ކުރީ ސަރުކާރުން ޖަލުތަކުގައި އަނިޔާކޮށްފައިވާ މައްސަލަތައް ބެލުމަކީ އެމްޑީޕީގެ ގިނަ މެންބަރުން އިންތިހާއަށް އުފާކުރާ ކަމެއް – އިންތި

އިބްރާހީމް ރާމިޒް

new-image

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ޖަލުތަކުގައި އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ގައިދީންތަކެއްގެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން ކުޑަ ދުވަސްކޮޅެއް ކުރިން ފެށި ޚާއްސަ އޮޕަރޭޝަނަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ އުއްމީދާއި ގުޅިފައިވާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު (އިދާރީ) މުޙައްމަދު އިމްތިޔާޒް (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ ކުރީގެ ސަރުކާރާ އިދިކޮޅު ސިޔާސީ ޙަރަކާތްތައް ފެށިގެން އައިސް އެ ޙަރަކާތްތައް މެކުހަށް ޖަހަން ދިމާވީ ވެސް ޖަލުތަކުގައި އިންތިހާ އަށް ގައިދީންނަށް އަނިޔާކުރުން އިތުރުވެ ” ޖައްވަށް، ވަޔަށް ފަޒާއަށް” ޖެހި ބަޑިތައް އެތައް ގައިދީންނެއްގެ މޭ ފޫއަޅުވާލި ހާދިސާއާ ގުޅިގެން ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ހަރަކާތުގައި އޭރު އުޅުނު ފަރާތްތަކަށް ވެސް ޖަލުތަކުގައި ނުޙައްގުން އެތައް އަދަބެއް ދީފައިވާ ކަމުގެ ޝަކުވާ އެފަދަ ފަރާތްތަކުން ކެނޑިނޭޅި ކުރަމުންދާ ކަމަށާއި، އެހެން ކަމުން މި މައްސަލަތަކުގެ ތަޙްގީގު ފެށުމަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން އުފާކުރާ ކަމެއް ކަމުގައި އިންތި ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި 44 އަހަރުވަންދެން ޑިފެންސް މިނިސްޓްރީގެ އެގެޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އިސްތަފާ އިބްރާހީމް ވެސް ވަނީ މި މައްސަލައިގެ ތަޙްގީގަށް ހައްޔަރުކޮށް ފައެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ އުއްމީދުތަކާ ދެކޮޅަށް ހައިކޯޓުން މިއަދު ވަނީ އޭނާ ބަންދު ގައި ބެހެއްޓުމަށް ކ.މާފުށީ ކޯޓުން ކުރި ހުކުމް ނަފީކޮށްފައެވެ. އޭނާ އަކީ ކުރިން ޖަލުތަކުގައި ގައިދީން ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ.