ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރައްވައިފި

ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީ އަށް ވަޑައިގެންނެވީ ޑީއާރުޕީ އަކީ ބައެއްގެ ވާރުތަ މުދަލަކަށް ވާތީކަމަށް ވިދާޅުވި

އިބްރާހީމް ރާމިޒް

99-346-x-295

އިދިކޮޅު ޑީއާރުޕީގެ މައިތަނބެއް ކަމަށްވާ އެޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިރޭ އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.
އަލީ ވަހީދު އެމްޑީޕީ އަށް ސޮއިކުރެއްވުން ފާހަގަކުރެއްވުމުގެ ގޮތުން މިރޭ އެޕާޓީން އާޓިފިޝަލް ބީޗްގައި ” ވައުދުތައް މެކުހަށް” މި ނަމުގައި ބޭއްވި ޚާއްސަ ޖަލްސާ ގައި އަލީ ވަހީދު ވިދާޅުވީ ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީ އަށް ވަޑައިގެންނެވީ ޑީއާރުޕީ އަކީ ބައެއްގެ ވާރުތަ މުދަލަކަށް ވާތީ ކަމަށެވެ. އެގޮތުން ޑީއާރްޕީގެ ނައިބުކަން އޭނާ އަށް ލިބިވަޑައިގަތީ ކުރީގެ ރައީސް މައުމޫނުގެ ނުރުހުމާއެކު ކަމަށާއި، “ޑީއާރްޕީއަކީ ވާރުތަމަ މުދަލަކަށްވީމަ ޑީއާރްޕީ ދޫކޮށްލާފައި ހުސް އަތާ މިއައީ އާދައިގެ މެންބަރެއްގެ ގޮތުގައި” ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
” ދިވެހި ރާއްޖެއަށް އަޅުގަނޑުމެން ބަދަލު ގެނައީ ވަކި އާއިލާއަކަށް ނިސްބަތްވީތީ ނުވަތަ ވަކި ނަސަބަކާ ހަސަބަކަށް ނިސްބަތްވީތީ މީހާ ކުރިއަރާކަށެއް ނޫން، އެމީހާގެ މަސައްކަތުން އެމީހާ ކުރިއަރަން، މިކަން ހަޖަމު ނުކުރެވިގެން ފާޑުފާޑުގެ ފެކްޝަނާ އެއްޗެހި ހަދައިގެން މިއަދު އަޅުގަނޑުމެންނަށް ފެންނަން އެބައޮތް އަޅުގަނޑުމެން ބުރަ މަސައްކަތް ކުރި ޕާޓީ އޮތް ހާލު، އެހެންވީމާ ވާރުތަ މުދަލަކަށް ވާތީވެ ދޫކޮށްލާފައި އަޅުގަނޑު ހުސްއަތާ މިނުކުތީ،” ކުޅަދާނަ ބަސްމޮށުންތެރިޔާ އަލީ ވަހީދު ވިދާޅުވި އެވެ.
“ސަރުކާރުގައި ޕްލޭނެއް އެބައޮތް. އިދިކޮޅުމީހުން އަބަދުވެސް ކިޔަނީ ގޯހޭ، ގޯހޭ، ހާކަނޑުގައި ލަބަރި ތެޅުމަކީ ބޭނުން ކަމެއް ނޫން. ޑީއާރްޕީގެ މެންބަރުން ވިސްނަވާ، ޕާޓީ ވަނީ ފޭލްވެފައި ޒުވާނުންގެ ނަންބޯޑު އެޅުވުމުންވެސް ވީ ފޭލް. ދެއަހަރާ ބައިވީރު، ޑީއާރްޕީގެ ބަނޑުން ފިކުރެއް ނައި. ޗާޓު ގަވެސް ދެން ކުރަހާނަން. ހުރަސް އަޅާ މީހުންއެއްކައިރިކޮށްވެސް މި ސަރުކާރު ކުރިޔަށް ގެންދާނަން.” ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ޑީއާރުޕީގައި “އައްޑޫން ނާއި ތޮއްޑޫން އަންނަ ކުދިންނަށް މަތީ މަގާމްތައް ލިބުނީމާ އެކަން ބަލައިނުގަތް” ކަމުގައި ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ “އަޅުގަނޑަކީ އެންމެ ބޮޑަށް ރައީސަށް ފާޑު ކީ މީހާ މިއަދު މިހިރީ މި ޕޯޑިއަމްގައި. ޑިމޮކްރަސީގައި ފާޑުކިޔޭނެ ސަނާ ކިޔޭނެ. އަޅުގަނޑަށް ކެރޭނެ މެގަޒިންނަށް ވަޒަން ލައިގެން ނުކުންނަން، ބޫންބޫން ކިޔަންވެސް ކެރޭ. އަޅުގަނޑުމިއައީ ފަސިންޖަރުން ބަލާ. ފަސިން ޖަރުންނާ ނުލައި ފްލައިޓަކަށް ދަތުރެއް ނުކުރެވޭނޭ.”. ކަމަށެވެ. އަދި އެމްޑީޕީ އަށް ވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިވިޔަސް އެމްޑީޕީގެ އުސޫލުތަކުގައި ދެމިހުންނެވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އަލީ ވަހީދުގެ އިތުރުން ޑީއާރުޕީގެ ޒުވާނުންނާއި، ކުޅިވަރާއި، މުނިފޫހި ފިލުވުމުގެ ގޮފީގެ ރައީސް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރ ހަސަން ސުޖާއު އާއި ޑީއާރުޕީގެ ޒުވާނުންނާއި ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ގޮފީގެ ނައިބު ރައީސްގެ އިތުރުން އެޕާޓީގެ މަޝްހޫރު އެކްޓިވިސްޓް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ) ވެސް މިރޭ އެމްޑީޕީއަށް ސޮއިކުރެއްވިއެވެ.
އެމްޑީޕީގެ ޚާއްސަ ޖަލްސާ ފެށިގެން އެޕާޓީން ބުނަމުން ދިޔަ ޚާއްސަ ހިނދުކޮޅު އައުމާ ހަމަޔަށް އެ ޖަލްސާގެ ތެރެއިން މިރޭ ސޮއިކުރެއްވި އެއްވެސް ބޭފުޅަކު ފެނިފައެއް ނުވެއެވެ. އެބޭފުޅުން ފެނުނީ މަޝްހޫރު ބޮޑުބެރު ގްރޫޕެއްގެ ލަވައެއް ކަމަށްވާ ” އަނހާ އައީ އީދޭ ހާ އުފާ ފުރާލާ” މިލަވައާއި އެކު ސްޓޭޖަށް ވަޑައިގަންނަވަނިކޮށެވެ. އަދި އެބޭފުޅުން ސޮއިކުރައްވަމުން ގެންދެވިއިރު ވެސް އެގްރޫޕުން ދިޔައީ އެލަވަ ކިޔަމުންނެވެ. އަދި ސޮއެކުރައްވާ ނިމި އަލީ ވަހީދުގެ ވާހަކަފުޅަށް ފަހު، ޑީއާރުޕީގެ މިހާރުގެ ހާލަތާއި ގުޅޭކަމަށް ގިނަ ބަޔަކު ބުނަމުންދާ “ފަންރިޔަލުގާ މަހަށް،” މިލަވަ އެގްރޫޕުން ދިޔައީ ކުޅެމުންނެވެ.
މި ޖަލްސާ ގައި އެމްޑީޕީގެ ލީޑަރޝިޕާއި، އާންމު މެންބަރުން އަލީ ވަހީދަށް ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެކެވެ.