ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މީހުން ތިބީ އެންމެ ރަގަޅު ޕާޓީ އަކީ ކޮބައިތޯ ބެލުމަށް ދުރުމީ އަޅައިގެން – ޑރ.ޑީޑީ

– ރޭގެ ޖަލްސާގައި އެމްޑީޕީން ވަނީ އެޕާޓީ އަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީކަމަށް އިޢުލާންކޮށްފައި

އިބްރާހީމް ރާމިޒް

drdidi-abdul-raheem

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ވަކި ޕާޓީއަކަށް ތާއީދު ނުކުރާ މީހުން ކަމަށާއި، އެފަދަ މީހުން ތިބީ ދުރުގައި، އެންމެ ރަގަޅު ޕާޓީއަކީ ކޮބައިތޯ ބެލުމަށް ދުރުމީ އަޅައިގެން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ޑރ.އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބަދުﷲ ޢަބްދުއްރަހީމް އެމްޑީޕީއާއި ގުޅިވަޑައިގަތުން ފާހަގަކުރެއްވުމަށް ރޭ ދަރުބާރުގޭގައި އެމްޑީޕީން ބޭއްވި ޚާއްސަ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ ދުރުގައި ދުރުމީ އަޅައިގެން ތިބި މީހުން އެމްޑީޕީއަށް ހިތް ޖެއްސުމަށް ކުރެވިދާނޭ ތަފާތު އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ޑރ.ޑީޑީ ފާހަގަކުރެއްވީ މި ވެލްފެއަރ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ އިނާޔަތްތަކާއި، މަދަނަ ފަދަ ޚިދުމަތްތައް ހޯދުމުގައި ދަތިވާ ފަރާތްތަކަކީ ކޮބައިތޯ ރަށްރަށުގައި ގާއިމްކޮށްފައިވާ އެމްޑީޕީގެ ގޮފިތައް މެދުވެރިކޮށް ބަލައި، އިދާރީ ގޮތުން އެފަރާތްތަކަށް އެހީ ލިބުމުގައި ހުރި ދަތިތައް ދެނެގަނެ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުވުމެވެ.
އެމްޑީޕީ އަކީ މަލްޓި ޕާޓީ ނިޒާމުގެ ނަމޫނާ ޕާޓީކަން ފާހަގަކުރައްވައި، އެމްޑީޕީން މިހާރު ހޯދަމުންދާ ކާމިޔާބީތަކަށް ވެސް ޑރ.ޑީޑީ ރޭގެ ޖަލްސާގައި ބައްލަވާލެއްވިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ވައުދުތައް މެކުހަށް، ސިލްސިލާގެ 2 ވަނަ ޖަލްސާ އަށް ވެސް ވަރަށް ގިނަ މީހުން ހާޒިރުވިއެވެ. މި ޖަލްސާގައި އެމްޑީޕީން ވަނީ މިހާރު އެޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީކަން އިޢުލާންކޮށްފައެވެ.ޢަބްދުﷲ ޢަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގައި އެޕާޓީ ތަމްސީލްކުރާ މެންބަރުންގެ އަދަދު 34 އަށް އެރީއެވެ.