ދެކުނު ޕްރޮވިންސްގެ އެމްޑީޕީ އިސް ފަރާތްތަކުން އެމްޑީޕީގެ ރައީސް އާއި ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

dhekunu-province-450-x-228

ދެކުނު ޕްރޮވިންސްގެ އެމްޑީޕީގެ އިސް ފަރާތްތަކުން އެޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި ބައްދަލުކޮށްފިއެވެ.
މިއަދު ހެނދުނު އޮތް މި ބައްދަލުވުމުގައި އެޕްރޮވިންސްގެ އެމްޑީޕީ ރައީސް މުޙައްމަދު މުސްތަފާ އޙުމަދު އާއި، ނާއިބު ރައީސް ބަދީޢު މުޙައްމަދު ވަހީދު ޢަލީ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ ރައީސް އިބްރާހީމް ސައީދުގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް މުޙައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އެމްޑީޕީގެ ޙަރަކާތްތައް ފުވައްމުލަކުގައި ފުޅާކުރުމުގައި ހުރި ދަތިތަކާއި ބެހޭ ގޮތުންނެވެ. އެގޮތުން ފުވައްމުލަކުގައި މިހާރު އެމްޑީޕީގެ 3 އޮފީހެއް ހުރި ނަމަވެސް އެ އޮފީސްތައް އެންމެ އެދެވޭ ގޮތުގައި ހިނގަމުން ނުދާ ކަމަށާއި، އެ 3 އޮފީހުގެ މަސައްކަތް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، މިހާރަށް ވުރެ ފުރިހަމަ ޚުދުމަތްތަކެއް ދެވޭނޭ މާހައުލެއް އެތަނުގައި ގާއިމްކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން ދެކުނު ޕްރޮވިންސްގެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި މިއަދުގެ ޙަޤީޤަތަކީ އެކި ފަންތީގެ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީ އާއި ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ދިއުން ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީގެ ރަންރީނދޫ ކުލައިގެ ރީތި ކަމަށް ބަލައިގެން އެޕާޓީއަށް މެންބަރުން ވަންނަމުން ނުދާނޭ ކަމަށާއި، ޕާޓީ އާއި މެދު މެންބަރުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް ރަށްރަށުގައި ޤާއިމްކުރެވިފައިވާ އެމްޑީޕީގެ އޮފީސްތަކަކީ ފުރިހަމައަށް ހިނގާ، އެޕާޓީގެ މެންބަރުންނަށް ފުރިހަމަޚިދުމަތްތަކެއް ދެވޭނޭ އޮފީސް ތަކަކަށް ހަދަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެހެނިހެން ސިޔާސީ ޕާޓީތަކެކޭ އެއްފަދައިން އެމްޑީޕީ އަށް ވެސް މާލީ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ޕާޓީގެ މާލީ ކެރިފޯރުންތެރިކަން އިތުރު ކުރުމަށް ސިޔާސީ ފަރާތްތަކާއި،ޕާޓީގެ މެންބަރުންގެ ތެރެއިން ފުދުންތެރިކަން ހުރި ފަރާތްތަކުން ކޮންމެ މަހަކުވެސް ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް ޕާޓީއަށް ލިބޭތޯ ބެލުމުގެ މަސައްކަތް ޤައުމީ މަޖިލިސް މެދުވެރިކޮށް ކުރައްވާނޭ ކަމުގައި ވިދާޅުވިއެވެ. އަދި އަތޮޅުތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަރަށް އަވަހަށް ރާއްޖޭގެ އަތޮޅު ތަކަށް ޒިޔާރަތްކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑރ.ޑީޑީގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު (އިދާރީ) މުޙައްމަދު އިމްތިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެންބަރޝިޕްގެ ކަންތައް މިހާރަށް ވުރެ ލުއި ފަސޭހަކޮށް ކުރެވޭނޭ މަގު ތަނަވަސް ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.