ނޫސް ބަޔާން

އއ.އަތޮޅު ކައުންސިލްގެ ނޫސް ބަޔާން

ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ ވަހީދު ދިވެހި ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރި ކަމަށް ވިދާޅުވެ، އެގޮތަށް ނިންމެވި ކަމަށްޓަކައި، އެމަނިކުފާނަށް އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނަމުގައާއި، އަތޮޅު ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާ އެއް ދަންނަވަމެވެ.
އއ.ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އާއި އއ.އަތޮޅު ކައުންސިލްގެ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ) އަށް ކަމަށް ވީ ހިނދު، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން ސަރުކާރާ އެއްކޮޅަށް މަސައްކަތް ކުރުމުގައި ދެމިހުންނާނޭ ކަމަށް އިއުލާންކޮށް، އެގޮތަށް ނިންމެވުމުން އެނގެން އޮތީ، ޢަލީ ވަހީދަކީ ރައްޔިތުންގެ އިޙްސާސްތައް ދަންނަ، އަތޮޅާއި ޤައުމަށް ހެޔޮއެދޭ، އިޚްލާސްތެރި، ރައްޔިތުންގެ އުންމީދުތައް ފުރިހަމަޔަށް ދަންނަ ބޭފުޅެއް ކަމެވެ. ޢަލި ވަޙީދު ފަދަ ޒުވާން، ތަޢުލީމީ، ޤާބިލް މެންބަރަކު އަތޮޅު ތަމްސީލްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި، އއ.އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ވަކާލާތުކުރާ ގޮތަށް ހަމަޖެހިގެން ދިއުމީ ހަމަ ގައިމުވެސްމިއަތޮޅުގެ ތަރައްޤީއާއި، ކުރިމަގު އިހުނަށްވުރެ މާ ހަލުވިވެ، ހަރުދަނާ ވެގެންދާނޭ މަގެއް ކަމުގައި މި ކައުންސިލުން ޔަޤީން ކުރަމެވެ.
ކަންމިހެން ހުރުމުން، މަތިވެރި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙުސައިން މުޙައްމަދު ވެސް އަލީ ވަހީދު މިސާލެއް ކަމުގައި ދެކެ، މިހާރު މިއޮތް ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން، އއ.އަތޮޅުގެ ރައްޔިތުންގެ އުއްމީދުތަކާއި، އިޙްސާސްތަކާއި އެއްގޮތަށް މަސައްކަތްކުރެއްވުމަށް މި ކައުންސިލުން ގޮވާލަމެވެ. މަތިވެރީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ސަރުކާރު ހިންގާ ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް މަސައްކަތްކުރުމަށް ނިންމަވައިފިނަމަ އެކޮށާލެވުނީ އއ.އަތޮޅުގެ ތަރައްޤީ އާއި މުސްތަޤްބަލަށް މުޅިން އައު، އަދި ހަރުދަނާ މަގަކަށް ވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ކައުންސިލް ބޭނުންވަނީ އއ.އަތޮޅުގެ ރައްޔިތުން މަޖިލީހުގެ މެންބަރުން އަބަދުވެސް އއ.އަތޮޅުގެ ރައްޔިތުންނަށާއި، ސަރުކާރުގެ އުންމީދުތަކާ އެއްގޮތަށް މަސައްކަތްކުރުމަށެވެ.
މި ކައުންސިލުން އަބަދުވެސް އެދެނީ އއ.އަތޮޅަށާއި، ދިވެހި ޤައުމަށް ތަރައްޤީ އާއި، ކުރިމަގު މިންވަރު ކުރެއްވުމެވެ.

19 ޖުމާދަލް އާޚިރާ 1432
22 މެއި 2011

ރާމިޒް އިބްރާހީމް

އއ.އަތޮޅު ކައުންސިލްގެ ރައީސް