ތޮއްޑޫ ދާއިރާގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު ހަވީރު މާލެ އަންނާނެ

– ތޮއްޑޫ ދާއިރާއިން މާލެ އަންނަނީ އަލީ ވަހީދަށް ތާއީދު އޮތްކަން ހާމަކުރުމަށް

އިބްރާހީމް ރާމިޒް

އިއްޔެ ޑީއާރުޕީން ވަކިވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އަށް ތާޢީދުކުރުމުގެ ގޮތުން އެ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ މީހުން މިއަދު މާލެ އަންނާނޭ ކަމަށް އެމްޑީޕީ ތޮއްޑޫ ދާއިރާ އިން ބުނެފިއެވެ.
އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާ އިން ގިނަ އަދަދެއްގެ ބަޔަކު މާލެ އަންނަން ހަމަޖެއްސީ އެދާއިރާ މެންބަރު ޑީއާރުޕީން ވަކިވުމުން އަލީ ވަހީދު ބަދުނާމްވާ ގޮތަށް ބައެއް ޓީވީ ޗެނަލްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އޭނާއަށް އެދާއިރާގައި ތާއީދު އޮތްކަން ހާމަކޮށްދިނުމަށް ކަމަށެވެ.
ޝިޔާން އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި، އެމްޑީޕީގެ ފިކުރަށް ތައީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިއަދު ހަވީރު 5.30 ގައި ތޮއްޑޫ އާއި ރަސްދޫ އިން މާލެ އަންނާނޭ ކަމަށާއި، މި ފަރާތްތަކަށް މާލެއިން މަރުހަބާ ކިޔުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
” އެމްޑީޕީގެ ދިދައާއި ދިދަ ފޮތި ދަމައިގެން ފޯރީގައި 100 އެއްހާ މީހުން ގޮވައިގެން މިއަދު ހަވީރު އަންނަ ދޯންޏަށް މަރުހަބާ ކިޔުމަށް މިދަނީ ތައްޔާރުވަމުން. ހަވީރު 5.30 ގަ އެދޯނި އަންނާނެ. މަރުހަބާ ކިޔުން އޮންނާނީ އެއް ނަންބަރު ފާލަމުން.” އެމްޑީޕީ ވެބްސައިޓަށް މައުލޫމާތުދެމުން ޝިޔާން ވިދާޅުވިއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑިޕީން މިރޭ ބާއްވާ ޚާއްސަ ޖަލްސާ އަށް ރަށްރަށުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ރަށްރަށުގެ ހަރުގެތަކާއި، ހޮޅުއަށިތަކުގައި ބޮޑު ސްކްރީންގައި ޖަލްސާ ބެލުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މި ޖަލްސާ އަށް ޚާއްސަކޮށް، ރަށްރަށުގައި ރީނދޫ ކުލައިން އާ ހެދުން ފަހައި، ބައެއް ސިޓިންގ ރޫމް ތަކުގެ ކުލަ ބަދަލުކޮށް އާކުލަ ލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެމުން އެބަދެއެވެ.