އެމްޑީޕީގެ އިސްވެރިންނާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

male-city-council-450-x-301

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ވެރިންނާ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބައްދަލުކޮށްފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި މި ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލް ހިންގުމުގައި ދިމާވާ، އިދާރީ ދަތިތަކާއި، އެކައުންސިލްއަށް ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު އެމްޑީޕީގެ ވެރިންނާ ހިއްސާކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލް އަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ދެއްކެވި ވާހަކަފުޅުގައި މާލެ ސިޓީ ކައުންސިލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކަމާއި ބެހޭ މުޥައްސަސާތަކާއި ވާހަކަދައްކައިގެން މަސައްކަތް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސްގެ އިތުރުން ނާއިބު ރައީސް އަލްހާން ފަހުމީ އާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.