އައި.އެމް.އެފް.ގެ 3 އަހަރު ދުވަހުގެ އިޤްތިޞާދީ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވުމަކީ ރާއްޖެއަށް އިތުރު ފުރްޞަތުތައް ތަނަވަސްވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އައި.އެމް.އެފް.ގެ ލޯނު އެހީގައި ހިންގޭ 3 އަހަރު ދުވަހުގެ އިޤްތިޞާދީ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވުމަކީ، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެއާމެދު އޮންނަ އިތުބާރާއި ޔަޤީންކަން އިތުރުވެ، ބައިނަލްއަޤްވާމީ އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބުމުގެ ފުރްޞަތުތައް ތަނަވަސްވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި 99 ވަނަ ރޭޑިޔޯ ޚިޠާބުގައި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް.ގެ ވަފްދުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ މައްޗަށް ބައްލަވާލައްވައި، އެބޭފުޅުންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވެވި މަޝްވަރާތަކުގައި 3 އަހަރުގެ އިޤްތިޞާދީ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިކުރުމަށް ސްޓާފް ލެވެލްގައި އެއްބަސްވުމަކަށް އާދެވިފައިވުމާއެކު، އެކަމުގެ މައްޗަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖެއިން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުޠަކަށް ހުށަހަޅާފައިވަނީ، ދައުލަތުގެ އާމްދަނީ އިތުރުކުރުން ކަމުގައި ވިދާޅުވިއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކޮށް، ތަހުޒީބު އިޤްތިޞާދެއް ބިނާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށެންވާއިރަށް ޓެކްސް ނެގުމާބެހޭ ބިލްތަކެއް، އެމަޖިލީހަށް ހުށަހެޅުއްވުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިބިލްތައް ފާސްކޮށްދެއްވައި، ސަރުކާރުން ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ތަންފީޛު ކުރެއްވުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އައި.އެމް.އެފް.ގެ ވަފްދުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ގުޅިގެން، އެމިޝަނުން ނެރުއްވި ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރާއްޖޭގެ އިޤްތިޞާދަށް ގެންނަވަން ސަރުކާރުން ހުށަހަޅުއްވާފައިވާ ބަދަލުތަކަށް، އެބަޔާނުގައި އެބޭފުޅުން ތާއީދު ކުރައްވާފައިވާ ކަމަށާއި، އެބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހަމައަކަށްއެޅި، ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވި ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދު ހަލުވިކަމާއެކު ކުރިއަށްދިޔަނަމަވެސް، ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ އަސަރު ކުރަމުންދާކަންވެސް މިޝަންގެ ބޭފުޅުން ފާހަގަކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޑޮލަރުގެ ގަނެ ވިއްކުމުގެ އަގު، ވަކި މިންވަރެއްގެ ތެރޭގައި ހިފެހެއްޓެވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ، ސަރުކާރުން އެޅުއްވި ރަނގަޅު ފިޔަވަޅެއް ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.