އެމްޑީޕީން މަޖިލީހުގައި ހޭދަކުރި ދުވަސްތަކަކީ ހިތްނަގާ މޭޒުމަތީގައި ބާއްވައިގެން ހޭދަކުރި ދުވަސްތަކެއް ކަމަށް މޫސަ ވިދާޅުވެއްޖެ

– އެމްޑީޕީގެ ޗެއަރޕާސަންގެ މަރުހަބާގެޚާއްސަ މެސެޖެއް ވިދާޅުވެދެއްވި

އިބްރާހީމް ރާމިޒް

reeko-moosa

އެމްޑީޕީން މަޖިލީހުގައި ހޭދަކުރި ދުވަސްތަކަކީ ހިތްނަގާ މޭޒުމަތީގައި ބާއްވައިގެން ހޭދަކުރި ދުވަސްތަކެއް ކަމަށާއި، އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ އަޤްލަބިއްޔަތު ކަމަށްވާ 39 މެންބަރުން ހަމަވާ ދުވަހަކީ މިނިވަން މުޥައްސަސާތަކާއި، ފަނޑިޔާރުން ވިސްނަންޖެހޭ ދުވަހެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އެމްޑީޕީއާއި ގުޅިވަޑައިގަތުން ފާހަގަކުރެއްވުމަށް ދަރުބާރުގޭގައި އެޕާޓީން ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ އަޤްލަބިއްޔަތު ހޯދުމަށް މަސައްކަތްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން އެފަރާތްތަކަށް ކުރިން އޮތް އަޤްލަބިއްޔަތުގެ ބޭނުންކޮށްގެން ކެނޑިނޭޅި ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރުމަށް މަސައްކަތްކުރަމުންދާތީ ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގައި އަޤްލަބިއްޔަތު ލިބުމަކީ ހަމައާއި އިންސާފުން މަސައްކަތްކުރައްވާ އެއްވެސް ފަރާތަކުން، އެފަރާތަކީ ފަނޑިޔާރެއް ކަމަށް ވިޔަސް އަދި ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް ކަންބޮޑުވާންވީ ކަމެއް ނޫން ކަމަށާއި، އެމްޑީޕީއަށް ލިބިފައިވާ އަޤްލަބިއްޔަތުގެ ބޭނުން ކުރާނީ މަޖިލީހުގެ އަޤްލަބިއްޔަތު ނުލިބުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާފައިވާ ޚިދުމަތްތަކަށް އެޅިފައިވާ ހުރަސްތައް ނައްތާލުމަށް ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ ސަރުކާރުގެ ވަޒީރުން ވަކިކުރި އިރު އެމްއެމްއޭގެ ގަވަރުނަރު ދުރުގައި “އަތްޖައްސަވަން” ހުންނެވި ނަމަވެސް މަޖިލިސް ފެށުމުން “ދެންއަތްޖައްސަވާނީ” ވަޒީރުން ކަމަށް ވިދާޅުވިއެވެ. އަދި މޫސަ އިތުރަށް ވިދާޅުވީ ޑީއާރުޕީން އަޤްލަބިއްޔަތުގެ ބޭނުންކުރީ ދައުލަތުގެ ޚަރަދުތައް ބޮޑުކޮށް އިޤްތިސާދު އިނދަޖެއްސުމަށް، މިނިވަން މުވައްސަސާތަކަށް ބޮޑެތި މުސާރަ ކަނޑައެޅުމަށާއި، ކުރީގެ ރައީސް މައުމޫނަށް އިނާޔަތްތައް ދޭން ކަމަށާއި، މައުމޫން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާހާ ހިނދަކު އެމްޑީޕީގެ އަޤްލަބިއްޔަތު އޮތް މަޖިލީހަކުން މައުމޫނަށް އިނާޔަތް ދިނުމަށް އިތުރަށް ރުހުން ނުދޭނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް “ބޮޑެތި ވައްކަންތައްކޮށްފައިވާ ވަގުން ބޮޑެތި މަޤާމްތަކުގައި ނުބޭއްތިއްބޭނޭ” ކަމަށް ވިދާޅުވަމުން މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު ޢަޙުމަދު ނާޒިމް އަށް ވެސް “ކޯޓަށް ފިލައިގެން އުޅެގެން ދެން ގޮނޑީގައި ނީނދެވޭނޭ” ކަމަށް ވިދާޅުވިއެވެ. އަދި ސަންސެޓް ޤާނޫން އިހަށް އެއްކައިރިކޮށްފައި ނަމަވެސް ޖިނާޢީ ޢިޖުރާތުގެ ބިލް ފާސްކުރައްވާނޭ ކަމަށާއި، އަދި މާލިއްޔަތު ޤާނޫނަށް އިސްލާޙް ގެންނަވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު (ކާނަލް) އާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވެސް ވާހަކަދެއްކެވިއެވެ.
މި ޖަލްސާ ގައި އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވަން ސްޓޭޖަށް އަރާވަޑައިގެން ޢަބްދުﷲ ޢަބްދުއްރަހީމަށް މަރުހަބާ ވިދާޅުވުމަށް ފަހު، ލެން ބައިތެއް ވިދާޅުވެ ވަނީ ވާހަކަފުޅު ކުރުކޮށްލައްވާފައެވެ. އަދި މި ޖަލްސާގައި މިވަގުތު ރާއްޖެއިން ބޭރުގައި ވަޑައިގެން އުޅުއްވާ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ، އެމްޑީޕީ އާއި އަލަށް ގުޅިވަޑައިގެންނެވި އަބްދުﷲ ޢަބްދުއް ރަހީމް އަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކަށް މަރުހަބާ ވިދާޅުވެ ފޮނުއްވާފައިވާޚާއްޞަ މެސެޖެއް، ޖަލްސާ ތައާރަފްކުރެއްވި އެމްޑީޕީ ކެލާ ދާއިރާގެ ރައީސް އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ވިދާޅުވެދެއްވިއެވެ.