ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ކަމަށް އިޢުލާންކޮށްފި

އިބްރާހީމް ރާމިޒް

1-450-x-301

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ބަދަލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން އިޢުލާންކޮށްފިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީގެ ބަދަލުގައި މިހާރު މެޖޯރިޓީ ލީޑަރުގެ މަގާމް ލިބިވަޑައިގެންފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު (ރީކޯ) މޫސާ މަނިކަށެވެ.
މިހާރު ފަށައިގެން ކުރިޔަށް ގެންދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ގައި މިކަން އިޢުލާންކޮށްދެއްވީ އެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއެވެ. އަދި އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި، މެޖޯރިޓީ ލީޑަރުގެ އޮފީހުގެ ގޮތުގައި ކުރިން ބޭނުންކުރަމުން ދިޔަ އޮފީހުގެ ނަން ބޯރޑް މިހާރުވަނީ މައިނޯރިޓީ ލީޑަރުގެ އޮފީސް ނަމަށް ބަދަލުކޮށް، މައިނޯރިޓީ ލީޑަރުގެ އޮފީހުގެ ގޮތުގައި މޫސަ ބޭނުންކުރައްވަމުން ގެންދެވި އޮފީހުގެ ނަން ބޯރޑް މިހާރުވަނީ “މެޖޯރިޓީ ލީޑަރުގެ އޮފީސް” ގެ ނަމަށް ބަދަލުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތަށް ބަލާއިރު އެމަޖިލީހުގައި އެމްޑީޕީގެ 34 މެންބަރުން ތިއްބަވާއިރު، ޑީއާރުޕީއާއި ޕީއޭ ކޯލިޝަނުގައި ތިއްބަވަނީ 32 މެންބަރުންނެވެ.އަދި ޖުމްހޫރީ ޕާޓީގެ ލީޑަރާއެކު އެޕާޓީގެ 3 މެންބަރުން ތިއްބަވާއިރު، ގައުމީ ޕާޓީއަށް ނިސްބަތްވާ 1 މެންބަރަކު މަޖިލީހުގައި އިންނަވައެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފުރަތަމަ ކިޔުން އިއްވާ 2 ބިލަކާއި އިބްތިދާއީ ބަހުސް ފެށުމަށް 5 ބިލެއް ހިމެނިފައިވެއެވެ.