އީޔޫގެ ވަފްދެއް އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިބްރާހީމް ރާމިޒް

eu-meeting-450-x-214

ރާއްޖެއަށް ވިލާތުގެ އިއްތިހާދުގެ ބައެއް ގައުމުތަކުން ކަނޑައަޅާފައިވާ ސަފީރުންގެ މައްޗަށް އެކުލެވޭ އެ އިއްތިހާދުގެ ވަފްދެއް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ބޭއްވި މި ބައްދަލުވުމުގައި ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު މރ.ބަރނާޑް ސަވެޖް އާއި، ޖަރުމަނު ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ.ޖެން އުވެ ޕްލޮޓްނަރ އާއި، ފަރަންސޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް ކްރިސްޓީން ރޮބިޗަން އާއި، އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ.ޖޭމްސް ޖޯން ރުންކިންގ ގެ އިތުރުން އިޓަލީ ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ.ފެބްރީޒިއޯ ޕިއޯ އަޕިއަރ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ފަރާތުން އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އިސްކޮށް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އެޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިތުރުން އެޕާޓީގެޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް ހާމިދު ޢަބްދުލްޤަފޫރާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލާތުގެ އިއްތިހާދުގެ އިސްނެގުމުގެ މަތިން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ އިސްވެރިން ދެއްކެވި ވާހަކައިގައި ރާއްޖޭގައި ގާއިމްކޮށްފައިމިވާ ޒަމާނީ ޑިމޮކްރަސީ އަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން އެ އިއްތިހާދުގެ ބޭފުޅުންނަށް މައުލޫމާތު އެރުއްވިއެވެ. އެ ގޮތުން އެމްޑީޕީން ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމުގެ އެންމެހާ ކަންތައް ބައްޓަން ކުރުމަށް އެމްޑީޕީން ކުރާ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން، އެ ފަރާތްތަކަށް ލިބިފައިވާ މަޖިލީހުގެ އަޤްލަބިއްޔަތު ބޭނުންކޮށްގެން ހުރަސް އަޅަމުންދާ ކަމަށާއި، އެގޮތުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ޒަމާނީ އިޤްތިސާދީ، މާލީ، އަދި ޝަރުޢީ ބަދަލުތައް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޝަރުޢީ ނިޒާމް ހަރުދަނާކުރުމަށް ވިލާތުގެ އިއްތިހާދުގެ އެހީތެރިކަމަށް އެމްޑީޕީން އެދުނެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މިފަދަ ބައްދަލުވުމަކަށް އެދިވަޑައިގެންނެވީތީ އެފަރާތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ މަޝްވަރާ ބައްދަލުވުންތައް ބާއްވައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ވިލާތުގެ އިއްތިހާދުން އިތުރު މަސައްކަތްތަކެއް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.