މެންބަރުންގެ ޚިޔާލު: ސަހަރޯ ހީވެއެވެ!

ފުނަމާ

އެމްޑީޕީގެ އެންމެބޮޑު ރައުސުލްމާލަކީ މިޕާޓީގެ މެންބަރުންނެވެ. މިމެންބަރުންގެ އެކުވެރިކަމާ އެއްބާރުލުމުގެ ސަބަބުން މިއަދު މިވަނީ ކާމިޔާބުގެ އެތައް ހަރުފަތެއް ގިރާކޮށްފައެވެ. އެމްޑީޕީގެ ތަސައްވުރާ އެއްގޮތަށް ވެރިކަންކޮށް ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ކަންކަން ކުރުމަށް އެންމެބޮޑަށް ބޭނުންވަނީ އޮމާންކަމާއެކު ގާނޫނީ ވެރިކަމެއް ކުރުމެވެ. ނަމަވެސް ގާނޫނުހަދާ މަޖުލިހުގައި އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮތުމުން މިވެރިކަމައިގެން އަބަދުވެސް މިއުޅެންޖެހުނީ ގަލަކަށް އަރައި ބީހިދާނެތީވެއެވެ. ވެރިކަން ވައްޓާލުމަށް އެފަރާތްތަކުން ތާއަބަދުމެ މަސައްކަތް ކުރަމުން ގެންދާތީވެއެވެ. ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ އިނާޔަތްތައް ހުއްޓުވައި، ވަޒީރުން އުފުރާލައި އެވަރުންވެސް ނުވެގެން މަގުމައްޗަށް ނުކުމެ ގޭޓުމަތީން އަރާންއުޅެ ، ބަނޑުން ހަންދިއުމުންވެސް ދޫނުކޮށް އެންމެފަހުން ދެން އުޅެގަތީ ރައީސުލް ޖުމްހޫރިއްޔާގެ ނޯކޮންފިޑެންސް ވޯޓެއް ނެގޭތޯއެވެ. ރައްޔިތުންނަށް އެތަކެއް ވަޢުދުތަކެއް ވެގެން އެރައްޔިތުންގެ އުންމީދުތައް ޙަޤީގަތަކަށް ހަދައިދިނުމަށް މިސަރުކާރުން ކުރާންފެށި މަސައްކަތް ކާމިޔާބު ކުރުމަށް މަޖުލީހުގެ މެޖޯރިޓީ މިހާރު މިސަރުކާރަށް ބޭނުންވެފައިވާ މިންވަރު އެކަކަށްވެސް ނޯޅޭނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޕާލަމެންޓް ގުރޫޕުގެ މެންބަރުންނަކީ މިއަދު ޚާއްސަ ގަދަރެއް މިޕާޓީގައި ދެވިފައިވާ ބައެކެވެ. މިކަމަކާ އެއްވެސް މެންބަރަކު ދެބަހެއް ނުވާނެއެވެ. ކަންމިހެން އޮންނައިރު މަޖުލީހުގެ ޖަލްސާއެއްގައި ނުވަތަ އެހެން ފޯރަމެއްގައި ވެސް މިޕާޓީގެ މަޖުލީސް މެންބަރަކު ކިރިޔާ އިދިކޮޅު އެއްޗެއް ވިދާޅުވިޔަސް ޕާޓީއާއި ހެދި ހަސްގަނެފައިވާ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިތައްވެސް ހާދަހާ ތަދެއްވެއެވެ. މަޖުލީހުގެ ޖަލްސާއެއްގައި މިޕާޓީގެ، އެއްމެންބަރަކު އަނެއް މެންބަރަކާ ކިރިޔާ ޚިލާފުވެލިޔަސް އަމަށުން ނީންދެވިގެން ނަންބަރު އެނގޭ މެންބަރުންނަށް އެކަން ހުއްޓުވުމަށްއެދި އާދޭސްކޮށް މެސެޖުވެސް ކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ ނުވަތަ އެހެންގޮތަކަށް ދަންނަވާނަމަ ހަމަ ކޮންމެ އެމްޑީޕިއަން އެއްގެވެސް ހާލެވެ. އެހާމެ މެންބަރުންނާއި މެދު ޚުލްގާއި ކުލުނެއް ބެހެއްޓެއެވެ. އެހެނެއްކަމަކު ޑީއާރުޕީގެ ކޮންމެވެސް އޮޅިއަކުން (ޒެޑެއް ، ވައިއެއް ޔަގީންނުވާ) މިމަހުގެ 22 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާ ބަލާލާފައި އެމީހުންގެ ހާލާމެދު ހަމްދަރުދީ ވެވުނެވެ. ތަފާތު އިހުސާސުތައް ކުރެވުނެވެ. އަޅުގަނޑަކީ މިކަހަލަ ދެއުޅިއެއްނުވާ އެއްޗެތި ބައެއްފަހަރު މިހެން ލިޔެލާ އުޅޭ މީހެއް ކަމުން އެމީހުން ގޮވާ ގޮވެލިފަތިވެސް ހަމަކަމާކަންފަށާ އަޑުއަހަމެވެ. ބޮލައް ތުރާވެސް ވެއެވެ. އެކަމަކު އެމީހުން ކިޔާއެއްޗެއްވެސް އަޑުއަހާލުމަކީ ފާފައެއް ކަމުގައި ނުދެކެމެވެ. އެކަމަކު ކިތަންމެ ހިތާނުވެފައި އިންނަމަވެސް އެއްވާހަކައެއް އިވުމުން ވަރަށް އުފާވިއެވެ. ކޮންމެސް މީހަކުއަރައި އޭގެ ދެރެއްގެ ކުރީން އެމްޑީޕީން ބޭއްވި ޖަލްސާއަކީ މާލޭގައި އުޅޭއެންމެންނަށާއި ރާއްޖެ ތެރޭގެ ގިނަބަޔަކަށް ފައިސާބަހައިގެން މީހުން އެއްކުރި ޖަލްސާއެއް ކަމުގައި ކޮށި ދިވެހި ބަހަކުން ނަމަވެސް އެމީހަކު ބުނުމުން އެގޮތަށް މިލިޔަން މިލިޔަނުން ފައިސާދީގެން އެމްޑީޕީން ޖަލްސާ ބާއްވަންޏާ އިސާހިތަކު ދިވެހީން މުއްސަނދިވެ ނުތަނަވަސްކަމުގައި އުޅޭނެ ރައްޔިތަކު ނުހުންނާނެތާއޭ ހިތައްއަރައި ވަރަށް އުފާވިއެވެ. ހަމައެހެންމެ މީހަކު އަރައި އެރޭ އެޖަލްސާގައިވެސް އެމްޑީޕީގެ އެބުނާ ޖަލްސާއެއްގައި މީހުންތިބި އަދަދަށް މީހުންތިބި ކަމުގައި ބުނުމުން ޒުވާންއުމުރަކީވެސް ލޯބޯކޮށިވެ ލޮލުގެ ފެނުމުން ބައެއްމީހުން މަޙުރޫމުވެދާ އުމުރެއްކަން އެނގުމުން އަޅުގަނޑުގެ މިއުމުރާ ހަމަޔަށް ސަލާމަތުން ލެހެއްޓެވީތީވެ ޝުކުރުވެރި ވެވުނެވެ.
މިހުރިހާކަމަކަށްވުރެ ދެރަވީ އެޕާޓީގެ މެންބަރުންގެ ތެރެއިން އެބުނާ އިއްޒަތްތެރި މެންބަރުން ތަކެއް ޕާޓީއާއި ވަކިވާތީ ކުޑަވެސް އެއްޗެއް ހިތައްނާރާ ކަމުގައި ބުނާއަޑު އިވުމުންނެވެ. މިމީހުންނަކީ އިންސާނުންގެ ކަރާމާތާއި އަގުވެސް ދަންނަ ބައެއް ނޫންކަން ހާމަވެއްޖެއެވެ. ތިމާގެ ފިކުރާ ޚިޔާލާ އިދިކޮޅުވާ ކޮންމެ އިންސާނަކީ ދެދަޅާ ނަގުލަކާ އޮންނަ ޖަނަވާރަކަށް ވާކަށް ނުޖެހޭނެ ދޮގެއްތޯއެވެ؟ ނަމަވެސް އެވެރީންނަށް އެވެރީންގެ ތެރެއިން މެންބަރުންކޮޅު ކެނޑެމުން ކެނޑެމުންގޮސް ފީފޯއް އަޑިއެއް ދޭނެމީހަކު ނެތަސް ވަރިހަމައެވެ. މިއަކީ އިންސާނީ ބުއްދިއަކުން ވިސްނާއިރު ގަބޫލު ކުރެވޭނެ ކަމެއްކަމުގައި ގައިމުވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ހަމައެހެންމެ އެވެރީންގެ ތަސައްވުރު ކަމުގައި މީހަކުއަރައި ވިލާކޮޅެއް އަމުދުންނެތި ސާފުކޮށް ފެންނާންއޮތް އުޑު އެއޮތީ ނޫކުލައިގައޭ ބުނެ ނިންމާލާ މިނެޓެއްވެސް ނުވަނީސް، ދެންއެރި މީހަކުއަރައި ކޮންމެވެސް ވަރަކަށް މޮޅިވެފައި ހުރެމެ އެއްއޮޑިން ފުންމާލި މީހަކު އަނެއްއޮޑިންވެސް ފުންމާލާނެ ވާހަކަ ބުނުމުން ފާޑަކަށް ރަކިވެފައި މޫނުގެ ކުލައޮއްސިފައިއިން އެބުނާ “ފަތާ މީހާ” ކެމެރާއިން ދައްކާލުމުން އައީކީ އަމަށަކު ހިންޏެއް ނޫނެވެ. އެއެރި މީހަކު ދެބަސް ނުބުނެ އުޅެނިކޮށް އެބުނާ ވިލާކޮޅެއްނެތް ސާފު އުޑުން އޮހިގަތް ވާރޭ ގަނޑާއި އެކު ” ވާރޭ ވެހުނަކަސް އަޅުގަނޑުމެން…” މިހިސާބަށް ބުނެވުނުއިރު އެއޮޑީގައި އެބުނާކަހަލަ އެންމެ މީދަލެއްވެސް ނެތި ، ގޮނޑިއަކާ ގޮނޑިއެއް މީހަކާ މީހެއް ނުބަލައި އެންމެން ދުވެފިލައިފިއެވެ. މިމަންޒަރުތަކާއި އެއަޑުތައް އިވުމުން މިވެރީންނާއިމެދު ސަހަރޯ ވެރިވެވުނީ އެވެރީންނަށްވެސް ސިކުނޑިއެއް ދެއްވާފައި ވާނެކަން ޔަގީންވާތީވެ އެކަމަކު އެވެރީން އޭގެ ބޭނުން ކުރާނީ ކޮން އިރަކު ބާބައޭ ހީކޮށެވެ. ނިންމާލަމުން ޝައްކު ފިލުވާލުމުގެ ގޮތުން ދަންނަވާލަމެވެ. އެތަނަށް މީހަކު އަރައި އަމިއްލައަށް ނަބީކަމަށް ދައުވާ ކުރާން އުޅޭހިސާބަށް ގޯސްގޮވިވާހަކަ މަށަކު ދައްކާހިތެއް ނުވެއެވެ. އަދި ފަށައި ގަންނަމުން އެބުނިފަދަ ބަސްމޮށުން ތެރީންނެއްވެސް ނުފެނުނެވެ. ހީވަނީ ވާރޭ އޮއްސައިގަތީމައި އެވެރީންނަށް ފުރުސަތު ނުލިބުނީހެންނެވެ. ދެން ރެއަކުން ފަހަރެއްގައި މިނޫންގޮތެއްވެސް ވެދާނެ ތޯއްޗެކެވެ.