މެންބަރުންގެ ޚިޔާލު: ބާޠިލްގެ ކުލަ ފިލައިދަނީއެވެ. !!!

ފުނަމާ

ގައުމުގައި އުފެދުނު ކަތުރުފަންޏާއި މުނާފިގުންގެ ސަބަބުން މިގައުމު މުޅީން ހަލާކުވެ ، ދިވެހި ރައްޔިތުން ބިރުވެރިކަމާ ނާމާންކަމުގައި އުޅެމުންދާތާ އެތަކެއް ގަރުނުވެފައި ވަނިކޮށް ، މިގައުމުގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ކަމާ މިނިވަންކަން ހޯދައިދިނުމަށް ރައްޔިތުން ނުކުމެ ކުރީގެ ޚުދުމުޚުތާރު ވެރިކަމުގެ ޝަޤާފަތް މިވަނީ ބަދަލުކޮށްފައެވެ. މިއަދު މިގައުމުގެ ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފާއިއެކު ހެޔޮ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް މިއަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބުވަމުން ދާތަން ފެންނާތީވެ ކުރީގެ ޚުދުމުޚުތާރު ގޮތްކުޑަ ޝަޤާފަތުގެ ދެވި ހިފާފައިވާ މީހުން ނާއި ކަތުރުފަންޏާއި ، މުނާފިގުންގެ ތެރެއިން އަމުދުން ތަޖުރިބާއެއްނެތް ، އޮޓޯސްކްރިޕްޓްއަށްވެސް އަހުލުވެރިނޫން ، ކުކުޅަށްވުރެ ބިސްދޮށިވެގެންއުޅޭ ކަތުރުފަންޏެއް މީޑިއާއަށް އަރުވައިގެން ، އިއްޔެގެ ސައްދާމާއި މިއަދުގެ ގައްޒާފީ ދެންއެހެންގޮތެއް ނެތުމުން ރައްޔިތުންނަށް އޮޅުވާލައި ދެއްކި، އަދި ދައްކަމުން ގެންދާ ކަހަލަ ވާހަކަތައް އެގެންދަނީ ދައްކަމުންނެވެ. މިކަންކަމުން ފާޅުވެ އެނގެމުން މިދަނީ އަނިޔާވެރީންގެ މަކަރުވެރިކަމާއި ، ހީލަތްތެރިކަން މިއަދު ބޭޒާރު ވެއްޖެކަމެވެ. ގައުމު އެކުވެރިވުމަށާއި ގުޅުންތައް އިސްލާހުކޮށްދެއްވުމަށް ކުރެވޭ ދުޢާއަކީ ހަމައެކަނި ދުލުކުރީންކުރާ ނުވަތަ، ލިޔެފައިވާ ގަނޑުގައި އޮތީތީވެ ކިޔާލާ އެއްޗެއްކަން މިއިނގެނީ އެއަށްފަހު އެހެންމީހުންނާ ދިމާލަށް މުނާފިގުންނޭ ، ރިޝްވަތު ކޯރުންނޭ ގޮވައި ހުތުރު ބަސްތައް ރައްދުކުރަމުން ގައުމުގައި ހަމަނުޖެހުން ހިންގައި ސަރުކާރު ވައްޓާލަން ގޮވައި ރޮއެހޭރި އާދޭސްކުރަމުން ގެންދާތީއެވެ. އިޚްލާސްތެރި ކަމާއެކު ހެޔޮހިތުން މީހުން ދައްކާ ވަހަކައަކީ އޭގައި ދޮގާ މަކަރާ ހީލަތުން ފުރިފައިވާ ވާހަކަތަކެއް ނޫންކަން ނޭނގޭވަރުގެ މޮޔައިން ލައްވާ މިފަދަ ކަންކަން ކުރުވަން އުޅުމުން ބައެއްފަހަރު ބޮލާފޮށާވެސް އެޅޭނެއެވެ.
މިގައުމުގައި ތިއްބެވި ދުވަސްވީ މީހުންނަކީ އަގެއްނެތް ބައެއްގެ ގޮތުގައި އެމީހުންނަށް އެއްވެސް އަޅާލުމެއްނެތި އުކާލެވިފައި ތިއްބައި މިސަރުކާރުން އެފަދަމީހުންނަށް ޚާއްސަ އެތަކެއް ޢިނާޔަތްތައް ދެއްވާން ފެއްޓެވިކަމީ ކުރީގެ ވެރީންނަށް އެކަން ހަޖަމު ނުކުރެވިގެން އުޅޭ ކަންކަމުގެ ތެރެއިން އެއްކަމެކެވެ. ރައްޔިތުންގެ އަޣްލަބިއްޔަތު އޮތީ ކޮންބަޔަކަށްކަން ހަމަޔާއި އިންސާފުން ބަލާލައިފިނަމަ އެނގޭން އެބައޮތެވެ. މުޅިރާއްޖޭގެ އެންމެންގެ ވޯޓުގެ ތަނަވަސް އަޣުލަބިއްޔަތުން ވެރިކަން ހަވާލުކުރީ މިއަދުގެ ރައީސްއާއިއެވެ. “ބުމަރު ކޮޔާ، ތަނަކު ކެހެނިއަޅައިގެން އެއުޅޭ ބަހުލޫލަކާ ” ނޫނެވެ. ދިވެހި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ އިތުރު އާބާދީއެއް ދިރިއުޅެމުން ގެންދާ މާލޭ ސިޓީއާއި ، ރާއްޖޭގެ ދެންއެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ މެޖޯރިޓީ އޮތީ ކިހިނެއްކަމާ މިނޫންވެސް އާބާދީ ބޮޑެތި ކުޅުދުއްފުއްޓާއި ، ތިނަދޫ ފަދަ ރަށްރަށުގެ މެޖޯރިޓީ އޮތީ ކިހިނެއްކަން ބަލާލުމުން މަންޒަރު ސާފުކޮށް އެބަފެނެއެވެ. އެބުނާ ރައްޔިތުންގެ މަޖުލީހުގައި މިހާތަނަށްވެސް މެޖޯރިޓީއެއް އޮތީ އެހެންބައެއްގެ އެހީތެރިކަމަށް ސަލާންޖަހައިގެންކަން އެވާހަކަ ދައްކާ މީހުންނަށް ނޭގޭކަމީ ކަންކަމަށް ތަސައްރަފު ނުފުދޭ ކަމުގެ ހެއްކެކެވެ. ރައްޔިތުންގެ މަޖުލީހުގެ ވޯޓުނަގަނީއަކީ ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް މުޅިރާއްޖޭގެ އެންމެން ވޯޓުލައިގެންނަކުން ނޫނެވެ. އެކެންޑިޑޭޓަކު ކުރިމަތިލާ ދާއިރާއެއްގައި ދިރިއުޅޭ މީހުން ވޯޓުލައިގެންނެވެ. ދެން ނިކަން ހުނިދަޅެއް ދީގެން ނަމަވެސް ވޯޓުގުނާން އެމީހުންނަށް ޖައްސަބަލާށެވެ. އޭރުން ގިނަވޯޓު ލިބުނީ ކޮންބަޔަކަށްކަން އެނގޭނެއެވެ. ރައްޔިތުންގެ މަޖުލީހުގެ އަދި ލޯކަލް ކައުންސިލްގެ ވޯޓުކިޔައިދިނީ ކީކޭކަން ސާފުވާނެއެވެ. ތިމާމެންނަކީ މަޖުލީހުގެ މެޖޯރިޓީ އޮތުމުން ރާއްޖޭގެ އަނެއްދެބާރަށްވެސް ނުފޫޒު ހިންގޭ ބައެއް ކަމުގައި ދެއްކުމަށް ހިތުހުރިތާކު ހިތުހުރި ވާހަކައެއް މިނިވަންކަމާއެކު ދެއްކޭ ބައެއް ކަމުގައި ވެގެން އުޅުނު ދުވަސް މިއަދު މާޟީވެ ދާތަން ފެނުމުން ލަގޮނޑީގައި އަޅާވޭނުން ކެއްނުވެގެން ނުކުމެ މަރުގޯސް ގޮވަމުން ގެންދާއިރު ފުރަތަމަ ތިމާމެންގެ އަމިއްލަ ހާލާއިމެދު ވިސްނާލުން ރަނގަޅުވާނެއެވެ. އަމިއްލައަށް ވެރިކަން ހަވާލުކުރި ލީޑަރަށް ބޯލެނބުމެއް ނެއް ބަޔަކަށް އެހެންބަޔަކަށް އިހްތިރާމު ކުރާން އެނގޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟ އެއްފުޅައްމަތީން ފުންމާލި ބަކަރި އަނެއްފުޅަށްމަތީން ފުންމާނުލާނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
މިއަދު މިގައުމުގައި މީހުން ބޮޑެތި ކުށްތަކަށް އަރައިގަންނަ ކަމުގައި ބުނެއުޅޭއިރު އެޝަގާފަތް ރައްޔިތުންގެ ތެރޭގައި ހަރުލެއްވީ ކޮންބައެއް ބާވައެވެ؟ ދެހާސް ހަވަނަ އަހަރާ ހަތްވަނަ އަހަރު އަދި އަށްވަނަ އަހަރު އެކަނިވެސް ތުއްތު ތިންކުދީން މަރާލިއިރު ވެރިކަމުގައި ހުރީ ކާކުހެއްޔެވެ؟ އޭގެ ކުރީން ފ އަތޮޅުގެ ރަށެއްގެ އަންހެނަކު ޖެހިޖެހިގެން ތިންކުދީން ބަނޑުއަޅާ ވިހާފައި މަރާލިއިރު ވެރިކަމުގައި ހުރީ ކާކުހެއްޔެވެ؟ މިނޫންވެސް ކިތަންމެ ކުދީންނެއް ވޭތުވެދިޔަ ވެރިކަމުގައި މަރާލާފައިވާއިރު ވެރިކަމުގައި ހުރީ ކާކުހެއްޔެވެ؟ މަސްތުވާ ބާރުގަދަ އެއްޗިއްސާ ދެރައެއްޗިހީގެ ޝިކާރައަކަށްވެ ގައުމުގެ މުޅިޒުވާން ޖީލު ހަލާކުވެ ދިޔައީ ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ މިރާއްޖޭގައި ކިރިސްތިޔަން ދީން ފާޅުގައި ފަތުރަމުން ގެންދިޔައީ ، ރިސޯޓެއްގައި ބުދުކޯލެއް ހެދީ ކާކުގެ ވެރިކަމެއްގައި ހެއްޔެވެ؟ ބެންކު އޮފް މޯލްޑިވްސް އިން ކެންޕޭނަށް ޚަރަދު ކުރުމަށް ލޯނުގެ ނަމުގައި ބަންޑެލި ބަންޑެލީން ފައިސާނަގައި ހުސްކުރުވީ ކާކުހެއްޔެވެ؟ ފަގީރުންގެ ނަމުގައި ތަންތާތިބޭ ބަހުލޫލުންނަށް ތީމުގޭ ބަޖެޓުން ރިޝްވަތުގެ ގޮތުގައި ވިހިތިރީސްހާސް ޑޮލަރު ޚަރަދުކުރީ ކާކުހެއްުޔެވެ؟ އަދި އެރިޝްވަތުގައި ހިފި މީހާއަށް އެކެވެނީ ފަގީރުންގެ ޙައްގެއްކަމާ އެއީ ހަރާމް އެއްޗެއްކަން އެދުވަހު ނޭނގުނީތީ އަޖާއިބުވެއެވެ. ޖަމިއްޔާ ގެރިފަތީގެ ވާހަކައިގައި އެކިޔާހެން ކުރިމަތީގައި އޮތްގެރީގެ ނަގުލުގައި އޮޅިފައިއޮތް ގުއިގަނޑު ފަހަތުގައި މިއޮތް ގެރިއަށް ނުފެންނާތީވެ ބޮޑުޓައީއެއް އަޅައިގެން އަރައި ގައުމާ މުޚާތަބުކުރާނަމޭ ހީކޮށް ހަދަމުންގެންދިޔަ ދޮގުތައް ހަދަމުން ގެންދަނިކޮށް ލިޔުންކޮޅު ގެއްލުމުން ” އޯޝިޓް! ” މިހެން ގޮވާލެވުނީ އަމިއްލަ ނަގުލުގައި އޮތް ގުއިގަނޑު މާބަރުކަން އެނގުނީމަތޯއްޗެކެވެ. ބުނަން ހެއްޔެވެ؟ މީގެކުރީން ތިޔަބައިގަނޑުގެ އަތުގައި ބާރުއޮތަތީވެ ތިމަންނާމެންގެ އަތްދަށުވެފައި މިގައުމުގެ ފަނޑިޔާރުން ތިބިކަން އަންގާން ވެގެން ޝަރީޢަތުގައި ހުކުމް ކަނޑައަޅާނެ ގޮތްވެސް މާކުރީން ގޮވައި ހެދިއެއްކަމަކު މިއަދު އެދުވަސް މިވަނީ މާޟީ ވެފައެވެ. ބާތިލުގެ ކުލަފިލައި ހިނގައި ދިއުމުގެ ދުވަސް އަތުވެއްޖެ ކަމުގައި އަމިއްލައަށް ގަބޫލުކުރުން ދެން މާރަނގަޅުވާނެއެވެ