ދަތިތައް ދިމާވީމާ ޕާޓީގެ މެންބަރުން ބަރޯސާވާންވީ ފަރާތް ކަށަވަރުވީމާ ޕާޓީއާ ނުގުޅެންވީ ސަބަބެއް ނެތް- ޑރ.ޑީޑީ
އިބްރާހީމް ރާމިޒް
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގެ 3 މުދައްރިސަކު މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ސެޖްރެޓޭރިއަޓްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ސޮއިކުރެއްވީ އެ ސްކޫލްގެ ހެޑްއޮފް އިސްލާމިކް ޑިޕާޓްމެންޓް އަޙުމަދު ހާޝިމް އާއި އިސްލާމް މުދައްރިސް ހާރޫނު ޔޫސުފް އާއި ދިވެހި މުދައްރިސް މުޙައްމަދު ޤާސިމް އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އެބޭފުޅުން ދެއްކެވި ވާހަކައިގައި ސިޔާސީ އިސްލާޙީ ޙަރަކާތްތައް އެންމެ ފުރަތަމަ ފެށިގެން އައި ދުވަސްވަރުން ފެށިގެން ވެސް އެމްޑީޕީ އާ ގުޅުމުގެ ޝައިގުވެރިކަން ހުރި ކަމަށާއި، އެހެން ނަމަވެސް އޭރު ކަންތައްތައް ހުރި ގޮތުން ޕާޓީއަކާ ގުޅެން ބޭނުންނުވީ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް ޕާޓީގެ ލީޑަރޝިޕަށް އައި ބަދަލާ ވެސް އެކު އެމްޑީޕީއާ އެކި ދައިރާތަކުގެ އެކި ފަންތީގެ މީހުން ގުޅެމުން ދިއުމުގެ ސަބަބުން އިތުރު ހިއްވަރެއް ލިބި ޕާޓީއާ ގުޅުމަށް ނިންމެވީ ކަމުގައި ވިދާޅުވިއެވެ.
“ލައްކަ ގިނަ މަސައްކަތް ކުރެވޭނީ ލައްކަ ގިނަ ވަގުތު ދެވޭ މީހަކަށް” މި ޝިއާރުގެ ދަށުން ކުރެއްވި ފުޅާ ކެމްޕެއިނަކަށްފަހު އެމްޑީޕީގެ ރައީސްކަން ކާމިޔާބުކުރެއްވި ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ ) ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕްގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން ސިޔާސީ އެހެން މަޤާމްތަކުގައި ތިއްބެވުމުގެ ސަބަބުން ޕާޓީ ހިންގުމަށާއި، ޕާޓީގެ މެންބަރުންނަށް ވަގުތު ނުދެވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާރުގެ ލީޑަރޝިޕް އައި ފަހުން ޕާޓީގެ ވެރިކަމެއްގެ ޙަގީގީ އިޙްސާސް މިހާރު ކުރެވެން ފަށައިފި ކަމުގައި ވިދާޅުވިއެވެ.
ޑރ.ޑީޑީ އިތުރަށް ވިދާޅުވީ “ދަތިތައް ދިމާވީމާ ޕާޓީގެ މެންބަރުން ބަރޯސާވާންވީ ފަރާތް ކަށަވަރުވީމާ ޕާޓީއާ ނުގުޅެންވީ ސަބަބެއް ނެތް” ކަމަށާއި، މިއަދު ޕާޓީއާ ގުޅިވަޑައި މިގެންނެވި ތަޢުލީމީ ޤާބިލު ބޭފުޅުންގެ ޚިދުމަތް ޕާޓީއަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން މިއަދު ކޮންމެ މީހަކަށް ވެސް އެމްޑީޕީއަށް ޚިދުމަތް ކޮށްދެވިދާނޭ ކަމަށް ވިދާޅުވެ، މިއަދު ގުޅިވަޑައިގެންނެވީ ސީއެޗްއެސްއީގެ މުދައްރިސުން ވެސް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީއާއި ގުޅިވަޑައިގެން އެބޭފުޅުންގެ ޤާބިލްކަމުގެ ފައިދާ މުޅި އެމްޑީޕީއަށް ފޯރާފަދަ ގޮތަކަށް މަސައްކަތްކޮށްދެއްވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.