ޢަބްދުﷲ ޢަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވައިފި

– މަޝްހޫރު ކުޅިވަރު ޝަޚްޞިއްޔަތު ތާޅަފިލި އަލިބެ ވެސް އެމްޑީޕީއަށް ރޭ ސޮއިކުރެއްވި

– މާޒިޔާއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ މެންބަރޝިޕް ފޯމު ރޭ މާޒިޔާގެ ފަރާތުން ވަނީ އެމްޑީޕީގެ ރައީސްއާ ހަވާލުކޮށްފަ

އިބްރާހީމް ރާމިޒް

aa-raheem-soe-kurevvun

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިރޭ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ” އެމްޑީޕީގެ ވައުދުތައް މެކުހަށް” މި ސިލްސިލާގެ 2 ވަނަ ޖަލްސާގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ޢަބްދުﷲ ޢަބްދުއްރަހީމް ވިދާޅުވީ “ހިތާއި، ރޫހާއި، ޖާނުދީގެން މިހިރީ އެމްޑީޕީއާ ގުޅިގެން” ކަމަށާއި “މިފަހަރު މިކަން ބަދަލުކުރެވޭނޭ މީހަކު ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާއަކީ އެމްޑީޕީގެ ދާއިރާއެއް ކަމަށާއި، އޭނާ އެއްވެސް ތަނަކަށް ވަޑައިގަންނަވަނީ ބަލިވާކަށް ނޫން ކަމަށެވެ. އެހެން ކަމުން ދެންވެސް ހުންނަވާނީ މޮޅުވުމުގެ އުއްމީދުގައި ކަމަށާއި، އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް “ނަތީޖާ ނެރެދެއްވާނޭ” ކަމަށެވެ.
ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން އަލީގެ ދިފާއުގައި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ހިއްވަރާއެކު މަސައްކަތްކުރެއްވައި ޑީއާރުޕީގެ ޒައީމް މައުމޫނަށް ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަ ޢަބްދުﷲ ޢަބްދުއްރަހީމް މިރޭ އިތުރަށް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނެވެން އޮތީ އެމްއެމްއޭގެ ގަވަރުނަރު ބޭރުކޮށްގެން ކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތަށްވުރެ އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު އިސްކަންދެއްވަނީ ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ކަމަށެވެ. މީގެ އިތުރުން ވެސް ރާއްޖޭގެ މިހާރުގެ ހާލަތަށް ބައްލަވާލައްވަމުން އޭނާ ވިދާޅުވީ ތަކެތީގެ އަގު އުފުލެން މެދުވެރިވަނީ “ވިޔަފާރިވެރިން ގެންގުޅޭ އެމީހުންގެ ޖީބު ބޮޑުކޮށް، ރައްޔިތުންގެ ޖީބު ކުޑަކުރުމުގެ ފަލްސަފާ”ގެ ސަބަބުން ކަމަށެވެ. އަދި އެމްޑީޕީ އަކީ ކާމިޔާބު ޕާޓީ އެއް ކަމަށާއި، ލޯކަލްކައުންސިލް އިންތިޚާބުގައިވެސް ހަގީގީ ކާމިޔާބީއެއް ލިބުނީ އެމްޑީޕީއަށް ކަމަށް ވިދާޅުވަމުން، ދައުރުގެ މެދުތެރޭގެ އިންތިޚާބު ނުބޭއްވުނީ އެކަމަށް ޑީއާރުޕީ ފަސްޖެހުމުން ކަމަށާއި، އެހެން ކަމުން “އެއިންތިޚާބު” ވެސް ކާމިޔާބުކުރެއްވީ އެމްޑީޕީ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މަޝްހޫރު ކުޅިވަރު ޝަޚްސިއްޔަތު “ތާޅަފިލި އަލިބެ” ޑީއާރުޕީން ވަކިވެ، އެމްޑީޕީއަށް ސޮއިކުރެއްވި އިރު މާޒިޔާ އަށް ނިސްބަތްވާ 100 އަށް ވުރެ ގިނަ ފޯމުގެ އިތުރުން ދ. ކުޑަހުވަދޫ ދާއިރާގެ އެމްޑީޕީ ރައީސް ޝާތިރު ޢަބްދުއްރަޙްމާން ވެސް 100 ފޯމު އެމްޑީޕީގެ ރައީސް އާ ހަވާލުކުރެއްވިއެވެ.