ނޫސްބަޔާން: އެމްޑީޕީގެ ނޫސް ބަޔާން

MDP-2011-PR-006ނަންބަރު:
ތާރީޚް: 29 މެއި 2011 (އާދީއްތަ)

އިދިކޮޅު ސިޔާސީ ފަރާތްތަކުން އަދުލު އިންސާފް ޤާއިމްކުރުމުގެ ދާއިރާއާއި މެދު އާންމުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ދައްކާ ވާހަކަ ކުށްވެރިކުރުން

ކުރީގެ ރައީސް މައުމޫނަށް ވާގިވެރިވާ ފަރާތްތަކުން އިންތިޒާމްކޮށްގެން އެންމެފަހުން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި، ރާއްޖޭގެ އަދުލު އިންސާފް ޤާއިމްކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި، މުޅި އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއާއި މެދު އާންމު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދި އެ މުވައްސަސާގެ އިތުބާރު ގެއްލޭ ގޮތަށް ހ. ދޮންޖޭމުގޭ އުމަރު ނަސީރު ދައްކަވާފައިވާ ވާހަކަތައް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ހ.ދޮންޖޭމުގޭ ޢުމަރު ނަސީރު ހުށަހެޅުއްވި މައްސަލައިގައި މުސްތަފާގެ މައްޗަށް އެމައްސަލަ ސާބިތުވާނެކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ހުކުމް ކަނޑައަޅާނެ ކަމަށާއި، މިހާރުވެސް ހުކުމް ލިޔެ ތައްޔާރުކޮށްފައިވާ ކަމަށް ޢުމަރު އާންމުކޮށް ހާމަކުރައްވާފައި ވުމުން، ޝަރުއީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ އަސާސީ ގަވައިދާއި ޚިލާފަށް، އެ ޕާޓީ ބައިބައިކޮށްލުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އުފައްދަވައިގެން އުޅޭ ކަމަށް ޑީއާރުޕީން ބުނާ ވަކި ފެކްޝަނެއް ކަމަށްވާ ޒެޑް ޑީއާރުޕީން ކޮންޓްރޯލް ކުރާ އެމީހުން ބޭނުންވާ ގޮތަށް ހުކުމްތައް ނެރެމުންދާ ތަންތަންކަމަށް ދޭހަވާގޮތަށް، ޤާނޫނީ ހައިސިއްޔަތެއް ނެތް އެފެކްޝަނަށް ނިސްބަތްވާ، ހ.ދޮންޖޭމުގޭ އުމަރު ނަސީރު ދައްކަވާ މިވާހަކަ ތަކަކަކީ ޝަރުޢީ ނިޒާމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދި އަދުލުވެރި އިންޞާފުވެރި ނިންމުން ނިންމާ ފަރާތަކާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް މަގުފަހިކުރާ ކަމެއް ކަމަށް މިޕާޓީން ދެކެމެވެ.
އަދި ހަމަ އެހެންމެ ދަށުކޯޓަށް ދާދި ފަހުން ޕީޖީ އޮފީހުން ހުށަހަޅާފައިވާ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް ގެ މައްސަލައާ މެދު ވާހަކަ ދައްކަވަމުން، އެމައްސަލަވެސް އާދިލްގެ މައްޗަށް ސާބިތުވެ ހުކުމް ކުރައްވާނެކަމަށާއި، ތިމަރަފުށީ ދާއިރާގެ ގޮނޑިއާއި، މަރަދޫ ދާއިރާގެ ގޮނޑިވެސް އެމްޑީޕީއަށް ގެއްލޭނެ ކަމަށް ވިދާޅުވެ އެ ދެއްކެވި ވާހަކައިން ޢަދުލު އިންސާފް ޤާއިމްކުރުމުގެ ދާއިރާއަކީ ޒެޑް ފެކްޝަނުގެ ބާރާއި ނުފޫޒު ހިންގޭ އަދި އެފެކްޝަނުން ބޭނުންވާ ގޮތަށް ހުކުމްތައް ނެރޭނޭ ތަނެއްގެ ގޮތަށް ދޭހަވާ ގޮތަށް އެދެއްކެވި ވާހަކަތަކަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކުއުފެއްދުމާއި އިތުބާރު ގެއްލިގެންދާފަދަ ވާހަކަތަކެއް ކަމަށް މި ޕާޓީން ދެކެމެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުން ޝަރުޢީ ނިޒާމާމެދު ހަޤީގަތާއި ޚިލާފު ވާހަކަ ދައްކާ އަދި ހުކުމް ކުރައްވާނެ ގޮތް ކުރިން އާންމުކޮށް އިއުލާނުކުރަމުން ދާނަމަ ޝަރުޢީ ނިޒާމުގެ އިތުބާރު ރައްޔިތުންގެ މެދުގައި އޮންނާނެ މިންވަރާމެދު މިހާރު ސުވާލު އުފެދިފައިވާކަން މި ޕާޓީން ފާހަގަ ކުރަމެވެ.
މީގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެމްޑީޕީއާއި ގުޅިވަޑައިގަންނަވަމުން ގެންދަވަނީ ރިޝްވަތުދީގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙްލޫފް ފާޅުގައި ޙަޤީޤަތާ ޚިލާފް ދޮގު ވާހަކަތަކެއް ދައްކަވާފައިވާތީ، މަޙްލޫފްގެ މި އަމަލު ވެސް އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހިނދު އަދުލު އިންސާފް ކުރުމުގެ ދާއިރާގެ، ހައިބަތާއި، ކަރާމަތާއި، އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކާފައިމިވާ ވަހާކަތައް ދެއްކި ފަރާތްތަކުގެ މި އަމަލުތައް ވީހާވެސް އަވަހަށް ތަޙްޤީގްކޮށްދެއްވުމަށް ޝަރުޢީ ދާއިރާއަށް ގޮވާލަމެވެ.