މެންބަރުންގެ ޚިޔާލު: ޝުކުރުވެރިވުމުން އެއްކިބާ ނުވާށެވެ!!!!!

ފުނަމާ

” ކާމިޔާބުގެ ވަގުތުތަކުގައި ހިތްތިރި ކުރުމަށާއި ، ނާކާމިޔާބީގައި ހިތްވަރު ގަދަކުރުމަށް ” އަޅުގަނޑުމެންގެ ލޮބުވެތި ލީޑަރ ރާއްޖޭގެޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދަވާއިރު އެވިދާޅުވާ ބަސްފުޅާމެދު ފުންކޮށް ވިސްނާލަމާތޯއެވެ. އެންމެ ފުރިހަމަ މުސްލިމުންގެ ސިފައަކީ އެބައިމީހުންނަށް އަންނަ ކޮންމެ ކާމިޔާބެއްގެ ވަގުތެއްގައި ޚުޝޫޢަތްތެރިކަމާއެކު ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހު ހަނދުމަކޮށް ﷲގެ ޙަޟްރަތަށް ޝުކުރުގެ ސަޖިދައެއް ކުރުމެވެ. ތިމާގެ ނިކަމެތިކަމާއި އަޅުވަންތަކަން ގަބޫލުކޮށް އެއިލާހު އެދެއްވި މަތިވެރި ނިޢުމަތް ހިތާއި ރޫޙުން ޤަބޫލުކުރުމަށް މިއަށްވުރެ ފުރިހަމަގޮތެއް އޮންނާނެތޯއެވެ. ހަމައެހެންމެ ދުނިޔޭގައި ތިމާއަށް ނާކާމިޔާބުވާހިނދުވެސް އެއިލާހުގެ ކުޅަދުން ވަންތަކަމާއި ދީލަތިކަން ހަނދުމަކޮށް އުންމީދުދޫނުކޮށް މަސައްކަތް ކުރުމަކީ އެންމެފުރިހަމަ މުސްލިމުންގެ ސިފަކަން އަޅުގަނޑުމެން ޤަބޫލުކުރާން ޖެހޭނެއެވެ. ރައީސް ނަޝީދު އެވިދާޅުވަނީ މިވާހަކަކަމާމެދަކު ޝައްކެއް ނެތެވެ.
ސިޔާސީގޮތުން އަޅުގަނޑުމެން މިދައްކާ ވާހަކަތަކަކީ އެކިފަހަރު އެކިބޭނުމުގައި ދައްކާ ވާހަކަތައް ކަމުގައި ވެދާނެއެވެ. އަޅުގަނޑުމެންގެ ވާދަވެރީންނާއި ކުރިމަތިކޮށް އަޅުގަނޑުމެން ބުނާބުނުންތަކަކީ ހާލަތާ ގުޅޭގޮތުން ދައްކާ ނުވަތަ، އިއްވާ އަޑުތަކެއް ކަމުގައި ވެދާނެއެވެ. ނަމަވެސް އުފަލާ ހިތާމައިގެ ވަގުތުތަކުގައިވެސް ހާލާތުގެ އަޖަލުގައިޖެހި އަޅުގަނޑުމެން ބުނާކޮންމެ ބަހަކީވެސް ހިކުމަތްތެރި ކަމާއެކު ބުނާބަހެއް ކަމުގައި ވާނަމަ އެކަމަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ކުރިމަގު އުޖާލާވެ ނަސްރުވެރި ވެގެން ދާނެ ކަމެއްކަން ކަށަވަރެވެ. ވިސްނާވަޑައި ގަންނަވާށެވެ. މީގެ ދެތިން އަހަރެއްގެ ކުރީން އަޅުގަނޑުމެން ސިޔާސީ ގޮތުން ތިބީ ކޮންހާލަތެއްގައިތޯއެވެ؟ އެދުވަހު މިގައުމުގައި ވެރިވެތިބި ބައެއްގެ ކުރިމަތީގައި އަޅުގަނޑުމެންނަކީ ފަނިފަކުސަޔައްވުރެވެސް ނިކަމެތި ބައެކެވެ. އެހެނަސް ވިސްނުންތެރި ކަމާއި ބުއްދީގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިގައުމުގެ ވެރިކަމުގައި ﷲގެ މިންވަރުފުޅުން މިތިބީ އަޅުގަނޑުމެންނެވެ. މިއީ ކުޑަފަދަ ނިޢުމަތެއްތޯއެވެ.
އަޅުގަނޑުމެންގެ ޕާލެމެންޓަރީ ގުރޫޕުގެ ލީޑަރ މޫސާމަނިކުއާއި ދެކޮޅު ހަދާކަށް އަޅުގަނޑު ނެތީމެވެ. ވޭތުވެމިދިޔަ ދެއަހަރާ ބައިގެ ތެރޭގައި އަޅުގަނޑުމެން ވެރިކަމުގައި ތިބެމެ ، މިހޭދަކުރީ ނުހަނު ދަތިއުނދަގޫ ދުވަސްތަކެކެވެ. ކިބުރުވެރިކަމާ ހަސަދައިން ފުރިފައިވާ އަނިޔާވެރި މާޟީއާ އެކު އުޅެން ޖެހުމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތައް ވަނީ ފިސްފިސްވެފައެވެ. ނަމަވެސް މިއަދު އެމީހުން މިދެކެން މަޖުބޫރުވަނީ އެމީހުންގެ އެއަމަލުތަކުގެ ހިތިނަތީޖާއެވެ. މިއަދު އަޅުގަނޑުމެން މިދެކެނީ އަޅުގަނޑުމެންގެ ކެއްތެރި ކަމުގެ މެވާއެވެ. އެހެނަސް މިލިބުނު މޭވާގެ ފޮނިކަމާ މީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންގެ އަރުގައި ދާއިމްވެ ހުންނާނީ އަޅުގަނޑުމެން އޭގެ ބޭނުންކުރާގޮތަކުންނެވެ. މިކަން އަޅުގަނޑުމެން ދަނެގެން ކުރިއަށްދާން ޖެހެއެވެ. މިއަދު އަޅުގަނޑުމެންނަކީ މިގައުމުގެ މިސަރުކާރުގެ ބެލެނިވެރީން ކަމުގައި ވީހިނދު ސަރުކާރަކީ އެންމެހާ ރައްޔިތުންގެ ބެލެނިވެރިކަމާ ޙަވާލުވެއޮތް ފަރާތެވެ. އެހެން ކަމުން މިގައުމުގެ އެންމެހާ ރައްޔިތުން އަޅުގަނޑުމެންގެ ކުރިމަތީގައި ހަމަހަމަވާން ޖެހެއެވެ. އަޅުގަނޑުމެންގެ އެންމެ ހަތުރުވެރީންނަކީވެސް އަޅުގަނޑުމެންގެ އޯގާތެރިކަމަށް އެދިއެދި ތިބިބައެކެވެ.
މުޅި ގައުމު ހިތަކަށް ދިގުތިރީސް އަހަރުވާންދެން މިލްކުކޮށްގެން ވެރިކަންކުރި މީހާއަށް މިގައުމުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިނުދެވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެން މިމަގާމުގައި ތިބިތަންވެސް ބަލާލަން ނުކެރި މުޅި ގައުމާއި ޚުދު އޭނާގެ މަދަދުވެރީން ވެސް ހަފުސްކޮށް ފަސާދައިގެ ހުޅުގަނޑުގައި އަންދަމުން ގެންދާ މީހާއީ މިއަދު ކޮންހާލެއްގައި ހުރި މީހެއްތޯއެވެ؟ އޭނާގެ ކޮންމެ ކަމަކަށް ބަރޯސާވާންޖެހެނީ ﷲގެ މިންވަރުފުޅުން މިސަރުކާރަށެވެ. އެހެނަސް އެމިންވަރުވެސް އޭނާގެ އުނިސިކުނޑިއަށް ނުވިސްނޭއިރު އަޅުގަނޑުމެން އަދިވެސް ޖެހޭނީ އޭނާއަށްވެސް ހަމްދަރުދީ ވާށެވެ. ގާނޫނީ ގޮތުން އެންމެހާ ރައްޔިތުން ހަމަހަމަވާގޮތުން ކުރެވޭ ޝަރީޢަތެއްގައި އޭނާއަށްވެސް ޙައްގު އަދަބު ދޭން ޖެހޭހާލަތެއް އަތުވެއްޖެނަމަ އިންސާފުން އެކަމެއް އަޅުގަނޑުމެންވެސް ކުރާން ޖެހޭނެއެވެ. ނަމަވެސް ބައެއްމީހުން އުމުރުން ނުވަދިހައިގެ މައްޗަށް ގޮސްފައިތިބި މުސްކުޅީން އިންނަގޮނޑީން ނުތެދުވެވޭ ހާލުގައި ވާއިރުވެސް ޝަރީޢަތަށް ދަމާންއުޅޭ ބީދައިން ކަންކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. އަޅުގަނޑުމެންނަކީ އިންސާފާއި ހަމަޔާއި އެއްގޮތަށް ކަންކުރާ އަދި އެގޮތުން މިސާލުދައްކާ ބައެއް ކަމުގައި ވުމުގެ އަޒުމާއެކު ކުރިއަށް ދަމާހިންގަވާށެވެ. މަގުސާފުކޮށް ފެނި ، ކާމިޔާބުގެ މަންޒިލަށް އިސާހިތަކު އޭރުން އަޅުގަނޑުމެންނަށް ވާސިލް ވެވިދާނެއެވެ. ނަމަވެސް ލިބޭކާމިޔާބުގައި ބޮޑާވެ ކިބުރުވެރިކަން އިސްކުރާ ބައެއް ކަމުގައި އަޅުގަނޑުމެން ވާންވެއްޖެނަމަ ހިތާމައިގެ ކޮޅުނެތް ކޮޅަށް ހިތާމަކުރާން ޖެހިދިއުމަކީ ހަމަވެދާނެ ކަމެކެވެ. ކާމިޔާބީގައި ހިތްތިރިކުރުމަށް ރައީސް ނަޝީދު އެގޮވާލާ ގޮވާލެއްވުމަށް ފުރިހަމައަށް އިޖާބަދީ ޝުކުރުވެރިވާ ބަޔަކުކަމުގައި އަޅުގަނޑުމެން ވަމާތޯއެވެ.