އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިންގެ ވަފްދެއް މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ އެ ކޮމިޝަނުގައި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ދެއްކި ވާހަކައިގައި އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމަށް ސިޔާސީ ބޭފުޅެއް ކަމަށްވާ ޕީއޭގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރެއްވުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވާ ކަމަށާއި، މީގެ އިތުރުން މެންބަރޝިޕް ފޯމުތައް ކޮންމެ 3 މަހަކުން ޕްރޮސެސްވާ ގޮތަށް އޮތުމުން އެމްޑީޕީއަށް ވަންނަން ބޭނުންވާ ގިނަ އަދަދެއްގެ މެންބަރުންނަށް އެކަމުގެ ދަތިކަން ފޯރާނޭކަން ފާހަގަކުރިއެވެ.
އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީން ހުށަހެޅި ޝަކުވާތަކުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށްޓަކައި ޚާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވާނޭ ކަމަށް ވެސް އިލެކްޝަންސްގެ ބޭފުޅުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް ގެ އިތުރުން އެޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ އާއި، ޗެއަރޕާސަން ނައިބު އިދާރީ މުޙައްމަދު އިމްތިޔާޒް އާއި ޗީފްސްޕޯކްސްޕާސަން އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވިއެެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މި ބައްދަލުވުމގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ އެ ކޮމިޝަނުގެ ރައީސް ފުޥާދު ތައުފީގެވެ.