އިބްރާހީމް ރާމިޒް
ވޭތުވެދިޔަ 2010 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޮވި އަހަރުގެ އެންމެ ޚިދުމަތްތެރި ޕްރިންސިޕަލް، “ޕްރިންސިޕަލް އޮފްދަ ޔިއަރ 2010″ އެމްޑީޕީއަަށް ސޮއިކުރައްވައިފިއެވެ.
ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި، މިދިޔަ އަހަރުގެ ޕްރިންސިޕަލް އޮފްދަ ޔިއަރ ކަމަށްވާ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދު ﷲ ރަޝީދުގެ އިތުރުން އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޢަބްދުލް ޢަޒީޒް އިސްމާޢީލް ވެސް ވަނީ އެމްޑީޕީ އަށް ސޮއިކުރައްވާފައެވެ.
މި ދެ ބޭފުޅުންނަކީ ވެސް ކުރިން އެއްވެސް ޕާޓީ އެއް ގައި އުޅުއްވާފައި ނުވާ ދެ ބޭފުޅުންނެވެ.އަދި މި ބޭފުޅުން އެމްޑީޕީ އަށް ސޮއިކުރައްވާފައި މިވަނީ ތަފާތު އެކި ދާއިރާތަކުގެ އެކި ގިންތީގެ ބޭފުޅުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަމުންދާ ދުވަސް ވަރެއްގައެވެ.
އެމްޑީޕީ އާއި އަލަށް ގުޅިވަޑައިގަންނަވާ ސިޔާސީ އިސް ފަރާތްތަކަށް މަރުހަބާ ދެންނެވުމަށް އެޕާޓީން ވަނީ ” އެމްޑީޕީގެ ވައުދުތައް މެކުހަށް” މި ނަމުގައި ޚާއްސަ ސިލްސިލާ ޖަލްސާތަކެއް ފަށާފައެވެ. މި ސިލްސިލާގެ ފުރަތަމަ ޖަލްސާގައި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި އެޕާޓީގެ ލީޑަރ ތަސްމީން އަލީގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ތޮއްޑޫ ދާއިޜާގެ މެންބަރު އަލީ ވަހީދު އާއި، ޑީއާރުޕީގެ ޒުވާނުންނާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ގޮފީގެ ކުރީގެ ރައީސް އަދި މިހާރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރ ޙަސަން ޝުޖާޢު އާއި، ޑީއާރުޕީގެ އިސް އެކްޓިވިސްޓެއްގެ އިތުރުން އެ ޕާޓީގެ ޒުވާނުންނާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ގޮފީގެ ނައިބު ރައީސް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އައްސަދު ޢަލީ (އަޑުބަރޭ) ވެސް ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.
އެމްޑީޕީގެ “ވައުދުތައް މެކުހަށް” ސިލްސިލާގެ ދެވަނަ ޖަލްސާ މާދަމާރޭ މާފަންނު ހުޅަނގު އެސްޓީއޯ ހެޑް އޮފީހާއި ޖެހިގެން އޮންނަ ހުސް ބިމުގައި މާދަމާރޭ ބާއްވާއިރު، އެމްޑީޕީގެ އާންމު މެންބަރުންދަނީ އިތުރު މަޖިލިސް މެންބަރުން އެ ޖަލްސާގައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނޭތަން ފެނިގެންދާނޭ ކަމަށް އުއްމީދުކުރަމުންނެވެ.