މެންބަރުންގެ ޚިޔާލު: މިކަންމިވަނީ ” މަރުސަކަރާތަކަށެވެ”!!!

ފުނަމާ

ދެވަނަ ބޮޑުހަނގުރާމައިގެ ހިޔަނި މިދިވެހި ރާއްޖެއަށް އެޅިގެން ދިއުމާއި އެކު ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ޢާންމުބަހުންނަމަ “ބޮޑުތަދާއި” ދިވެހީން ކުރިމަތިލާން ޖެހުނެވެ. ބަނޑުހައި ހޫނުކަމުގައި ރާއްޖޭގެ އެތަކެއް މީހުން ހަނާވެގޮސް އަސަރު ކުރުވަނިވި ގޮތެއްގައި މިދުނިޔެ ދޫކޮށްފައިވާކަން ތާރީޚުން އެނގޭން އެބައޮތެވެ. އަންޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންނަކީ ވެރިކަމުގައި ތިބި ބައެއްގެ ދަށުވެ އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމަށް އެކަށީގެންވާ މަސައްކަތެއް ކުރުމަށް ދައުލަތުން ހުރަސްއަޅާފައިވާ ތާރީޚެއް އޮތްބައެއް ކަމުން މިދުވަސްތައް ދިވެހީންނާއި ކުރިމަތިވީއިރު ދިވެހީންނަށް މިފަދަ ކަމަކަށް ތިބެވުނީ ތައްޔާރު ނުވެވިއެވެ. ހަމައެހެންމެ ދައުލަތުގެ އަމުރުތަކަށް ތަބާވުން ނޫން ގޮތެއް އިޚްތިޔާރު ނުކުރި ދިވެހީން އެމީހުންގެ މަޢީޝަތަށް ޓަކައި ކުރަމުން ގެންދިޔަ މަސައްކަތުން ލިބުނު ރޯދިންވެސް އަމިއްލަޔަށް ތިބޭންޖެހުނީ މަޙްރޫމު ވެގެންކަން އެނގޭން އެބައޮތެވެ. ދުވަސްވަރަކީ ދިވެހީންގެ ތެރޭގައި މަޝްހޫރު ” ވޯރާ” ވިޔަފާރިވެރީންގެ މުށުތެރޭގައި ދިވެހީންގެ ވިޔަފާރި އޮތްދުވަސްވަރެވެ. މަސްކޮޅާ ކާށިކޮޅުގެ ވިޔަފާރި ކޮށްލައި އުޅުނު މަދު ދިވެއްސަކު އެދުވަހު ފާޑަކަށް ނެތޭ ނުދެންނެވިޔަސް ރާއްޖޭގެ މުޅިވިޔަފާރި ކޮންޓްރޯލު ކުރަމުން ގެންދިޔައީ އިންޑިޔާގެ ވޯރާ ވިޔަފާރިވެރީންކަމުގައި ބުނެއުޅެއެވެ. ގަނޑުވަރު ތެރޭގެ އިއްޒަތްތެރީންނާއި ދައުލަތުގެ ފުންނާބުއުސް ބޭފުޅުންނަކީވެސް މާލެއިން ބޮޑެތި ބިންތަކެއްގެ އިތުރުން ރާއްޖެތެރެއިން ބައެއް ފަޅުރަށް ތަކެއް މިލްކުވެފައިވާ ބައެއް ނަމަވެސް އަތްމަތި މާކަތިޔާގި ބައެއްނޫނެވެ. ދައުލަތުގެ އިނާޔަތުގެ ގޮތުގައިލިބޭ ” ބަނޑު ހަނޑުލާއި” މަހުއެއްޗެތި ކޮޅުން ނާއި ރާއްޖެތެރެއިން މާލެފައިބާ ތިބޭ ކުދީންގެ އާއިލާތަކުން ގެނެސް ގެއަށްލާ ކާށިކޮޅާއި ދަރުކޮޅުން ފުއްދާލައިގެން އުޅުނު ބައެކެވެ.
ބޮޑުތަދާއި ގުޅިގެން އެއިރު ރާއްޖެ ހިންގުމާއި ހަވާލުވެތިއްބެވި ފަރާތްތަކުން މިކަން ވިސްނަވައި ރާއްޖޭގެ ވިޔަފާރި ދިވެހި ސަރުކާރުގެ ސީދާ ބެލުމުގެ ދަށުން ހިންގާންފަށައި ، ވޯރާ ވިޔަފާރިވެރީން ރާއްޖެއިން ބޭރުކުރުމަށް ރައްޔިތުންނާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުނު ކަމުގައި ބުނެވެއެވެ. ހަމައެއާއެކު ދިވެހީންގެ މަދުބަޔަކު މަޑުމަޑުން ބާޒާރުގެ ތެރޭގައި އިސްވެ ހަރަކާތްތެރިވާން ފެށިއެވެ. އަމީން ދީދީގެ ވެރިކަން ނިންމާލެވި ޖުމްހޫރިއްޔަތަށް ގެނެވުނު މަދުއަހަރުތަކެއްގެ “ބުރޭކަށްފަހު” ދެވަނަ ޖުމްހޫރިއްޔަތާއި އެކު އެކުހެން ރާއްޖެއަށް ލިބުނު މިނިވަންކަމާއެކު ބައިނަލް އަޤްވާމީ ދުނިޔެއަށް ރާއްޖެ ހުޅުވިގެން ދިޔައެވެ. ސިނަކޯ ރޭޑިޔޯގެ ޒަރީޢާއިން ރާއްޖޭގެ ރައްޔިތުންނަށް ކޮންމެވެސް ވަރަކަށް ދުނިޔޭގެ ކަންކަން އޮޅުންފިލުވެމުން މަޑުމަޑުން ރާއްޖޭގެ މަދު ސިނާއީ ވަސީލަތްތަށް ކުރިއަށް ހިނގައިގަތެވެ. ތަޢުލީމު އުނގެނުމުގެ ފުރުސަތު މަޑުމަޑުން ފަހިވެ ރިޔަލުއޮޑިތަކުގައި އިންޖީނުއެޅި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރެވި ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް ދެވޭނެ މަގުތައް ފަހިވަމުން ދިޔައެވެ. ދައުލަތުގެ އިސްމަޤާމު ތަކުގައި ތިބި ބައެއްމީހުންނާއި ބިންވެރީން ކުއްލިއަކަށް މުއްސަނދިވެ ދިޔަތަން ފެންނާން ފެށިއެވެ. ބަޖެޓުގައި ދަރަންޏެއްނެތި ، ކުރިއާއި އަޅައި ބަލާއިރު އިގްތިސާދީ ކުރިއެރުންތަކެއް ލިބިފައިވާ ރާއްޖޭގެ ވެރިކަމުގެ ގޮނޑި ރަމްޒީ ވޯޓަކުން 1978 ވަނަ އަހަރު މައުމޫނާއި ޙަވާލުކޮށްފައި ނާސިރު އިސްތިއުފާ ދެއްވައި ރާއްޖެ ދޫކުރެއްވުމުން ފާއިތުވެދިޔަ ތިރީސް އަހަރުގެ މަޝްހޫރު މައުމޫނިޒަމްގެ ވެރިކަން ރާއްޖޭގައި ފެށި ދުނިޔެދުށް އިޤްތިސާދީ ކުރިއެރުންތަކާއި ރާއްޖޭގެ ރައްޔިތުންގެ އަމިއްލަ މިންނެތް މަސައްކަތުން ބޮޑުތަދުގެ ހިތްދަތިކަން ރާއްޖެއިން ފިލުވާލިކަމުގައި ދަންނަވާން ޖެހެއެވެ. ނަމަވެސް ގިނަބަޔަކު ޤަބޫލުކުރާ ޙަޤީގަތަކީ ރާއްޖެއަށް ލިބުނު ކުރިއެރުމާއި ތަނަވަސްކަން ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ލިބިފައިނުވާކަމެވެ. މަރުކަޒީގޮތުން ރާއްޖޭގެ ހުރިހައި ކަމެއް އެއްދިމާލަކަށް ޖަމާވެ ހުރިހާ ފުރުސަތެއް ހޯދުމަށް މާލެއަށް ރާއްޖޭގެ ރައްޔިތުން ހިޖުރަކުރާން ޖެހުމާއިއެކު ލައްގާހުރަޔަށް ލައްވާ ބީދައިން މާލޭގެ ބިންވެރީންގެ އަތްމަތި ތިޔާގިވިނަމަވެސް ދިރިއުޅުމާއި ބޯހިޔާވަހިކަން އޮތީ އަތްނުފޯރާފަށުގެ އުސްމިނެއްގައި ކަމުގައި ގަބޫލުކުރާން ޖެހެއެވެ. އެހެނަސް އަޑިނޭނގޭ މަދުބަޔަކު ދައުލަތައްވުރެ މުއްސަނދިވެ ކޮލިފުފި މަހުޖަނުންނަށް ވަފައިވާކަމީ ގަބޫލުކުރާންޖެހޭ ޙަޤީގަތެކެވެ. އަލާދީނުގެ ވޮށްގަނޑު ލިބުމުން އިރުއޮއްސި އިރުއަރާއިރު ލިބޭފަދަ ތަނަވަސްކަން ބައެއް މީހުންނަށް ލިބެމުން ދިޔައިރު “ޗުކުޗުކު” އެޅުވުން ނޫންކަމެއް ކުރާނެ ފުރުސަތެއް ދިވެހި ރައްޔިތުންނަކަށް ނުލިބެއެވެ. ދުލުގެ މިނިވަންކަން އޮތީ އިނދުނު ހިސާބުން ކަނޑާލެވި މަހުރޫމު ކުރެވިފައެވެ. އަނގަ ހުޅުވާލަން އުޅުނު ކޮންމެ ފަހަރަކު ދިވެހި ރައްޔިތުންނަށް ވާރުތައިން ލިބެމުން ދިޔައީ ހުރަގޭގެ ބިންމައްޗާއި މަރުގެ ވޭނެވެ. ނަމަވެސް ރާޅަކަށްފަހު ރާޅެއް ނަގަމުން ބޮޑުވަމުންގޮސް ދިވެހި ރައްޔިތުންގެ އުންމީދުތައް ފުރިހަމަވުމުގެ ފެހި ސިގުނަލް ގެނެސްދިނީ އަޅުވެތިކަމުގެ ދުވަސްތަކުން މިނިވަންވުމަށް 2008ވަނަ އަހަރު އެކުލަވާލެވުނު ގާނޫނުއަސާސީގެ ތަރަހައިގެ ދަށުން އެކުލަވާލެވުނު ސަރުކާރުންނޭ ދެންނެވުމަކީ ދޮގެއްކަމުގައި ދަންނަވާކަށް ނުޖެހެއެވެ. ނަމަވެސް މިކަން މިވެގެންދިޔައީ ހީކުރިގޮތާ ޚިލާފަށް ކޮލިފުފިފައި ތިބި މަދު މަހުޖަނުން ކޮޅަކަށް މާހިންހަމަޖެހޭ ކަމަކަށް ނޫނެވެ. މުއްސަނދީންނާއި ފަގީރުންގެ ދުރުމިން ގާތްކުރުމަށް ސަރުކާރުން އެތަކެއް އިނާޔަތްތަށް ތަޢާރަފުކޮށް ދިނުމާ ސަރުކާރުގެ މުސާރަވެރީންގެ މުސާރަތަށް އެތައްއިންސައްތައަކުން ބޮޑުކުރުމާ އެކުއެކުހެން މުއްސަނދީންގެ އަތުން ޓެކްސް ނަގާން ނިންމުމަކީ ދީނުގައި ފަރުޟު ކުރައްވާފައިވާ ޒަކާތްވެސް ދެއްކުމަށް އުޒުރުވެރިވާ މިފަދަ މަހުޖަނުންނަށް އެއްގޮތަކަށްވެސް ހަޖަމު ނުކުރެވުނު ކަމަކަށެވެ. އެހެންކަމުން އަރުވާޖަހައިގެން ވެރިކަން ވައްޓާލަދޭނެ ބަޔަކު ހޯދައި އަނެއްކާވެސް އެހެން ރައްޔިތުންގެ ދިޔަބޯންދީގެން ތިމާމެން މުއްސަނދިކުރި މީހާ ވެރިކަމަށް ލެވޭތޯ އެތިބަ މަރުދެނީއެވެ. ވޯރާ ވިޔަފާރިވެރީންވެސް ދިވެހީންނަށް ނުދޭފަދަ ހިތްދަތިކަން ގެނެސްދެވޭތޯ ، ” މަނިޙްތަކަރަ ޢަލަލަލް މުސްލިމީނަ ، ޠަޢާމަހުމް ބިލް ޖުޒާމި ވަލް އިފްލާޝް ” ( މުސްލިމުންނަށް ބޮޑުއަގުގައި ވިއްކުމަށް މުދާފޮރުވާމީހުންނަށް ޖުޒާމްބަލި ޖެއްސެވުމާއި އިފްލާޝް ކުރެއްވުން ހުއްޓެވެ.) މިބަސްފުޅުވެސް އަޅުގަނޑުމެންގެ ތެރޭގައި އޮއްވާމެ އެގެންދަނީ ކައްކާ ތެޔޮހަމަކުންވެސް ދެތިންސަތޭކަ ރުފިޔާގެ ފައިދާ ފޭރިގަންނަމުންނެވެ. އަޅެފަހެ މިފަދަ ވިޔަފާރިވެރީންގެ އަތުގައި އަޅުގަނޑުމެންގެ ބާޒާރުގެ ތަޅުދަނޑި އޮތުމުން މިވަނީ ފަހެ މަރުސަކަރާތަކަށް ނޫންތޯއެވެ. ބަލަގަ އެމީހުންނަށް އެމީހުން ހިތުން އެތަނަވަސްކަން ވާރުތަކޮށްދިން މީހާގެ އަތުން ﷲ ތަޢާލާ ވެރިކަން ނިގުޅައި ގެންނެވީއަކީ އަޅުގަނޑުމެން ކުރި ކަމަކުން ނޫނެވެ. އިތުރު މުއްސަނދި ކަމާ ޖާހުގެ ބޭނުމުގައި އެމަހުޖަނުން ކާންދިން އަތުގައި ދަތްއަޅައި ވެރިކަމާ ހަސްގަނެގެން ނުކުތުމުން ނޫންތޯއެވެ. ވޯރާ ވިޔަފާރިވެރީން ފަހާލިހެން އަނެއްކާ ބޮޑުތަދެއް ނާންނަނީސް މިކަހަލަ ޣައިރަތްތެރި މަހުޖަނުން ރާއްޖޭގެ ބާޒާރުން ފަހާލާކަށް ނުވޭތޯއެވެ.