ސާލިމިއްޔާގޭގެ މީހުންނަށް އެހީވުމަށް އެމްޑީޕީން ފަންޑްރައިސް ކުރަނީ

– މިހާތަނަށް ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ – ޑރ.ޑީޑީ

didi-450-x-338

އަލިފާނުގެ ހާދިސާއެއް ގައި އަނދާ ހުލިވި ސާލިމިއްޔާގޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްޑީޕީން ފަންޑްރައިސް ކުރަމުންދާ ކަމަށް އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ސާލިމިއްޔާ ގޭގައި ދިރިއުޅުނު އާއިލާތައް މިހާރު ދިރިއުޅެމުންދާ ވަގުތީ ހިޔާ ކަމަށްވާ ސޯޝަލް ސެންޓަރަށް ކުރެއްވި ޒިޔާރަތަކަށްފަހު ޑރ.ޑީޑީ ވިދާޅުވީ ސާލިމިއްޔާ ގޭގައި ހިނގާދިޔަ ހިތާމވެރި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހިވުމަށް “އެމްޑީޕީން ލޮބީކޮށްގެން” ފައިސާ ހޯދަމުންދާ ކަމަށާއި، އެކަމަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް ހެޔޮއެދޭ ފަރާތަކުން އެއް ލައްކަ ރުފިޔާގެ ދިލަތި އެހީ އެއް ވެދެއްވާފައިވާ ކަމަށާއި، އެމްޑީޕީގެ ބައެއް އެހެން މެންބަރުން ވެސް ފައިސާގެ އެހީ ވަމުން އަންނަ ކަމަށެވެ. އަދި މި ގޮތަށް ލިބޭ ފައިސާ ވިހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ސާލިމިއްޔާ ގޭގައި ދިރިއުޅުނު ފަރާތްތަކަށް ހަދިޔާކުރައްވާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
އިއްޔެ ޑރ.ޑީޑީ ވަނީ ސޯޝަލް ސެންޓަރަށް ވަޑައިގެން ސާލިމިއްޔާ ގޭ މީހުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ހާލުއަހުވާލު ބައްލަވާ ލައްވާފައެވެ.