ނޫސް ބަޔާން

ހ.އ ދިއްދޫ ދާއިރާ، އެމް.ޑީ.ޕީ
ދިއްދޫ، ދިވެހިރާއްޖެ

މަތި އުތުރު ޕުރޮވިންސް ސެކްރެޓޭރިއަޓް
މާލެ، ދިވެހިރާއްޖެ

ހ.އ ދިއްދޫން މަސްތުވާ ތަކެތި ބޭނުން ކުރަންތިބި ކަމަށް ޝައްކު ކުރެވޭ 2 މީހުން އެމް.ޑީ.ޕީ ޖަގަހަ އެއް ތެރެއިން އަތުލައިގަތް ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ފެތުރި ދޮގު ހަބަރު ކުއްވެރި ކުރުން.

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ހ.އ ދިއްދޫން މަސްތުވާ ތަކެތި ބޭނުން ކުރަން އުޅުނު ކަމަށް ސައްކު ކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންދިއުމާއި ގުޅިގެން އެ ޙަބަރު ރާއްޖޭގެ ބައެއް މީޑިއާ ތަކުން ގެނެސްދިން އިރު ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް އަދި މަސްތުވާ ތަކެތި އެރަށެއްގެ ރައްޔިތުންގެ އަދި ޙާއްސަކޮން ދިއްދޫ ޒުވާޏުންގެ ތާއީދާއި އެކު މުޅިން ފޮހެލާފައިވާ ހ.އ ދިއްދޫގެ ރައްޔިތުން ބަދުނާމު ވާފަދަ ގޮތަކަށް ގެނެސްދީފައިވާތީ އެކަން ދިއްދޫ ދާއިރާއިން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
ކަން ހިންގާފައިވާ ގޮތަށް ބަލާއިރު އަދި ޕޮލިހުންދީފައިވާ ސައްހަ މައުލޫމާތުން އިންގޭ ގޮތުގައި މަސްތުވާ ތަކެތި ބޭނުން ކުރަން އުޅުނު ކަމަށް ސައްކު ކޮށް ހައްޔަރުކޮށްފައިވަނީ ދިއްދުއަށް އައި ހ.އ ފިއްލަދޫ ބޯޓުން ދިއްދުއަށް އެރޭ ފޭބި ފިއްލަދޫގެ ދެމީހެއް ކަމާއި އަދި އެކަން ކޮށްފައިވަނީ އެމް.ޑީ.ޕީގެ ޖަގަހަ އެއްގެ ތެރޭގައި ވެސް ނޫންކަން ވަރަށް ސާފުކޮން އިންގެއެވެ.
އެހެނަސް ދިއްދޫން މީހަކު މައުލޫމާތު ދިންކަމަށް ބުނެ ސަން އޮލައިން ނޫހާއި އަދި ސަން އެފް.އެމް. ރޭޑިޔޯގެ އިތުރުން ދިޓީވީން ނާއި ދިއެފް.އެމް އިންވެސް މި ޚަބަރު ދިވެހި ރައްޔިތުންނަށާއި އަދި ޚާއްސަކޮން ދިއްދޫގެ ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދީފައިވާ ކަން ހިތާމަޔާއި އެކު ފާހަގަ ކުރަމެވެ.
އިމެއްނެތި ލިބިފައިވާ މީޑިޔާގެ މިނިވަންކަން ޒިންމާދާރު ކަމާއިއެކު ބޭނުން ކުރުމަށާއި ދިވެހި ރައްޔިތުންނާއި އަދި ހާއްސަކޮން ދިއްދޫގެ ރައްޔިތުންގެ ނަފުރަތު ލިބޭގޮތަށް އެއްވެސް ދޮގު ހަބަރެއް ނުފޮނުވުމަށް ރާއްޖޭގެ މީޑިޔާ އަށް އަދި ހާއްސަކޮން އަމިއްލަ ފަރާތްތަކުން ހިންގާ މީޑިޔާތަކަށް މިފުރުސަތުގައި އިލްތިމާސް ކުރަމެވެ.
މަތީގައި ދެންނެވި ހަބަރު ސަން.އެފް އޮންލައިން ނޫހުން ފަހުން ރަނގަޅުކޮށް ކިއުންތެރިންގެ ކިބައިން މާފައް އެދުނު ނަމަވެސް ރައްޔިތުންގެ ވިންދާއި ގުޅިފައިހުރި މިފަދަ ނާޒުކު ކަންކަން ހަބަރެއްގެ ގޮތުގައި ގެނެސްދޭއިރު ވީހާވެސް ޒިންމާދާރު ކަމާއި އެކު ގެނެސްދިނުމަށް ގޮވާލަމެވެ.
އެމް.ޑީ.ޕީގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަކީ ޑުރަގަށް ހުޅުވި ދޮރުތައް ބަންދު ކުރުން ކަމަށްވީ ހިނދު މިޕާރޓީގެ ޖަގަހަ ތަކަކީ ޑުރަގު ބޭނުން ކުރާ މީހުންނަށް އެކަން ކުރުމަށް ހުރި ވަސީލަތެއް ކަމަށްދޭހަވާ ފަދަ ގޮތަކަށް ގެނެސްދިން މިހަބަރު ދިއްދޫގެ ޖުވާނުންގެ އިތުރުން މަތި އުތުރު ޕުރޮވިންސްގެ ފަރާތުންވެސް ކުއްވެރިކޮށް މިފަދަ ޒިންމާދާރު ކަމެއްނެތް ޙަބަރުތައް މުސްތަޤުބަލްގައި ނުފޮނުވުމަށް ގޮވާލަމެވެ.
28 މެއި 2011

ބަޔާން ނެރުނީ

ދިއްދޫ ދާއިރާގެ ރައީސް
އާދަމް ސަލީމު

މަތި އުތުރު ޕުރޮވިންސްގެ ރައީސް
އާދަމް ނަސީރު