ރައީސުލްޖުމްހޫރިއްޔާ ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފްދާ ބައްދަލުކުރައްވައިފި

eu-meets-hep-450-x-320

ކޮޅުނބުގައި ހުންނަ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ ސަފީރުން ހިމެނިވަޑައިގަންނަވާ ވަފުދަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން، ޔޫރަޕިއަން ޔޫނިއަންގެ އެމްބެސެޑަރ ބާރނާޑް ސަވާޖާއި، ޖަރުމަނުވިލާތުގެ އެމްބެސެޑަރ ޖެން އުއި ޕްލޮޓްނަރއާއި، ފްރާންސްގެ އެމްބެސެޑަރ ކްރިސްޓީން ރޮބިޗޯނާއި، އަދި އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ޖޭމްސް ޖޯން ރެންކިން ބައިވެރިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ދައުލަތުގެ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމްކުރެވިފައިވުމާއެކު، ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށްޓަކައި ސަރުކާރުން އިތުރަށް ކުރެއްވިދާނެ މަސައްކަތްޕުޅާ ބެހޭގޮތުން ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ މަޢްލޫމާތު، މި ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. މީގެއިތުރުން، އިޤްތިސާދީ ކުރިއެރުމާއި އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ފޯރުއްވައިދެއްވުމަށް ސަރުކާރުން ހިންގަވަމުން ގެންދާ މަޝްރޫޢުތަކުގެ މަޢްލޫމާތުވެސް އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ޔޫރަޕިއަން ޔޫނިއަނުން ދެއްވަމުން ގެންދަވާ އެހީތަކާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޔޫރަޕިއަން ޔޫނިއަންގެ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރާއްޖޭގަޔާއި އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި ތަހުނިޔާ ވިދާޅުވިއެވެ. އަދި އެބޭފުޅުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ސާރކް ސަމިޓަށް ތައްޔާރުވުމަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވި ކަމަށް ވިދާޅުވެ، އެމަސައްކަތް ހަލުވިކަމާއެކު ހިނގަމުންދާކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރައްވައި، އަންހެނުން ބާރުވެރި ކުރެއްވުމަށާއި، މީޑިއާގެ ދައުރު ފުޅާކުރެއްވުމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތާ ބެހޭގޮތުން މި ވަފްދުގެ ބޭފުޅުން ދެންނެވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.
މި ވަފްދުގެ ބޭފުޅުން ވަނީ އެމްޑީޕީގެ އިސްވެރިންނާ އެޕާޓީގެ ސެކްރެޓޭރިއަޓް ގައި ބައްދަލުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.