ރައީސް ނަޝީދުގެ ޒަޢާމަތުގައި ރާއްޖެ ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމަށް ޗައިނާ އިން ތަހުނިޔާ ވިދާޅުވެއްޖެ

china-maldives

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޒަޢާމަތުގައި، ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި ތަރައްޤީއަށް،
ޗައިނާގެ ޤާނޫނު ހަދާ މަޖިލިސް، ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޗެއަރމަން ވޫ ބަންގުއޯ، ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޗެއަރމަން ވޫ ތަހުނިޔާ ވިދާޅުވީ، އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ، ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ރޭ ބޭއްވެވި ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޗެއަރމަން ވޫ ގެ ވާހަކަފުޅުގައި، ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ލީޑަރޝިޕްގެ ދަށުގައި ރާއްޖެއިން ކާމިޔާބު ކަމާއެކު ކުރިމަތިލައި، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމާއި، ޢުމްރާނީ ތަރައްޤީއާއި، ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދައިދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ރާއްޖެއިން ހޯދާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވާ ދައުރާއި، ރާއްޖެއިން އަދާ ކުރާ ދައުރު އެއްދުވަހުން އަނެއްދުވަހަށް މުހިންމު ވަމުންދާ ކަމުގައި ޗެއަރމަން ވޫ ވިދާޅުވިއެވެ.

ޗެއަރމަން ވޫ ގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ބަޔާންކުރައްވަމުން، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އިތުބާރު ބޮޑުވެގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން އެމަނިކުފާނަށް އަދާކުރި މެހްމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންގެ ތެރެއިން، ޗައިނާއަކީ ރާއްޖެއާ އެންމެ ގުޅުން ބޮޑު އެއް ޤައުމު ކަމަށާއި، ޗައިނާގެ ކުންފުނިތަކާއި ޖަމްޢިއްޔާތަކާއެކު ރާއްޖެއަށް ވަރަށް އުފާވެރިކަމާއެކު އަދި ފައިދާހުރި ގޮތުގައި އެއްބާރުލަމުން ގެންދެވޭ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްގުޅުމާއި ދެއްވާ އެހީތެރިކަމަށްޓަކައި، ޗައިނާގެ ވެރިންނަށާއި، ސަރުކާރަށާއި ރައްޔިތުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޗެއަރމަން ވޫ ބަންގުއޯ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.

ޗެއަރމަން ވޫ ބަންގުއޯ، ރާއްޖެއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.