މެންބަރުންގެ ޚިޔާލު: ހައިސިއްޔަތަކީ ކޮބާ؟

ފުނަމާ

މީގެ ދުވަސްތަކެއް ކުރީންވެސް ހައިސިއްޔަތު އޮޅިމާރުވެ ، ވަކިކުރާން ނޭނގޭ ހިސާބަށް މީހެއްގެ ހައިސިއްޔަތު އިތުރުވެގެން ގޮސް ސުވާލުތަކެއް އުފެދިގެން އަޅުގަނޑުމެން އުޅުނީމެވެ. ރައީސްއެއް ، ޒައީމެއް ، ފިނޭންސް މިނިސްޓަރެއް ، ޑިފެންސް މިނިސްޓަރެއް މިނޫންވެސް ކިތަންމެ ހައިސިއްޔަތެއް އެއްކޮށްގެން މީހަކު އެކި ހައިސިއްޔަތުން ނުކުމެ އެކިވާހަކަ އެކިގޮތަށް ދައްކަމުން ދިއުމުގެ ސަބަބުން ކަންކަން އޮޅިގެން ގޮސް ރައްޔިތުން ތަފާތު ސުވާލުތަކެއް އުފައްދަމުން ގެންގޮސްފާވެއެވެ. މިއަދު އަނެއްކާވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެފަދަ ހައިސިއްޔަތުތަކެއްގެ ވެރިއަކު ފައުޅުވެ އަޅުގަނޑުމެންގެ ބޮލަށް ދުއްތުރާ ކުރަމުންދާތަނެވެ.
ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއްގައި ދައުލަތުގެ ތިންބާރަކީވެސް އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވިގެން ނުވާނެ ވަކިކުރެވިފައިވާ ތިންބާރެވެ. އެއްވަރެއްގެ އިމްތިޔާޒުތަކެއް އޭގެ ޒާތުގައި ލިބިގެންވާންޖެހޭނެ ބާރުތަކެކެވެ. މިއިން އެއްބާރަކަށްވެސް ރައްޔިތުންނަށް ނުވަތަ އެހެންވެސް ފަރާތަކަށް ފާޑުނުކިޔޭ ކަމުގައި ވާނަމަ އަނެއް ދެބާރަށްވެސް ފާޑުކިއިގެން ނުވާނެއެވެ. ހަމައެހެންމެ ފާޑުކިޔޭނަމަ ތިންބާރަށްވެސް ފާޑުކިޔެން ޖެހޭނެ ކަމުގައި ސިކުނޑި ގަބޫލުކުރެއެވެ. ނަމަވެސް ގާނޫނީ ” ރަސްދުކުރުމަކުން ” މިއިން ބާރެއް ރަސްދު ކުރެވިފައި ވާނަމަ އެއީ އެހެން މައްސަލައެކެވެ. މިސާލަކަށް ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ނަން އާންމު ރައްޔިތަކުވެސް ކިޔާނަމަ ކިޔާންވާނީ އިއްޒަތްތެރި ނުވަތަ އެހެން ލަގަބަކާއެކު ކަމުގައި ގާނޫނަކުން ކަނޑައަޅައިފިނަމަ އެނޫންގޮތަކަށް ކަންކޮއްފިނަމަ ކުށްވެރި ވީކަމުގައި ބެލެވިދާނެއެވެ. ހަމައެހެންމެ ރައީސްގެ ނަންފުޅު ބޭނުން ކުރާންވާނީ ސުމުއްވުލް އަމީރޭ ނުވަތަ ސާޙިބުލް ފަޚާމާއޭ ފަދަ ލަގަބަކާ އެކުކަމުގައި ގާނޫނަކުން ކަނޑައަޅައިފިނަމަ އެކަންވެސް ކުރާންޖެހެއެވެ. ދެންހަމަ ފަނޑިޔާރެއްގެ ނަން ގަންނާންވާނީ ސޫރަތުލް ފާތިޙާ އަޑުހަރުކޮށް ކިޔާފައި ކަމުގައި ގާނޫނަކުން ބުނެފިނަމަ އެކަމަކީވެސް އެހެން މައްސަލައެކެވެ. މިކަހަލަ ގޮތްތަކަކަށް ކަންކަން ހިނގަމުން ދާއިރުވެސް އަޅުގަނޑުމެންނަށް މިއަދު މިއިވެނީ ރައީސް މީހާއާއި ދިމާލަށް ދުލަށް އައިހާ އެއްޗެއް ގޮވާލުމަކީ އެއްވެސް ފަރާތަކަށް އައިބުނުވެ ގާނޫނުހަދާ މަޖުލީހުގެ މެންބަރުންނާ ދިމާލަށްވެސް އެތައްސަތޭކަ މީހުންގެ ކުރިމަތީގައިވެސް ރިޝްވަތު ހިފިކަމުގައި ސީދާބަހުން ބުނެ ފާޅުކުރުމާ މިނޫންވެސް ކަންކަމުގައި ހިތުހުރިއެއްޗެއް ގޮވެމުންދާތަނެވެ. ޝަރުއީ ދާއިރާވެސް މިގޮވެލީން ސަލާމަތް ވެފައި ނެތްކަމީ ގަބޫލުކުރަން ޖެހޭ ޙަޤީގަތެކެވެ. އެހެން އެކަން އެވަނީ ގާނޫނީ އިމުން ކަންކަން ބޭރުވަމުން ދާއިރު އެކަންކަމާ ގުޅޭގޮތުން ކޮންމެ ހިނދެއްގައިވެސް ފިޔަވަޅުއެޅުމާއި ބަސްބުނުމާއި ، ގާނޫނު މާނަކޮށް ނެގެހެއްޓުމުގެ ފުރިހަމަ ބާރު ލިބިގެންވަނީ އެއްހައިސިއްޔަތަކުން ޝަރުއީ ދާއިރާއަށް ކަމުގައި ބުނެވޭތީވެ އެކަންކަން އެގޮތަށް ނުހިނގާތީ ކަމުގައިވެސް ބުނާނެ ޖާގައެބައޮތެވެ. ގާނޫނު މާނަކުރުމުގައިވެސް އެކިފަހަރު އެކިގޮތަށް މާނަކުރެވޭކަމުގައި ބައެއްމީހުން ބުނެއުޅެއެވެ. ނިޔާ ކަނޑައެޅުމުގައި އެއްކަމެއްގައި ތަފާތު ނިޔާތައް ކަނޑައެޅެމުން ދާތީކަމުގައިވެސް ބަޔަކު ބުނެއުޅެއެވެ. އަދި މިއަދު މިއިވެނީ އެކަންކަމާމެދު މީހުންގެ ހިތްތަކުގައި މިދެންނެވި ގޮތަށް އުފެދިފައިވާ ޝައްކުތައް ޔަޤީންކަމަށް ބަދަލުވެގެން ދާފަދަ އަޑުތަކެކެވެ. ބައެއްމީހުންނަކީ ކޮންމެފަދަ އެއްޗެއް ޝަރުޢީ ދާއިރާއާއި ، އަނެއް ދެބާރާއި މެދު ބުނިކަމުގައި ވިޔަސް މިނިވަންކަމާއެކު ބުނެވޭ ބަޔެއްކަމުގައި ވާކަމެވެ. އެހެނަސް އެހެންމީހުން ކޮންމެ އެއްޗެއް ބުނެލިޔަސް މާނަ ފުޅާކޮށް އެކަމުގައި އެލިގެން ނުނެއްޓި އުޅެވޭތަނެވެ. މިނިވަން މުއައްސަސާތަކުގައި އެކަން ތަޙުޤީގުކުރުމަށާއި ފިޔަވަޅު އެޅުމަށް ގޮވާލާ ތަނެވެ. މިހެންވާނަމަ އިންސާފު ކޮބައިތޯ މީހަކު ސުވާލުކުރުމަކީ އައިބުކަމަކަށް ނުވާނެ ދޮގެއްތޯއެވެ؟
ފަށައިގަންނަމުން ދަންނަވާލި ފަދައިން އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއަށް މިއުޅެނީ މާގިނަ ހައިސިއްޔަތުތަކެއް ލިބިގެންވާ މީހަކު ފައުޅު ވެގެންނެވެ. އެނބުރޭ ބުމަރެކޭ ކިޔާތީ އިވެއެވެ. އަމިއްލައަށް މިސާލުޖަހައި ” އުމަރުބުނު ޚައްޠާބު ” އާއި އޭނާއާއި އެއްފަދަ ކަމުގައި މޭރުންވާގޮތަކަށް އެއްރެއަކު މީޑިއާއެއްގައި ވާހަކަ ދައްކަނިކޮށްވެސް އަޑުއެހީމެވެ. މީނާއަކީ މިއަދު އެހެންމީހުންނަށް ނޭނގޭ އެތަކެއް ހައިސިއްޔަތުތަކަކާއި އިމްތިޔާޒުތަކެއް ލިބިގެންވާ މީހެއްކަމުގައި ބުނެވެމުން އެބަދެއެވެ. ވެރިކަން ހިންގާ ބާރާއި ، ގާނޫނުހަދާ ބާރަށް މީނާ ހިތުހުރި އެއްޗެއް ބުނަމުން ގެންދިއުމުގެ މިނިވަންކަން އޭނާއަށް ލިބިފައި އޮންނަ ކަމުގައި ބަޔަކު ބުނެއުޅެއެވެ. އަދި މިކަން ހައްދުފަހަނަ އަޅާފައި އޮއްވައި މިއަދު މިއިވެނީ ޝަރުޢީ ދާއިރާގައި ހިނގަމުންދާ ޝަރީޢަތްތަކުގެ ހުކުމް ކުރަންވީގޮތް ނުވަތަ ކުރާނެގޮތްވެސް އޭނާ ބޮޑެތި އެއްވުން ތަކުގަޔާއި މީޑިއާތަކުގައި ކިޔައި ހަދާއަޑެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިއީ ކޮންގާނޫނަކުން ކިހާވަރެއްގެ އިމްތިޔާޒުތަކެއް ލިބިގެން އުޅޭ މީހެއް ބާވައެވެ؟ ޔަގީނުންވެސް އެނގޭ ކަމަކީ އޭނާހިތުހުރި ގޮތަކަށް ކަންކަން ކުރުމަށް އޭނާއަށް ހުރަސްއަޅާނެ ފަރާތެއް މިހާތަނަށްވެސް ނެތްކަމެވެ. އޭނާގެ ހައިސިއްޔަތަކީ ކޮބައިކަން ނޭނގޭކަމެވެ. އޭނާ ކިޔާއެއްޗިއްސާއި ކުރާކަންކަން އެކުރަނީ އައިޑީޕީގެ ލީޑަރުގެ ހައިސިއްޔަތުން ކަމެއް، އެޕާޓީ އުވާލަން ދުވުނު މީހާގެ ހައިސިއްޔަތުން ކަމެއް ، ކުޑައޮޑި ދޫކޮށް ބޮޑުއޮޑިއަށްއެރި ފަތާމީހާގެ ހައިސިއްޔަތުން ކަމެއް ބޮޑުއޮޑީގެ ނައިބު ލީޑަރުގެ ހައިސިއްޔަތުންކަމެއް ، އެ އޮޑިން ވަކިކޮށްފައިވާ މީހެއްގެ ހައިސިއްޔަތުންކަމެއް، ކޮންމެސް ޒެޑުޕީއެއްގެ ކައުންސިލްގެ ރައީސްއެއްގެ ހައިސިއްޔަތުން ކަމެއް ނުވަތަ ރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެއިސް ފަރާތްތައް ކަމުގައި ގާނޫނުގައި ކަނޑައަޅާ ބުނެފައިވާ ފަރާތްތަކުގެ މައްޗަށް އަމުރު މައުރޫފު ހިންގޭ ފަރާތެއްގެ ހައިސިއްޔަތުން ކަމެއްވެސް ނޭނގޭ ކަމެވެ. އެންމެފަހުން ޝަރުއީ ދާއިރާއާއި ބެހޭގޮތުން އޭނާ ބުނެފައިވާ ބަހަކީ ފާޑުކިއުމަށްވުރެ އެދާއިރާއަށް އޭނާގެ ނުފޫޒު ހިނގާކަން ބުނެފާޅުކުރުމަށް އޭނާބުނެފައިވާ ބަހެއްކަމުގައި މާނަކުރާނެ ޖާގައެބައޮތެވެ. އަދި ދެން އޭނާ އެބުނި މައްސަލަތައް ކޮންމެ ގޮތަކަށް ނިމިގެންދިޔަސް ޝައްކުގެ ނަޒަރުން ބަލާނެ ޖާގަ އޮންނާނެ ކަމުގައިވެސް މީހުން އެބަބުނެއެވެ. އެޝަރީއަތްތައް ނިމޭނީ އޭނާއެބުނި ގޮތަށް ކަމުގައި ބައެއް މީހުން މިހާރު ގަބޫލުކުރާއިރު އެނޫންގޮތަކަށް ނިމުނަސް އެއީ އޭނާއަށް އެގޮތަށް ބުނެވުމުން އެނޫންގޮތަކަށް ދައްކާން ނިންމި ގޮތެއްކަމުގައިވެސް ވެދާނެ ކަމުގައި މީހުން ބުނާނެ ޖާގައެބައޮތެވެ. ބޮޑު އޮޑީގެ ގާނޫނީ ވެރީންނަކީ ކޮބައިކަން އެނގޭއިރު އެޕާޓީގެ މުހިންމު ލިޔުންތަކުގައި ސޮއިކޮށް އެހެން ކަންކަންވެސް ގާނޫނަށް ގޮންޖަހައި ފާޅުގައި ކުރަމުން މި ބުމަރަކު ގެންދާއިރުވެސް ފިޔަވަޅެއް ނޭޅެއެވެ. މީނާގެ ހައިސިއްޔަތާމެދު އެބަ ސުވާލު އުފެދެއެވެ. މާތްކަލާކޯއެވެ. މިދާވަރުން ދާނަމަ މާދަމާ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުންވެސް މީނާ ރާއްޖެއިން ބޭނުގައި ބަސްކިޔައި އުޅެން ފަށާފާނެތާއެވެ!