12 އޭޕްރިލް 2010
މަތިދެކުނު ޕްރޮވިންސް ގައި އާބާދީގެ ނިސްބަތުން އެމްޑީޕީގެ މެންބަރުން އެންމެ ގިނަ ރަށް ކަމަށްވާ ގއ.ކޮލަމާފުށީ ގައި އެމްޑީޕީގެ 8 ގޮފި އިފްތިތާހް ކުރުމަށް ވާންޖެހޭ ތައްޔާރީތައް އެރަށުގައި ވަރަށް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ.
ކޮލަމާފުށީ ގޮފިތައް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކެވި އެރަށުގެ ޒުވާނެއް ކަމަށްވާ އަހުމަދު ޒާމް ވިދާޅުވީ ކުރިން އެރަށުގައި އޮތް 3 ގޮފި އުވާލުމަށްފަހު އަލަށް މިއުފައްދާ 8 ގޮފީގެ އިންތިޚާބު 29 އެޕްރީލް ގައި އޮންނާނޭ ކަމުގައެވެ. އަދި ގޮފިތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިހަފްތާގެ ތެރޭގައި އާންމުކޮށް ހުޅުވާލާނޭ ކަމުގައި ވެސް އެފަރާތުން ވިދާޅުވިއެވެ.
ކޮލަމާފުށީގައި އަލަށް މިއުފެދޭ 8 ގޮފި އިފްތިތާހް ކުރުމާއި، އެރަށުގައި ހުޅުވާ އެމްޑީޕީގެ އޮފީސް ހުޅުވުގެ ރަސްމިއްޔާތު 30 އެޕްރީލް ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖެހިފައިވާ އިރު މި ރަސްމިއްޔަތައް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެރަށުގައި މިހާރު ކުރިޔަށް އެބަދެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކޮލަމާފުށީ އޮފީހުގެ ނަމުގައި، އެރަށު އަންހެނުންގެ ހޮޓާ ހިންގި އިމާރާތުގައި ހުޅުވާ މިއޮފީސް ހުޅުވުމުގައި އެމްޑީޕީގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެރަށުން މައުލޫމާތުދެއެވެ.
އެންމެ ފަހުން ބޭއްވުނު އާންމު އިންތިޚާބުގައި ކޮލަމާފުށީގައި ތިބި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 1066 އެވެ. މީގެ ތެރެއިން 383 މީހަކު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި އިރު، އެރަށުގެ އިތުރު 100 އެއްހާ ފޯމު އެމްޑީޕީ އޮފީސް މެދުވެރިކޮށް މިދިޔަ މަހު އިލެކްޝަނަށް ފޮނުވާފައިވެއެވެ.