މެންބަރުންގެ ޚިޔާލު: މިހެން ވިޔަ ނުދޭށެވެ!!!!

ފުނަމާ

އެމްޑީޕީއަށް އުފާވެރި ކަމާއެކު އިރުއަރާ ކޮންމެދުވަހަކީ އަޅުގަނޑުމެން މިޕާޓީގެ ކޮންމެ މެންބަރަކުވެސް ނުހަނު އުފާވާނެ ދުވަހެކެވެ. މިގޮތުން އެމްޑީޕީގެ މެންބަރުން އުފާކުރުން ޙައްޤު އެތަކެއް ދުވަސްތަކާއި ހިނދުކޮޅުތަކެއް މިދިޔަ ދެތިން ހަތަރު އަހަރުގެ ތެރޭގައި އައިސްފައިވާކަމީ ޙަޤީގަތެކެވެ. ހަމައެހެންމެ މާޔޫސްކަން ގެނުވި ކިތަންމެ ހިނދުކޮޅު ތަކެއްވެސް އައިސްފައިވާކަމީ ގަބޫލުކުރާންޖެހޭ ޙަޤީގަތެކެވެ. ނަމަވެސް މިއިން ކޮންމެ އުފަލަކާއި މާޔޫސްކަމަކާ އެއާއިދިކޮޅު އިހްސާސް ތަކެއްވެސް ހިތްތަކަށް ގެނުވާކަން ވިސްނާލައިފިނަމަ ގަބޫލުކުރާން ޖެހެއެވެ. ތިމާއަކީ މުޅިދުނިޔޭގައި ހުރި އެންމެ ކާމިޔާބު މީހާކަމުގައިވެ ، އިތުރަށް ކުރިއަށް ދާނެ ރޮނގެއް ނެތްކަމުގައި ހީވާ ހިސާބަށް ދިއުމަކީ ހަޤީގަތުގައި އެމީހެއްގެ ކުރިމަގު ނިމުނުކަން އަންގައިދޭ ނިޝާނެކެވެ. މިސާލަކަށް މިރުސްގަހެއް މުޑުވައްކޮށް އެގަހަށް ނުހަނު ފަރުވާދީ ހައްދައި ، ފޯދި ، މިރުސްތަކެއް އަޅައި ގަހުގެ އުމުރު ހަމަވާކަން އެނގޭހިސާބުން ދެން ގަހުގެ ވެރިޔާ ކުރީން އެގަހާމެދު އަޅާލިމިންވަރަށް އަޅާލައެއް ނޫޅޭނެއެވެ. މިއީ ދުނިޔޭގެ ސުންނަތެވެ.
މިއަދު އެމްޑީޕީ މިފިކުރުގެ އަސްލު އަމާޒަށް ވާސިލްވަމުން ފުރިހަމަވަމުން ދާއިރު ހިތްދަތި އަސަރުތަކެއް އެބައިހްސާސްވެއެވެ. ސަބަބަކީ މަލްޓިޕާޓީ ނިޒާމް މިގައުމުގައި ފުނޑު، ފުނޑު ވަމުން ދާތަން މިއަދުގެ މަސްރަޚުން ފެންނާތީއެވެ. އަޅުގަނޑުމެންނާއި އެއްހަމައެއްގައި ވާދަކުރާން އޮތް ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ ހަފުސްވަމުން މިދާމިންވަރުން މާދަމާ އެމްޑީޕީއަކީ ވާދަކުރާނެ އެހެންބަޔަކު ނެތްމިންވަރަށް ވަރުގަދަވެފައިވާ ޕާޓީއަކަށް ވެގެން ހިނގައިދާނެ ކަމާމެދަކު މިހާރަކު ޝައްކެއް ނުކުރެވެއެވެ. ސަބަބަކީ ރާއްޖޭގައި ދެންހުރި ސިޔާސީ ޕާޓީތަކަކީ ސިޔާސީގޮތުން މާބޮޑު އުރަތްޕެއް ނެތް ޕާޓީތަކަކަށް ވާކަމެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް ޑީއާރުޕީ އެއޮތް މަގާމަށް އެހެން ސިޔާސީ ޕާޓީއަކުން ކައިރި މުއްދަތެއްގައި އައުމަކީ މުސްތަހީލު ކަމަކަށް ވާކަމެވެ. އެފެންވަރާ އެ ހިކުމަތު ޢަމަލީ އެހެން ޕާޓީތަކުގައި ނެތޭ ދެންނެވުމަކީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޚާމެދު ވިސްނާ ކޮންމެމީހަކުވެސް ބުނާނެ ބަހަކަށް ވާތީއެވެ. ޚޮދު މައުމޫނަށްވެސް ކިތަންމެ ބޭނުމަސް އިތުރު ސިޔާސީ ޕާޓީއެއް ހައްދަވާން ނުކެރިގެން އެއުޅުއްވަނީ އެހެންވެގެންނެވެ. ޕާޓީއެއް ހެދުމަށް ބޭނުންވާ ތިންހާސް މީހުން ހޯދުމަކީ މައުމޫނަށް ނުކުރެއްވޭނޭ ކަމެއް ކަމުގައި އެކަކުވެސް ނުބުނާނެއެވެ. ނަމަވެސް ޕާޓީއެއް ހަދާތާ އެއްމަސްނުވަނީސް މިހާރު އެޕާޓީގައި އަދަދު ހަމައެއްނުވެޔޭ އެލެކްޝަންސްއިން ބުނާއަޑު އަހާކަށް މާކަފަސޭހައެއް ނުވާނެ ދޮގެއްތޯއެވެ؟
މިއަދު އެމްޑީޕީ މިދާމަގުގައި ކުރިއަށް ދަމުންދާނަމަ ” މިގައުމުގައި ކޮންމެކަމެއްވެސް ދެންނިމޭނީ އެމްޑީޕީއިން ބުނާގޮތަކަށޭ އެހެންބައެއްގެ ވިސްނުމެއް މިގައުމުގައި ނުވިކޭނެއޭ ” ބުނާއަޑު އިވުމަކީ ގައިމުވެސް މިޕާޓީގެ ގިނަމެންބަރުން އެންމެ އެދޭ ގޮތަކަށް ވެދާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. މިއަދު މިގައުމުގެ ވެރިއަކަށް ރައީސް ނަޝީދު ހުންނަވައިގެން ” ކާމިޔާބުގައި ހިތްތިރި ކުރާށޭ ” ވިދާޅުވިޔަސް ރައީސް ނަޝީދުގެ ވެރިކަން އަބަދަކު ދެމިއެއް ނޯންނާނެކަން ދަންނާން ޖެހެއެވެ. އެމްޑީޕީގެ ވެރިކަމުގައި ގައިމުވެސް ދެހާސް އަށާރަވަނަ އަހަރުގެ ފަހުން ހުންނަވާނީ ރައީސް ނަޝީދެއް ނޫނެވެ. މިފަލްސަފާ ބަދަލު ކުރައްވައި ކަންކުރައްވާނެ ވެރިޔަކުވެސް ހުންނަވާފާނެއެވެ. އަޅުގަނޑުމެން މިއަދު މިދެކޭ މަންޒަރު އެހެން ގޮތަކަށް ކުލަޖެހި ހިނގައި ދިއުމަކީ ނުވާނެ ކަމެއް ނޫންތާއެވެ. ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ޑީއާރުޕީއިން އެމްޑީޕީއަށް ބަދަލުވެދާނެ ކަމުގައި ހީކުރުންވެސް ކުރީގައި އޮތީ ފާފައެއް ކަމުގައި ހީވާފަދަ ގޮތަކަށެވެ. މިއަދު ފިސާރި ކެރިގެން އަޅުގަނޑު މިދަންނަވަނީ ކިތަންމެ ބައެއްގެ ހިތުގައި ވޭންއެޅިޔަސް ” މަހްލޫފާއި ނިހާނު އަދި ކީއްކުރަންތޯ ޑރ މައުސޫމުވެސް އެމްޑީޕީގެ ޕޯޑިއަމުން ފެނުމަކީ މާކަދުރުގައިވާ ކަމެއް ނޫންކަމުގައެވެ. އުސްތާޒު ނަޝީދުމެންފަދަ ސަންޓްރެވަލް ޝިޔާމުފަދަ ވަރުގަދަ ޝަޚްސިއްޔަތުތައް މިހާރުވެސް މިޕާޓީގެ ޕޯޑިއަމުން ފެންނަމުން ދާކަހަލައެވެ. މިއަދު ނޫނެކޭ ވިދާޅުވާ ބޭފުޅުންނަށް އަޅުގަނޑު ކެރިހުރެ ޗެލެންޖު ކުރަމެވެ. އެހެނެއް ކަމަކު އަޅުގަނޑުމެންނާ ދިމާލަށް ” މިހާރުދެން ޚުދުމުޚުތާރު ވެއްޖެޔޭ ، ކަލޭމެން އަތުގައި ހުރިހާ ބާރެއް އޮތީމައި ހިތުހުރި ގޮތެއް ހަދަނީއޭ ” ފަހުން ދިވެހި އެއްވެސް ރައްޔިތަކު ވިދާޅުވާ އަޑު އެހުމަކީ ގައިމުވެސް އަޅުގަނޑުގެ ސިކުނޑިއަށް އެކަން ބަލައިގަނެވޭނެ ކަމެއްނޫނެވެ. އަދި އެމްޑީޕީގެ ފިކުރުހުރި އެއްވެސް މެންބަރަކު ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ. އަދި މިވަރުން މިއުފެއްދި ޕާޓީ ނިޒާމުގައި ޕާޓީއަކަށް ވަންނަން މީހަކު ވާހަކަ ދައްކާލާއިރަށް ” ވަންނަންވީ ތިޔަޕާޓީގެ ކޮން ފެކްޝަނަކަށްތޯ؟ ” ސުވާލުކުރާ ހިސާބަށް ޕާޓީސިސްޓަމް ފެއިލް ވުމަކީ މިއަދު އުމަރު ނަސީރާއި ޔާމީންފަދަ މީހުންނަށް ރީތިކަމަކަށް ވިޔަސް މާގިނަދުވަހަކު އެވެރީން މިޕާޓީ ސިސްޓަމުގައި ޖަހައިގެން އެތިބަ ކަޑަތަކުގެ ބުޑުފީވޭތޯ ބަލާން ނުތިބޭނެކަން މިއަދު ދިވެހި ރައްޔިތުން ގަބޫލު ކުރާނެއެވެ. އަދި ހަސަން ސައީދުމެންފަދަ ކޮންމެސް އޮޑިއެއްގެ މޯހިރުން ސިޔާސީ އޮޑިދުއްވާން އުޅޭ މީހުންނާއި ތިމާމެން ނޫނީ ދެންމި ގައުމުގައި މިތިބީ މުނާފިގުންނޭ އެބުނާ އަދާލަތުންވެސް ، ތިމާމެންގެ ސިޔާސީ ބަރުދަނެއް އަމުދުން މިއަދު މިގައުމުގައި ނެއްކަން އަމިއްލައަށް ގަބޫލުކުރުން ބުއްދިވެރި ކަމުގައި ދަންނަވާން ޖެހެއެވެ. މިޔަކީ ކޮންމެހެން އެބޭފުޅުންނާއިމެދު ޒާތީ ހަސަދައެއް އޮތީމައި ދަންނަވާ އެއްޗެއް ނޫނެވެ. ނަމަވެސް މިއީ މިއަދުގެ ސިޔާސީ ހަޤީގަތެވެ. ކިތަންމެ ކެންޑިޑޭޓުންނެއް ރޮނގުގެ އަނެއްފަރާތުގައި ތިއްބަސް އެމްޑީޕީ އިއްޔެވެސް ނުސިހުނު ފަދައިން މާދަމާވެސް ނުސިހޭނެކަން އެބޭފުޅުންނަށްވެސް އެނގިވަޑައި ގަންނަވާނެތާއެވެ. އެކަމަކު ވާދަކުރާނެ ބަޔަކު ނެތުމަކީ އަޅުގަނޑުމެންގެ އޮފުވެސް ފަނޑުވާނެ ކަމެއްކަމުގައި ހީވާތީވެ ، ހިތައްވެރިވި އިހްސާސްތަކެއް ޙިއްސާ ކޮއްލެވުނީއެވެ. މިކަން މިހެން ވިޔަނުދިނުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލަމެވެ.