކަ ހަތްދިހައިގެ ފަހުކޮޅާ ހަމަޔަށް ދިވެހި ރާއްޖޭގެ ދީނީ ޢިލްމުވެރީންނަކީ މިގައުމުގައި
ދިރިއުޅުއްވާ އެންމެ ގަދަރުވެރީން ކަމުގައި ބެލެވެމުން ގޮސްފައި ވެއެވެ. މިއަދު ރާއްޖޭގައި ތިއްބެވި ވަރުގެ ޢިލްމީ ބޮޑެތި ފާސްތައް ހޯއްދަވައިގެން ތިއްބެވި މަދުއަދަދެއްގެ ޢިލްމުވެރީން ތިއްބެވި ނަމަވެސް ދީނުގެ ދަންނަބޭކަލުންގެ ނަމުގައި އެއިރު ތިއްބެވި މަދުބޭފުޅުންކޮޅާމެދު ދިވެހީން ދެކެމުން ގެންގޮސްފައިވަނީ ނުހަނު އިހްތިރާމް ދެނިވި ގޮތެއްގައެވެ. ނާސިރުގެ ވެރިކަން ނިމެމުން ދިޔައިރު ރާއްޖެއަށް ބޭރުން ކިޔަވާވިދާޅުވެގެން ގިނައަދަދެއްގެ ޢިލްމުވެރީން ވަޑައިގެން ތިއްބެވިކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި އެއްވެސް ވަރަކަށް ދީނީ ތަފާތުކުރުންތަކެއް ޖަދަލުކުރުމެއް ނެތެވެ. ރާއްޖޭގެ އެންމެންވެސް އުޅެމުން ގެންދިޔައީ ޝާފިޢީ މަޒުހަބުގެ އުސޫލުތަކަށް ތަބާވެގެން ހަމަޖެހިގެން ކަމުގައި ދަންނަވާން ޖެހެއެވެ. ނަމަވެސް ކުރީގެ ވެރިކަން ފެށިގެން މާގިނަދުވަހެއްނުވެ ދީނީޢިލްމުވެރީންނާއިމެދު ވަރަށްބޮޑަށް ނިކަމެތިކޮށް ހިތެންފެށިކަމީ މިއަދު ބަޔަކު އެކަން ހަނދާން ނެތްނަމަވެސް ޙަޤީގަތެކެވެ. ދީނީ ޢިލްމުވެރީންނާއިމެދު އެއްވެސް އިހްތިރާމެއްނެތި އެބޭފުޅުންނީ ދީނީ ޢިލްމުވެރީން ކަމުގައި ވީތީވެ އެތަކެއް ރަޙުމުކުޑަ އަނިޔާތައް ދެކެވެމުން ދިޔައެވެ. އޭރުގެ ރައީސަށް ނުވަތަ މިހާރުގެ ޒެޑޭއަށް ވުރެ މޮޅު އެހެންމީހަކު ނުހުންނާނެ ކަމުގައި ދެއްކުމުގެ ގޮތުން އޭނާއާއި އެއްބަސްނުވާ ކޮންމެ ޢިލްމުވެރިއަކު ނައްތާލުމަށް މަސައްކަތް ކުރަމުން ގެންގޮސްފައިވެއެވެ. ޗިލީސޯސްޖަހައި ތުނބުޅި ބޭލުންފަދަ ޙައްޤެއްނެތް އެތަކެއް އަނިޔާތައް ދެމުން ގެންދިޔަކަން މިއަދު ފޮރުވާން އުޅުނަކަސް ވަންހަނާއެއް ނުކުރެވޭނެތާއެވެ.
އެ ވެރިކަން ނިމުމާއި ކައިރިވެފައި އޮއްވައި ފެށުނު އިސްލާހީ މަސައްކަތްތަކުގެ ތެރޭގައި ދީނީ ޢިލްމުވެރީންނަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ލިބިގެން ހިނގައިދާނެކަމުގެ މަންޒަރުތަކެއް ފެންނާން ފެށިނަމަވެސް ޢިލްމުވެރީން ބޭނުންވާ މިންވަރާ ގާތަށް ވެސް އެފަރާތްތަކަށް މިނިވަންކަމާއެކު ބަސްބުނެ އުޅުމުގެ ފުރުސަތެއް ނުލިބެއެވެ. ދީނީ ޢިލްމުވެރީންނަށް އެބޭފުޅުން ބޭނުންގޮތަކަށް މިނިވަން ކަމާއެކު ބަސްބުނެ އުޅުމުގެ މިނިވަންކަން ލިބިގެން ގޮސްފައިވަނީ މިސަރުކާރު އައިފަހުން ކަމުގައި ދެންނެވުމަކީ މިހާރަކު ބޭނުން ކަމެއް ކަމުގައި ނުދެކެމެވެ. ސަބަބަކީ ޒެޑޭގެ ޢަޒާބުގެ ކޫޒުން ފެންދީގެން ކަތިލާލަން އުޅުނު ބައެއް ޢިލްމުވެރީން މިއަދު އޭނާ ވަރެއް ނެތިގެން ޚުޝާމަދު ކުރަމުން ގެންދާ އަޑުވެސް އިވޭތީއެވެ. އެ ވެރިކަންނިމި ދީނީޢިލްމު ވެރީންގެ ވަޢުޟުތަކާއި ނަސޭޙަތްތައް މިނިވަންކަމާއެކު އަޑުއިވެމުންދާން ފެށުމާއިއެކު ރާއްޖޭގެ މިސްކިތްތައް އިހުނަށްވުރެ ބޮޑަށް ފުރިބާރުވެ ޚާއްސަކޮށް ޒުވަނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވެގެން ދިޔައެވެ. މިސަރުކާރުގެ ދީނީ ކަންކަން ހިންގައި ކުރިއެރުވުމާއި ޖާމިނު ކުރުވާފައި ވަނީވެސް ދީނީ ޢިލްމުވެރީން އެޕާޓީއެއްގައި އެންމެ ގިނައިން ތިއްބެވި އަދާލަތު ޕާޓީއާއިއެވެ. ވަރަށް ފުރިހަމަ ގޮތެއްގައި ޢިލްމުވެރީން އެބޭފުޅުންގެ ދައުރު އަދާކުރައްވަމުން ކުރިޔަށް ވަޑައިގެން ކަމުގައި ދަންނަވާން ޖެހެއެވެ. ކުރީން ފަށައިގަތުމުން މުޅިޚުތުބާ ހިތުދަސް ޚުތުބާތައް އެއްކައިރިއަށްލައި އެވަގުތަކާ ޙާލަތައް ނިޔާކޮށް ކޮންމެ ހުކުރުދުވަހަކު އާޚުތުބާއަކާ އާނަސޭޙަތްތައް އިވެމުން ދާންފެށިއެވެ. މިއަދުވެސް ޢިލްމުވެރީން އެގެންދަވަނީ އެމަސައްކަތް ކުރައްވަމުން ކަމުގައި ވާތީވެ ނިހާޔަތައް ޝުކުރުވެރި ވަމެވެ. ނަމަވެސް މިފަހަކަށް އައިސް ބައެއް ދީނީ ޢިލްމުވެރީން ދީނުގެ ރީތި އުސޫލުތަކާ އެއްކިބާވެ ސިޔާސީ ކަންކަމުގައި އިސްކަން ދެއްވައި ފާޅުގައި ސަރުކާރު ވައްޓާލުމުގެ ހިއްވަރު ދެއްވައި ވާހަކަފުޅުގެ ރާގު ބަދަލުކުރައްވާން ފެއްޓެވި ހިސާބުން ރާއްޖޭގެ މަސްރަޚަށް މުޅީން އެހެން ބަދަލުތަކެއް މިދަނީ އަންނަމުން ކަމުގައި ހިތާމަޔާއިއެކު ދަންނަވާން ޖެހެއެވެ. ކުރީން ދީނީ ނަސޭޙަތް ދެއްވާނަމަ ޖަމާވަމުންދާ ގިނަބަޔަކު މިހާރު ބައެއްފަހަރު އެފަދަ ގޮވާލުންތަކަށް އިޖާބަދިނުން ކުޑަވަމުންދާ ކަމުގައި ދަންނަވާން ޖެހެއެވެ. އެފަދަ ބައެއްމީހުން ބުނެއުޅޭގޮތުންނަމަ މިހާރު އެފަދަ ކަންކަމުގެ ތެރޭގައި ސިޔާސީ ކުލަމާގަދައީއެވެ. މީގެސަބަބުން މަޑުމަޑުން ބަދަލުވަމުން އިސްލާހުވަމުން ދިޔަ މުޖުތަމަޢުގައި ކުއްލިއަކަށް ބޮޑެތި ކުށްތައްކުރުން ގިނަވެ ހައްދުފަހަނައަޅައިގެން ދާންމިވަނީ ފަށާފައެވެ. މިސަރުކާރު އުފެދިގެން އައިއިރު އިއްތިހާދުވި ބައެއްފަރާތްތަކާ ރަސްމީކޮށް މިހާރު ގުޅުންކަނޑާލެވިފައި ވީނަމަވެސް ދީނީ ޢިލްމުވެރީންނަށް މިސަރުކާރުން ދެއްވާފައިވާ ސަމާލުކަން އެންމެބޮޑަށް ދޭހަކޮށްދެނީ އަދާލަތު ޕާޓީގެ ބައެއްބޭފުޅުން މިސަރުކާރުގައި ކޮޅުފައިން ޖައްސަވާފައި ވަޑައިގެން މިހިސާބަށް ބަސްމަގު ހަޑިކުރައްވާއިރުވެސް އަދި، ބައެއްފަހަރު އެމްޑީޕީގެ ބައެއް އިސްފަރާތްތަކުން ، އަދާލަތު ޕާޓީއާއި ގުޅުން ކަނޑާލުމަށް ގޮވާލަމުން ގެންދަވާފައި ވާއިރުވެސް ރައީސް ނަޝީދު އެފިޔަވަޅު އަޅުއްވަން ބޭނުންނުވާކަމެވެ. އިސްލާމިކް މިނިސްޓްރީގެ ތެރެއަށް ސަރުކާރުން އުނދުޅިބާނައި ކިލަނބު ކުރާކަށް ނޫޅެއެވެ. ނަމަވެސް މިގައުމަކީ މުޅިދުނިޔެއާއި ލާމެހި، ބޭރުގައުމު ތަކުގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ ގައުމެއްކަމާ އަދި ، ދުނިޔޭގައި އޮތީކީ ހުސް މިކަހަލަ ސައްތައިން ސައްތަ މުސްލިމުންނޭ ބުނާ ގައުމުތައް ނޫންކަން އެއިލްމުވެރީންގެ ވިސްނުމުގައި ނުގެންގުޅުއްވާ ކަމެވެ. ޔޫރަޕާއި އެމެރިކާ ، ރަޝިޔާއާއި ، ޗައިނާ، މިނޫނަސް ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ މައްޗަށް ބަރޯސާވެގެން މެނުވީ އަޅުގަނޑުމެންނަށް އުޅެވޭހާ އުރަތްޕެއް ނެއްކަން އަޅުގަނޑުމެން ދަންނާން އެބަޖެހެއެވެ. މެދުއިރުމަތީގެ މުސްލިމު ގައުމުތަކާއި އޮންނަ ގުޅުން ހިންދު ކަރަޔާއެކުވެސް ބާއްވަން އެބަޖެހެއެވެ. ގައުމަށް ކަމެއް، ދަމެއް ބޮޑުވާހިނދު އެފަރާތްތަކުގެ މަދަދަށްއެދު ރޮއެހޭރެން އަޅުގަނޑުމެންނަށް ޖެހޭކަން 88ގެ ހާދިސާއިންވެސް މިވަނީ އެނގިފައެވެ. މިއަދު މިގައުމުގައި މިއޮތް ޓުއަރިޒަމް ހުލިވެގެން ހިނގައްޖެނަމަ ރާއްޖެ އިގްތިސާދީ ގޮތުން ހިކިފަސް ތަނަކަށް އަރާނެ އެހެން ސިނާޢަތް ތަކެއް މިގައުމުގައި މިއަދާހަމަޔަށް ގާއިމުކުރާން ނޭގިފައި ތިބިކަން ގަބޫލުކުރާން އެބަޖެހެއެވެ. ހަމައެހެންމެ އަޅުގަނޑުމެންގެ އެންމެމަތިވެރި އަގީދާ ކަމުގައިވާ އިސްލާމް ދީނުގެ ކަރާމާތާއި ވަޙުދަތު ހިފަހައްޓައި ރައްކާތެރި ކުރާން އެބަޖެހެއެވެ. މިކަން ކުރެވޭނީ މިހާރު މިފެންނަ ގޮތާ ޚިލާފަށް ދީނީ ޢިލްމުވެރީން ސަރުކާރާއިއެކު އެއްބާރުލައި ގައުމު ހަމަމަގަށް ގެންދިއުމުގެ ވިސްނުން ކުރިއަށް ނެރުއްވައިގެން ކަމުގައި ދަންނަވާން ޖެހެއެވެ. މަގުމައްޗަށް ނުކުމެ ހުޅުޖަހައި ދުނިޔޭގެ މާލީ އިދާރާތަކަށް ގޮންޖަހައި ސަރުކާރު ވައްޓާލުމަށް ނުކުންނަ ބައިގަނޑު ގަނޑުގެ މެދުގައި ޢިލްމުވެރީން ތިއްބަވައި އެކަންކަމަށް ފާޅުގައި ތަރުޙީބު ދެއްވަމުން ދާނަމަ ތިޔަބޭފުޅުން އަދި ތިޔައަދާ ކުރައްވަނީ ތިބޭފުޅުންގެ ފުރިހަމަ ޒިންމާ ނޫންކަމުގައި ހިތާމަޔާއިއެކު ދަންނަވާން ޖެހެއެވެ.