މެންބަރުންގެ ޚިޔާލު: މިހާރަކު ދިވެހީންނަކަށް އޮޅުވައެއް ނުލެވޭނެ!!!

ފުނަމާ

މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން އިވެމުންދާ އަޑެކެވެ. ޚާއްސަކޮށް ސަރުކާރާ އިދިކޮޅު ފަރާތްތަކުންނެވެ. މިކަމުން ދޭހަވަނީ މީގެ ކުރީން ދިވެހީންނަށް ކަންކަން އޮޅުވާލެވި ވާނުވާ ނޭނގޭ ކަމެވެ. ރާއްޖޭގައި ސަރުކާރުން ހިންގަމުން ގެންދާ ކަންކަން ،ޚާއްސަކޮށް ރައްޔިތުންނާއި ގުޅޭ ކަންކަންވެސް އޮޅުވާލާ ކުރީގެ ސަރުކާރުން ކަންކަން ކުރަމުން ގެންދިޔަ ވާހަކައަކީ އަޅުގަނޑުމެން ކުރީން ވަރަށް ގިނައިން ދެއްކި ވާހަކައެކެވެ. އިދިކޮޅު ފަރާތްތަކުން މިއަދު އެބުނަމުންދާ ވާހަކައިން އެއީ ޙަޤީގަތެއްކަން މިއަދު މިދަނީ ހާމަވަމުން ދަލީލު ލިބެމުންނެވެ. ކުރީގައި ސަރުކާރުން ކުރަމުން ގެންދާ ކަންކަން ރައްޔިތުންނަށް އޮޅުވާލެވިފައި އޮތެއް ކަމަކު މިއަދު ސަރުކާރުން ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކީ ރައްޔިތުންނަށް އެކަމެއްގެ ” ވަތުބަތާނަޔަށް ދާންދެން” އެނގި އޮޅުންފިލަމުންދާ ކަންކަމެވެ. މިކަމުން ގައިމުވެސް ރައްޔިތުންނަށް ދެފުށް ފެންނަ ސަރުކާރެއް ގާއިމް ކުރެވިއްޖެ ކަމުގެ ހިންހަމަޖެހުން ލިބިއްޖެއެވެ. އެހެނަސް ސަރުކާރަކުން ކަންކަން ކުރާއިރު ކުރީގެ މާޟީއިން ކަންކަން ބަލައިގަނެ ކުރިއަށް ދާންޖެހޭނެކަމުގައި ބައެއް މީހުން ބުނެއުޅޭތީވެ މިސަރުކާރުން އެފަދަ ބައެއް ކަންކަން ދޫކޮށްލާފައި ވާތީވެ ކަންބޮޑުވާ ބައެއް ކަންކަންވެސް ފާހަގަ ކޮއްލާ ހިތްވެއެވެ.
ޚާއްސަކޮށް މިހާރަކަށް އައިސް ރައީސްމީހާ ރާއްޖެ ތެރެއަށް ދަތުރު ކުރައްވާއިރު ކުރީން މިގައުމުގައި ރައީސްކަންކުރި މީހާ އެގެންދާހެން ކޮޅުވެއްޓީގައި ހައެއްކަ ކާރު ނުގެންދާތީއާއި ސެކިއުރިޓީއަށް ކަމުގައި ބުނެ އެގެންދާ ގިނަބައިވަރު ލޯންޗުފަހަރާ ސިފައިންނާއި ފުލުހުން ނުގެންދާކަން ފާހަގަ ކުރަމެވެ. އަދި ރައީސް އޮފީހުން ރިޔާސީ ގަނޑުވަރަށާއި ، ބޮޑުފާލަމަށް މަގުބަންދު ކޮށްގެން މޮޓަރކޭޑުގައި ދެތިންކާރާ އެކު ރައީސްމީހާ ނުދާކަން ފާހަގަ ކުރަމެވެ. ހަމައެހެންމެ ރައީސްމީހާ ދުނިޔެއަށް ނޭވާލާ ކޮންމެ ސިކުންތަކަށް ހައެއްކަހާސް ރުފިޔާ ދައުލަތުން ނުނަގާކަން ފާހަގަ ކުރެވެއެވެ. މިކަންކަމަކީ ކުރީގެ މާޟީއަށް ބަލާނަމަ ރައީސްމީހާގެ ހައިބަތު ގެއްލޭ ކަންކަން ކަމުގައި އެބަބުނާން ޖެހެއެވެ. ހަމައެހެންމެ ކުރީގައި މަދުންނޫނީ ރައީސްމީހާ ރައްޔިތުންނާ މުޚާތަބު ކުރަމުން ނުގެންދިޔަ ކަމުގައި ވިޔަސް ކޮންމެ ހަފުތާއަކު އެއްފަހަރު މިހާރުގެ ރައީސްމީހާ ރައްޔިތުންނާއި މުޚާތަބުކޮށް ރޭޑިޔޯ ޚިތާބު ދެއްވާތީއާއި އަދި ، ހަމައެހެންމެ ގިނަގިނައިން ނޫސްވެރީންނާއި ބައްދަލު ކުރައްވައި ކަންކަން އޮޅުންފިލުވައި ދެއްވުމުގެ ގޮތުން ނޫސްވެރީން ބޭނުންވާހާ ސުވާލުތަކަކަށް ވަގުތުއޮތް މިންވަރަކުން ޖަވާބު ދެއްވާ ކަމާ އަދި ، ހަމައެހެންމެ ޖަދަލުކުރުމުގެ ގޮތުން ކުރިމަތިކުރާ ސުވާލުތަކަށްވެސް ޖަވާބުދެއްވާތީވެ ރައީސްމީހާގެ ހައިބަތު ގެއްލޭ ކަމުގައި މީހުން ބުނެއުޅެއެވެ. ކުރީގައި ރައީސްމީހާގެ ކުރިމަތީގައި ނުވަތަ އެހެން ތަނެއްގައިވެސް ރައީސްމީހާއާއި އިދިކޮޅު ބަހެއްބުނާ ކޮންމެ މީހަކަށް ޖަލުގެ ހުކުމެއް އަންނަހެން މިއަދު އެކަން ނުކުރާތީވެ މިހާރުގެ ރައީސްމީހާގެ ގަދަރު މާކުޑަކަމުގައި މީހުން ބުނެއުޅެއެވެ. މާޟީގައި ސަރުކާރުން ކުރަމުން ގެންދާ ކަމެއް އޮޅުންފިލުވަން އުޅޭމީހުންނަށާއި ، އެކަންކަމާ ނުގޮތަކަށް ކިރިޔާ ބަހެއް ބުނެއުޅޭ މީހެއްނަމަވެސް ހައްޔަރުކޮށް އަތްފަޔާއި މައިބަދަ ބިންދާގޮތައް މިސަރުކާރުން ކަންކަން ނުކުރާތީވެ ސަރުކާރުގެ ހައިބަތާ ކަރާމާތް ނެތެމުންދާ ކަމުގައި މީހުން އެބަބުނެއެވެ. ބައެއް އިސްލާމީ ގައުމުތަކާއި މިނޫންވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުންނާއި ޚާއްސަކޮށް ކުރީގެ ސަރުކާރުން އިދިކޮޅު ހަރަކާތްތައް ހިންގާ ފަރާތްތަކާ އިދިކޮޅަށް ބަރުހަތިޔާރު ބޭނުންކޮއްގެން މީހުން ނުމަރާތީވެ މިގައުގައި މިހާރުމިއޮތް ސަރުކާރަކީ އެންމެ އަނިޔާވެރިކޮށް މުޒާހަރާތައް ރޫޅާލާ ސަރުކާރުކަމުގައި އިދިކޮޅު ފަރާތްތަކުންދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ނޫސްތަކުގައި ޖަހަމުން ދާތީވެ އެވެރީން ކަންކުރާގޮތައް ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރާމީހުން ބަޑިޖަހައި ނުމަރާތީވެ ސަރުކާރުގެ ކަރާމަތާ ހައިބަތު ގެއްލިގެން ދާކަމުގައި މީހުން އެބަބުނެއެވެ. ކުރީގައި ދީނީ ޢިލްމުވެރީންގެ ދޫބަނދެ ގައިގައި ފެޅިއްޔާ ފެޅި އިސްތައްޓެއް ކޮށާވަޅިން ބޭލިހެން މިހާރު މިސަރުކާރުން ކަންކަން ނުކުރާތީވެ އިސްލާމްދީނުގެ ކަރާމަތް ނަގާލުމުގައި މިސަރުކާރު އުޅެނީ ވަރަށް ކުރީގައި ކަމުގައިވެސް އެބަބުނެއެވެ. ޗައިނާއަކީ ކޮމިއުނިސްޓު ގައުމެއް ކަމުގަ، ސިރީލަންކާގައި އުޅެނީ ސިންގަޅައިން ކަމުގައި ، ކޮސޯވޯއަކީ މިނިވަން އިސްލާމީ ގައުމެއް ކަމުގަ، އިންޑިޔާގައި ހިންދީން އުޅޭކަމުގައި ، ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ އަތުން އިޒުރޭލުން އަތުލާފައިވާ ބިންތައްލިބި މިނިވަން ދައުލަތެއް ގާއިމު ކުރެވެން ވާނެކަމުގައި މިސަރުކާރުން ބުނާތީވެ މިހާރުގެ ޚާރުޖީ ސިޔާސަތަކީ ވަރަށް ދޯހަޅި ސިޔާސަތެއް ކަމުގައި އެބަބުނެ އުޅެއެވެ. މުޔަންމާގެ އިދިކޮޅު ލީޑަރަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދޭތީއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ރައްޔިތުންނާއި އިދިކޮޅަށް ލާއިންސާނީ އަމަލުތައް ހިންގާތީވެ އެގައުމުތަކުގެ ވެރީންނަށް އެކަންކަން އެގޮތައް ނުކުރުމަށް މިސަރުކާރުން ގޮވާލާތީވެ ސަރުކާރުގެ ޚާރުޖީ ސިޔާސަތު އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމުގައި އެބަބުނެއެވެ. އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ގޮނޑިއެއް ރާއްޖެއަށް ލިބިފައިއެވަނީ މިސަރުކާރުގެ ސިޔާސަތު އެއްގޮތަކަށްވެސް ކަމުނުދާތީ ކަމުގައި އެބަބުނެއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ފައިސާ ޗާޕުނުކުރުމަށާ ޑޮލަރުމާރުކުރާ އަގު ވީއްލުމަށް ގޮވާތާ އެތައް އަހަރެއް ވެފައިވާއިރު ، ކުރީގެ ސަރުކާރުން މިކަން ނުކޮށް އޮއްވައި މިސަރުކާރުން އެކަން ކުރުމަކީ ދުނިޔޭގެ މާލީ އިދާރާތަކުން އެކަމަށް ކިތަންމެ މަރުޙަބާއެއް ކިޔަސް މިސަރުކާރުގެ މާލީ ސިޔާސަތުގެ ދޯހަޅިކަން އަންގައިދޭ ކަމެއް ކަމުގައި އެދަނީ ބުނަމުންނެވެ. ކުރީގެ ސަރުކާރުން ކުޅަހާ ވައުދެއް ނުފުދި ސަރުކާރުގެ “ބޮލުރޮދި” ކެނޑިގެން ދިޔަނަމަވެސް މިސަރުކާރުން ވައުދުތައް ފުއްދުމަށް ދޫނުކޮށް މަސައްކަތް ކުރަމުން އެކަންކަން ހަޤީގަތަކަށް ވަމުންދާތަން ދެލޯ ސަލާމަތުން ހުރި ކޮންމެމީހަކަށް ފެންނަމުންދާތީ އެއީ މިސަރުކާރުން ވައުދު ނުފުއްދަނީ ކަމުގައި އެބަބުނެއެވެ. ރައީސްމީހާގެ “އަނގަ ގަދަކަމުން ” ދުނިޔޭގެ ގައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހިވެ އެގައުމުތަކުން ދެމުންގެންދާ އެހީތައް އެތައް ގުނަޔަކަށް އިތުރުވަމުން މިދާ ދިއުމަކީ އެގައުމު ތަކުގެ ކުރިމަތީގައި މިސަރުކާރުގެ އަގުވެއްޓޭތީވެ ވާގޮތެއް ކަމުގައިވެސް އެބަބުނެއެވެ. ރާއްޖޭގެ ދާޚިލީ މައްސަލަތައް ބޮޑުވާތީވެ ރާއްޖެއަށް ފަތުރުވެރީން ނައުމަށް އިދިކޮޅު ފަރާތްތަކުން މަރުދީ ގޮވަމުންދާއިރު އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެ އަންނަ ފަތުރުވެރީން ގިނަވެ މިސިނާޢަތު ފުޅާވަމުން މިދަނީ އިދިކޮޅު ފަރާތްތަކުގެ އެގޮވާލުންތައް ދުނިޔެ ގަބޫލުކުރާ މިންވަރުން ކަމުގައި ބައެއްމީހުން ބުނެއުޅެއެވެ. އާއެނކެވެ. މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި އިދިކޮޅު ފަރާތްތަކުގެ ” އިޚްލާސްތެރިކަން” މިހާރަކުދެން ދިވެހީންނަކަށް އޮޅުވައެއް ނުލެވޭނެއެވެ