މާލީ ސިޔާސަތަށް ގެންނަ ބަދަލުގެ ސަބަބުން ވިޔަފާރިވެރިންނަށް ފައިދާވާނޭ ކަމަށް ރައީސް ވިދާޅުވެއްޖެ

president_nasheed

ރާއްޖޭގެ ޓެކްސްގެ ނިޒާމަށާއި، ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށް، ސަރުކާރުން ރާއްޖޭގެ އިޤްތިޞާދަށް ގެންނަވާ ބަދަލުތައް ގެންނަވަމުން ގެންދަވަނީ، ޢާންމު ވިޔަފާރިއަށް، އެކަމުން ފައިދާކުރާނެ ކަމުގެ ފުރިހަމަ އިތުބާރާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް މިވަގުތު ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެންނެވުމާ ގުޅޭ މަޢްލޫމާތު ޙިއްޞާ ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ޙާލަތަކީ، ދައުލަތުގެ އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދު ވަރަށް ބޮޑުތަނުން ބޮޑުވެގެން ދިޔުން ކަމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރެވެންހުރި މިންވަރަކީ، ވަކިމިންވަރެއްކަން މިހާރު ވަރަށް ބޮޑަށް ސާފު ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ޚަރަދުތަކުގެ ބޮޑުބައެއް މިހާރު ފޫބައްދަނީ، ކޮމާޝަލް ބޭންކްތަކަށް ޓްރެޜަރީ ބިލް ވިއްކަވައިގެން ކަމަށާއި، މިގޮތަށް ޑެފިސިޓް ފޫބައްދަމުން ގެންދެވުމުން، އަމިއްލަ ވިޔަފާރިތަކަށް ބޭންކްތަކުން ފައިސާ ދޫކުރުން ވަރަށްބޮޑުތަނުން މަދުވެގެންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެޙާލަތުން އަރައިގަނެވިގެން މެނުވީ، ޢާންމު ވިޔަފާރި ތަރައްޤީއެއް ނުވާނެއެވެ. އަދި ސަރުކާރުން ދެކެވަޑައިގަންނަވަނީ، ޢާންމު ވިޔަފާރި ތަރައްޤީވެގެން ނޫނީ، ވަޒީފާގެ ފުރްޞަތު ފަހިވެގެން ނުދާނެ ކަމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ޓެކްސް ނެގުމުގެ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާނީ ވިޔަފާރިވެރިން ކަމަށާއި، ދައުލަތުގެ މާލިއްޔަތަށާއި އަދި އެންމެހާ ފައިސާއާ ގުޅޭ ކަންކަމަށް ވެފައި އޮތްގޮތް، އެންމެ ސާފުކޮށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުންނަށްވާނީވެސް ވިޔަފާރިވެރިން ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިރާއްޖެ މިއަދު މިދެކޭ ތަނަވަސްކަން ލިބުމުގައި، އެންމެބޮޑު ދައުރެއް އަދާކޮށްފައިވަނީވެސް ވިޔަފާރިވެރިންކަމާއި، އެބޭފުޅުންގެ ހީވާގި މަސައްކަތުން ރާއްޖޭގެ ތަނަވަސްކަން ކިތަންމެ ތަނަކުން އުފުލިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޤައުމީ ތަރައްޤީ ޙާޞިލް ކުރުމަށް، ޢާންމު ވިޔަފާރި ތަރައްޤީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި ބައްލަވާލެއްވިއެވެ. މިގޮތުން، އާމްދަނީ އިތުރުކުރެއްވުމަށްޓަކައި ގެންނަވަންޖެހޭ ޤާނޫނީ އިޞްލާޙުތައް ގެންނެވުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ގެންދަވާއިރު، ޢާންމު ވިޔަފާރި ހިންގުން ފަސޭހަ ކުރެއްވުމަށާއި، ވިޔަފާރީގެ މުޢާމަލާތްތައް، ފަހިގޮތުގައި ހަލުވިކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެން ބޭނުންވާ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ވިޔަފާރީގެ އިތުރު އެއް އަސާސަކީ ބިންކަން ބަޔާންކުރައްވައި، ފުރިހަމަ ގޮތުގައި ވިޔަފާރި ކުރިއެރުވުމަށްޓަކައި، ވިޔަފާރީގެ އުޞޫލުން ބިމުގެ މުޢާމަލާތް ކުރެވޭނެގޮތް ހޯދަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަހުނުގެ ފަސޭހަކަމާއި، ބޭންކިންގ ނިޒާމް ފުރިހަމަ ކުރުމާއި އަދި ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރީގެ ފުރްޞަތުތައް ފަހިކުރެއްވުމަށްޓަކައި ކޮންމެހެން ގެންނާންޖެހޭ ބަދަލުތަކެއްވެސް އެބަހުރިކަން ބަޔާންކުރައްވަމުން، ރަހުނުގެ ޤާނޫނަށް އެބަދަލުތައް ގެންނެވުމަށްވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދަށް ސަރުކާރުން ގެންނަވަމުން ގެންދަވާ އަދި ގެންނެވުމަށް ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެކުވެރި ދައުލަތްތަކާއި، ވިޔަފާރިވެރިންނާއި، ރާއްޖޭގެ ވިޔަފާރި ޖަމާޢަތްތަކާއި، އަދި ސިޔާސީ ޕާޓީތަކާއި، އަދިވެސް ސަރުކާރަށް މިކަމުގައި މަޝްވަރާ ކުރެއްވެންހުރި ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ގެންނަވާ ބަދަލުތަކެއް ކަމުގައި ވިދާޅުވިއެވެ.

އަދި، ސަރުކާރުން ގެންނަވަމުން ގެންދަވާ އަދި ގެންނެވުމަށް ހުށަހަޅުއްވާފައިވާ ބަދަލުތަކާއެކު، ރާއްޖެ މިއަދު އެނބުރޭން މި އެދެނީ، އަދި އެނބުރުމަށް މަސައްކަތްކޮށް، މިޞްރާބު މިކުރަނީ، މިހާރު މިހުރި މިންވަރަށްވުރެ އަދި އެތައް ގުނައަކުން ރާއްޖޭގެ ފުއްދުންތެރިކަމާއި، ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަމާއި މުއްސަނދިކަން އަރައިގެން ދެވެންއޮތް މަގަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބަކީ، އެމަނިކުފާނު ދެއްވި 100 ވަނަ ރޭޑިޔޯ ޚިޠާބެވެ.