އެމްޑީޕީގެ ވައުދުތައް މެކުހަށް ޖެހުމުގައި ބައިވެރިވުމަށް ތޮއްޑޫ އިން މާލެ އަތުވެއްޖެ

އިބްރާހީމް ރާމިޒް

1213-450-x-292

އެމްޑީޕީން “ވައުދުތައް މެކުހަށް” މި ނަމުގައި ފަށާފައިވާ ސިލްސިލާގެ ދަށުން މިރޭ ބާއްވާ އެ ސިލްސިލާގެ ފުރަތަމަ ޖަލްސާގައި ބައިވެރިވުމަށް އއ.ތޮއްޑޫ އިން މިއަދު ގިނަ އަދަދެއްގެ ބަޔަކު މާލެ އަތުވެއްޖެއެވެ.
މިއަދު ހަވީރު 5.30 ގައި ތޮއްޑޫ އިން އެރަށު ދޯންޏެއްގައި 100 އަށް ވުރެ ގިނަ މީހުން ވަނީ މާލެ އައިސް ފައެވެ. މި ދޯންޏަށް މަރުހަބާ ކިޔުން އޮތީ ރަސްމީ ފާލަމުގައެވެ. މަރުހަބާ ވިދާޅުވީ އެމްޑީޕީ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އަދި މާލޭގެ މޭޔަރު (ސަރަނގު) އާދަމް މަނިކާއި، މާލޭ ސިޓީ ކައުންސިލްގެ ބައެއް މެންބަރުންނާއި، ތޮއްޑޫ ދާއިރާގެ އެމްޑީޕީ ރައީސް ޙަސަން ޝިޔާންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ އެމްޑީޕީ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) އެވެ.
އެމްޑީޕީގެ ދިދައާއި ދިދަފަތި ދަމައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާ ދޯންޏެއްގައި ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައި މިވަނީ ތޮއްޑޫދާއިރާގެ މެންބަރު އަލީ ވަހީދު ޑީއާރުޕީން ވަކިވެވަޑައިގެންނެވުމުން އެދާއިރާގައި އަލީ ވަހީދަށް އެއްވެސް ސަޕޯޓެއް ނެތް ކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.