އެމްޑީޕީގެ ފިސާރި ޚާއްޞަ ޖަލްސާއެއް ހޮނިހިރު ދުވަހުގެރޭ އޮންނާނެ

– މި ޖަލްސާ އެމްއެންބީސީ ވަން އިން ލައިވްކުރާނެ

އިބްރާހީމް ރާމިޒް

51244112_223723317653813_100000484401351_894136_1361350_o

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން “ވައުދުތައް މެކުހަށް” މި ނަމުގައި ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން 3 ވަނަ ޖަލްސާ އަކީ ފިސާރި ޚާއްސަ ޖަލްސާ އަކަށް ވެގެންދާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
މިއަންނަ ހޮނިހިރު ދުވަހުގެރޭ ލޮނު ޒިޔާރަތްކޮޅު, ސުނާމީ ބިނާ ކައިރީގައި އެމްޑީޕީން ބާއްވާ މި ޖަލްސާގައި ވެސް މި ސިލްސިލާގެ ވޭތުވެދިޔަ 2 ޖަލްސާ އެކޭ އެއްފަދައިން ” ސަޕްރައިޒް” ތަކެއް ފެނިގެންދާނޭ ކަމަށް އެޕާޓީން ބުނެއެވެ. އަދި މިޚާއްސަ ޖަލްސާއަށް އެޕާޓީގެ ވީހާވެސް ގިނަ މެންބަރުންނާއި، އެޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެމްޑީޕީން އެދެއެެވެ.
އެމްޑީޕީގެ ” ވައުދުތައް މެކުހަށް” ސިލްސިލާ ފެށީ މި ދިޔަ މެއި 20 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗް ގައެވެ. އެ ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ޑެޕއުޓީ ލީޑަރު އަދި އެ ޕާޓީގެ އެންމެ މައި އެއް ތަނބު ކަމަށްވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި، މުޅި ރާއްޖެ ސިއްސުވާލުމަށްފަހު އެމްޑީޕީ އަށް ސޮއިކުރައްވާފައެވެ. އަދި އޭގެ 3 ދުވަސް ފަހުން 23 މެއި ގައި ދަރުބާރުގޭގައި ބޭއްވި އެ ސިލްސިލާގެ 2 ވަނަ ޖަލްސާގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަައެވެ.
އެހެން ކަމުން ހޮނިހިރު ދުވަހުގެރޭ އެމްޑީޕީން ފިސާރި ޚާއްޞަ ޖަލްސާއެއް ކަމަށް ބުނާ މި ޖަލްސާގައި މި ފަދަ މަންޒަރުތަކެއް ފެނިގެން ދިއުން ގާތްކަމަށް އެޕާޓީން ބުނެއެވެ.
މި ޚާއްސަ ޖަލްސާ އެމްއެންބީސީ ވަން އިން ވަގުތުން ދުރަށް ދައްކާނެއެވެ.