މެންބަރުންގެ ޚިޔާލު: މިއަދުގެ މަންޒަރު ވަރަށް ސާފެވެ!!

ފުނަމާ

މީގެ އެތަކެއް އަހަރުތަކަށް ބަލާލާއިރު މިދިވެހިރާއްޖެއަކީ ދުނިޔޭގެ ޗާޓުން ކިތަންމެވަރަކަށް ހޯދިޔަސް ފެންނާން ނޯންނަ ގައުމެކެވެ. ދުނިޔޭގެ އެކިބައްރު ތަކުން ފުރައިގެން ސީނުކަރައަށް ނުވަތަ އުތުރުކަރައަށް ދަތުރުކުރަމުން ގެންދިޔަ އެތަކެއް އުޅަނދުތަކެއް މިރާއްޖޭގެ ފަރުތަކުގައި ހަރުވެ އަވަދިވެފައިވާކަން ތާރީޚުން އެނގޭން އޮތްއިރު މިކުދި ޖަޒީރާ ރަށްތައް ދުނިޔޭގެ ޗާޓުގައި އާންމުވެ ފެންނަން ފަށާފައިވަނީ ވޭތުވެދިޔަ ގަރުނުގެ ތެރޭގައެވެ. ދުނިޔޭގެ މަސްރަޚު ދެކެމުންއައި ތަހުޒީބާއި ތަމައްދުންގެ އަސަރެއްް ފެނުމަކާނުލައި ވެރިކަމުގެ ދާނުގައި ލެގުވިގެން ތިބި ބައެއް އެއިރަކު ކުޅައަމުރަކަށް ތަބާވެލައިގެން ދިވެހީން އުޅުނު ނަމަވެސް ނަސީބުގަދަކަމުން މީގެ އެތަކެއް ސަތޭކައަހަރު ކުރީން އިސްލާމް ދީނުގެ ހިދާޔަތުވަނީ ﷲގެ ރަޙްމަތްފުޅުން ރާއްޖޭގެ ދުނީން އެތެރެވެފައެވެ. އެހެނަސް އެހެން ކަންކަން ހިނގަމުންއައި ބީދައިން މިދީނުގެ ކަންކަންވެސް އޮތީ ވެރިކަމުގައި ތިބިބައެއް ބޭނުންމިންވަރަކަށް ހިފަހައްޓައި ކުރިއެރިއަ ނުދީފައެވެ. އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މިނިވަން ކަމާއި ދުލުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގައި އެތަކެއް ހާސްއަހަރު ވެރިކަންކުރި މީހުން މިއަދު ދުނިޔޭގައި ތިބިމީހުން އެއިޑްސް ބަލިދެކެ ބިރުގަންނަ މިންވަރަށްވުރެވެސް ބޮޑަށް ބިރުގަންނަ ކަމަކަށް އޮތީވެފައެވެ. ނަމަވެސް ވިހިވަނަ ގަރުނުގެ ތަރައްގީގެ ކުނޑިތައް ރާއްޖޭގެ ދުނިން އެތެރެ ނުކޮށް ހިފަހައްޓާ ނުލެވުމުގެ ސަބަބުން ދިވެހީން މިއައީ ދުނިޔެއަށް ލޯހުޅުވި ކަންކަން ހިނގަމުންދާގޮތް ކޮންމެސްވަރަކަށް ދަސްކުރަމުން އަހުލުވެރިވަމުންނެވެ. މިއަދުގެ ” ގްލޯބަލް ވިލެޖު” ގައި ދިވެހިރާއްޖެ މިވަނީ ކުރީސަފުގައި ނޫންނަމަވެސް ލޯހުޅުވި ކުރިއަރަމުންނެވެ. ޒަމާންވީ ސަގާފަތުގެ އަޖަލުގައި ބަނދެވިފައިވާ ބަނދެވުންތައް މޮހާލައި ދުނިޔޭގެ ސަފުގައި ފައިހަމަކުރަމުންނެވެ. މިއަދު ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ކޮންމެ ކަމެއް ހިނގިނަމަވެސް އެކަމެއްގެ އަސަރު ދިވެހީންނަށް ކުރާކަށް މާކަގިނަ ވަގުތެއް ނުނަގައެވެ. ދުނިޔޭގައި އަޅާ ކޮންމެ ވަޔެއް އޮޔެއް ދިވެހީންގެ ގައިގައިވެސް މިދަނީ އަޅަމުންނެވެ.
ރާއްޖޭގައި ފާއިތުވެދިޔަ ވެރިކަމަކީ މިރާއްޖޭގެ ތާރީޚުދުށް އެންމެ އަނިޔާވެރި އަދި ޚިޔާނާތްތެރި ވެރިކަން ކަމުގައި ގިންބަޔަކު އެބުނެ އުޅެނީ ސަބަބުތަކެއް ނެތީމަކާނޫނެވެ. ދުނިޔޭގެ ތަރައްޤީއަށް ލޯހުޅުވި ދިވެހި ރާއްޖެއަށް އެތައްގޮތަކުން ތަނަވަސްކަން ލިބެން ފެށީ ނާސިރުގެ ދައުރުގައި އޭނާ އަޅުއްވައި ދެއްވި އިގްތިސާދީ ބިންގާތަކުގެ މަތީގައެވެ. ދޮންވެ ފައްކާވަމުންދިޔަ ދިވެހިރާއްޖޭގެ އިޤްތިސާދު ދަހިވެތި ކަމާއެކު މުށުތެރޭގައި ފޮރުވަމުން ގެންދިޔަ ބަޔަކީ ނާސިރަށްފަހު މިގައުމުގެ ވެރިކަމާ ހަވާލުވި ސަރުކާރުގެ އަހުލުވެރީން ކަމުގައި ބުނާނެ ފުރުސަތު ދިވެހީންނަށް މިދިނީވެސް އެމީހުންނެވެ. ދިވެހި ދައުލަތައްވުރެ މުއްސަނދި ހައެއްކަ މީހުން މުއްސަދީންގެ ގޮތުގައި މިގައުމުން މިއަދު ފެންނާން ތިބިއިރު ދުވާލަކު އެއްޑޮލަރު ނުލިބޭ ލައްކައެއްހާ މީހުން މިގައުމުގައި ތިބިކަމީ ދިރާސާތަކުން ބުނެދީފައިވާ ޙަޤީގަތެކެވެ. އަދި މިބުނެވުނު ބޮޑެތި މުއްސަނދީންނަކީ ވެރިކަމުގައި ތިބި މީހުންނާއި އެމީހުންނާއި ގުޅިފައިވާ މަދުބައެއްކަމީވެސް އެންމެންނަށް އެނގޭ ކަމެކެވެ. ދިވެހީންގެ ޙައްގުތައް ގެއްލި މަގުމަތިވެ ދިޔައިރު ވެރިކަމުގައި ތިބިމީހުން ތިބީ ރައްޔިތުންގެ ދޫތަކުގައި ހިފަހައްޓައިގެންނެވެ. ޗުއްޕު ބުންޏަސް ފިސާރި ހޭއަރުވައި ލައެވެ. އެހެނަސް އެކާވީސް ވަނަގަރުނަށް އަލިވިލެމުން ދިޔައިރު ދިވެހީން ދިޔައީ ކޮންމެ ހާލެއްގަވެސް ދުލުގެ މިނިވަންކަން ހޯދައި އޭގެ ބޭނުންކުރަމުން ތިމާމެންގެ ޙައްޤުތަކާއިމެދު ސުވާލުކުރަމުންނެވެ. މުޅިދުނިޔެއަށް މިރާއްޖޭގެ ހާލަތު އޮޅުވާލައިގެން ވެރިކަމުގައި ދެމިތިބި މީހުން ބަރަހަނާވެ ވެރިކަމުގެ މުގޫއަތުން ދޫވެދިޔައީ މިދެންނެވި ސަބަބުތަކާއިވެސް އެކުވެގެންނެވެ.
މިއަދުގެ ރާއްޖެއަށް ބަލާލާއިރު މިފެންނަނީ މުޅީންތަފާތު މަންޒަރެކެވެ. މީސްތަކުން ބެހިފައިވަނީ ތިންބަޔަކަށެވެ. އެއްބަޔަކީ ވަކިއުސޫލުތަކެއް މެނުވީ ގަބޫލުނުކޮށް ތިމާމެންގެ ސިފަޔާއި ވައްތަރަކީ ހަމައެކަނި ގޮތްކަމުގައި ގަބޫލުކުރާ އަދި އެނޫން ކޮންމެ މީހަކީ މުނާފިގެއް ކަމުގައި ނުވަތަ ކާފަރެއް ކަމުގައި ބުނެއުޅޭ ބައެކެވެ. އަނެއް ބަޔަކީ ވެރިކަމުގައި ތިބިއިރުވެސް ޒުވާނުން މަޅީގައި ޖައްސައިގެން މުޅިޖީލު ހަލާކުކޮއްލި ބީދައިން މިއަދު ވެރިކަމުގައި ތިބިމީހުން ވެރިކަމުން ދުރުކޮށް އަނެއްކާވެސް ” އަނބުރައި ސަރުކާރަށް ” މިޝިޢާރުގެ ދަށުގައި ޚިޔާނާތްތެރި ކަމާއި މަކަރުވެރި ކަމުގައި މަސައްކަތް ކުރާބައެކެވެ. މިބައިގައި މުޅީންވެސް ފެންނާންތިބީ ކުރީގެ ވެރިކަމުގެ މުޑުދާރު ސަގާފަތުގެ އަހުލުވެރީންނާއި އެމީހުންގެ ނަގުލުގައި އެލިގެން ތަނަވެސްވެ ފުފިފައިވާ ބައެއްމީހުންނެވެ. އަނެއްބަޔަކީ ހަމަހަމަކަމާއެކު ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމުގެ ހެޔޮނިޔަތުގައި ކަށިމަތީން ހަންދިޔަސް ހެޔޮކަމުގައި އަރުވާޖަހައިގެން ނިކުމެ ތިބި މީހުންނެވެ. އެތަކެއްހާސް އަހަރުގެ މަސައްކަތުން ޖަހާފައިވާ ދަންތުރަތަކާއި މަކަރުވެރީން އަނބުރަމުން ގެންދާ ނޭޒާތަކުން ސަލާމަތްވެ ގައުމާއިގެން އަމާން ބަނދަރަކަށް ދިއުމުގެ މަތިވެރި އުންމީދުގައި މަސައްކަތްކުރާ މީހުންނެވެ.
މިއަދު މިހުރިހާ ކަމަކާއި ގުޅިފައިވާ މިގައުމުން މިފެންނަނީ މުޅީންއެހެން މަންޒަރެއް ކުރެހި، ކުލަޖެހެމުން ދާތަނެވެ. ރައްޔިތުންގެ ހަންވީދައިގެން މުއްސަނދިވި ބައެއްމީހުން ނުތަނަވަސްވެ ހަމަނިދި ނުނިދިގެން އުޅޭތަނެވެ. އަނެއްކޮޅުން އެކަތައިގެ ފާރުލައިގެން ހިމާޔަތް ކުރަމުންގެންދިޔަ ކުރީގެ ވެރިކަމުގެ ކިއްލާގެ އެންމެހާ ކުރިބޯށިތައް ބިނދި ، ތަނބުތައް ބިމުން ލުހިގެން އަންނަތަނެވެ. މިމަންޒަރު ސިފަކޮށްދެނީ ދިވެހީން މިއަދު މިދަނީ އަނިޔާވެރިކަމާ މަކަރުވެރި ކަމުގައި ފުރާފައިވާ އެންމެހާ މަކުނުވާތަކުން ރެކިގެން ފިސާރި ސާބިތުކަމާއި އެކުކުރިއަށް ކަމެވެ. އަނިޔާވެރީން އެމީހުންގެ އަމިއްލަ ދިފާއުގައި ފޭއްސައި ތޫނުކުރި އެންމެހާ ހަތިޔާރުތައް މިއަދު އެމީޒާންވަމުން ދަނީ ޚޮދު އެއަނިޔާވެރީންގެ މެޔާދިމާލަށްކަން މަންޒަރު ހަމަލޮލުން ބަލާލި ކޮންމެ މީހަކަށް ވަރަށް ސާފުކޮށް އެބަފެނޭ ދޮގެއްތޯއެވެ؟