އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންނަކީ ވަރަށް ބޮޑު ޒިންމާއެއް އޮތް ބާރުވެރި ފަރާތްތަކެއް – ޑރ.ޑީޑީ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ވައުދުތައް މެކުހަށް ސިލްސިލާގެ ދެ ވަނަ ޖަލްސާގައި އެޕާޓީގެ ރައީސް މެންބަރޝިޕްފޯމްތަކަކާއި ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ:މައުރޫފް ޚަލީލް
އެމްޑީޕީގެ ވައުދުތައް މެކުހަށް ސިލްސިލާގެ ދެ ވަނަ ޖަލްސާގައި އެޕާޓީގެ ރައީސް މެންބަރޝިޕްފޯމްތަކަކާއި ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ:މައުރޫފް ޚަލީލް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ ރައީސުންނަކީ ވަރަށް ބޮޑު ޒިންމާއެއް އޮތް ބާރުވެރި ފަރާތްތަކެއް ކަމަށް އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ސެކްރެޓޭރިއަޓްގައި އެޕާޓީގެ ދާއިރާތަކުގެ ރައީސުންނާއެކު ބޭއްވި ބައްދަލުވުމުގައި ޑރ.ޑީޑީ ވިދާޅުވީ އެމްޑީޕީގައި އޮތް އެންމެ ބޮޑު ޤާނޫނީ ގުނަވަނަކީ ކޮންގްރެސް އާއި ގައުމީ މަޖިލިސް ކަމަށާއި، ދާއިރާތަކުގެ ރައީސުންނަކީ މި ދެ ގުނަވަނަށް ވެސް ނިސްބަތްވާ ފަރާތްތަކެއް ކަމުން ޕާޓީގެ އެންމެ ޒިންމާދާރު އެއް ފަރާތަކީ ދާއިރާތަކުގެ ރައީސުން ކަމަށެވެ. އެހެން ކަމުން ހުރިހާ ދާއިރާ ރައީސުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތްކޮށް ޕާޓީ ކުރިއެރުވުމުގައި އަތުކުރި އޮޅާލައިގެން މަސައްކަތްކުރުމަށް ޑރ.ޑީޑީ ގޮވާލެއްވިއެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ދާއިރާތަކުގެ ރައީސުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ އެޕާޓީއެއްގެ މެންބަރުން ކަމަށާއި، މިހާރަކަށް އައިސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ވަންނަމުންދާ ކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވުމުގެ ކުރިންވެސް އެމްޑީޕީއަށް ވަންނަން ބޭނުންވާ ފަރާތްތައް ވަކި ޚާއްސަ ދަފްތަރެއްގައި ޖައްސައި، އެ ދަފްތަރު ފަރުވާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމުގައި ޑރ.ޑީޑީ ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމަކީ އެމްޑީޕީން އަލަށް ތައާރަފްކުރާ “އެމްޑީޕީ ޑޭޓާ މެނޭޖްމެންޓް ސިސްޓަމާ” ބެހޭ މަޢުލޫމާތު ދާއިރާތަކުގެ ރައީސުންނަށް ހިއްސާކުރުމާއި، އެމްޑީޕީގެ ގޮފި ހިންގުމުގެ ގަވައިދާއި، ދާއިރާ ހިންގުމުގެ ގަވައިދުގެ އިތުރުން ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދުގެ ޑްރާފްޓްތަކާއި ބެހޭ ގޮތުން މަޝްވަރާ ބަދަލުކުރުމަށާއި، ކޮމިޓީތަކަށް ކުރިމަތިލުމާ ބެހޭ ގޮތުން ދާއިރާ ރައީސުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އަދި ގިނަ އަދަދެއްގެ ދާއިރާ ރައީސުން ހާޒިރުވި މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.