މެންބަރުންގެ ޚިޔާލު: ހަމަ އެއަޑެވެ. އެއް ވާހަކައެކެވެ!!!

ފުނަމާ

މިއަދަކީ އުފާވެރި ، އެހެނަސް ހިތާމަވެރިކަން އެކުލެވިގެންވާ ދުވަހެކެވެ. ހިތާމަވެރިކަން އިޙްސާސްވަނީ ރާއްޖޭގެ މިޑިމޮކްރަސީގެ މިހާ ޅަފަތުގައި ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ޕާޓީއެއްނެތި ދާކަމެވެ. ހަމައެހެންމެ އުފާވަނީ ،ރައްޔިތުންގެ އަރުތައާއި ކުރިމަގަށްޓަކައި މިސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިއުމުގެ މަގުފަހިވެގެން އަންނަ ކަމުގެ ނިޝާންތައް ފެންނަމުން ދާތީއެވެ.
ރައްޔިތުން މިސަރުކާރު ވެރިކަމަށް ގެނައީ ނުހަނުގިނަ އުންމީދު ތަކާއި އެކުގައެވެ. ރައްޔިތުންއެދޭ އުފާވެރި ، މިނިވަން ދިރިއުޅުމަށް މަގުފަހި ކުރުމުގެ އިޚްލާސްތެރި ނިޔަތުގައި ، އެކަން ފުރިހަމަވެގެން އަންނާންއޮތީ މިސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެވިގެންކަން ހެޔޮހިތުން ގަބޫލުކުރެވޭތީއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖްލީހުން އިދިކޮޅު ފަރާތްތަކަށް ތާއީދު ދިނީ އެމެނިފެސްޓޯ ތަންފީޒުކުރުވުމަށް ސަރުކާރަށް ބާރުއަޅައި އަވަސްކުރުވުމުގެ ނިޔަތުގައެވެ. އިދިކޮޅު ފަރާތްތަކުން އިންތިޚާބުގައި ވަކާލާތު ކުރަމުން ގެންދިޔައީވެސް މިމޭރުމުންނެވެ. ވެރިކަން ކުރާ ޕާޓީއަށް މަޖުލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުން ކަމެއް ނުކުރިއަސް އަނގަމަޑުން ލައިގެން ތިބޭނެ ކަމުގައާއި ، އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބިއްޖެނަމަ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުވުމަށް ބާރުއަޅައި ކުރިއަށް ގެންދިއުމަށް ފަސޭހަވާނެކަމުގައި ބުނަމުންނެވެ. ނަމަވެސް ކަންވެގެން މިދިޔައީ ރައްޔިތުން އެންމެ އެދޭގޮތައް ނޫންކަމުގައި ވޭތުވެދިޔަ ތަނުގައި ކަންހިނގައިދިޔަ ގޮތައް ބަލާލާއިރު ގަބޫލުކުރާން ޖެހެއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެތަކެއް ދިގުއަހަރުތަކެއް ޚުދުމުޚުތާރު ވެރިކަމެއްގެ ސަގާފަތެއް ގެންގުޅުނު އަދި ، އެވެރިކަމުގެ ދައުރުގައި ނާޖާއިޒު އެތަކެއް ފައިދާ ނަގަމުން ގެންދަނިކޮށް ވެރިކަމުން ވަކިކުރެވުނު ބަޔަކީ އިދިކޮޅު ޕާޓީކަމުގައި ދެކެވުނު، ދެކެވުން ރައްޔިތުންނަށް މިގެނެސްދިނީ އިތުރު ހާސްކަމާއި ދުއްތުރާތަކެވެ. ހީކުރިގޮތާ ޚިލާފަށް އެވެރީންގެ އެޖެންޑާއަކީ ވެރިކަން ވައްޓާލައި ކޮންމެގޮތަކުން ނަމަވެސް އެނބުރި ވެރިކަމަށް އައުން އެކަނިކަމުގައިވެ ، ސަރުކާރުގެ ތަންފީޒީ ބާރު މުލުން ލުހެލުން އެއީ ހަމައެކަނި މަގްސަދު ކަމުގައި ހަދާ އެވަރުންވެސް ނުވެގެން ބަސްނާހާ ކުޑަކުދީންގެ ޚަސީލަތް އިސްކޮށް ނުކުތުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސްރަހު ދިރާސާ ކުރާ ރައްޔިތުންނަށް ފެންނަމުން މިދިޔައީ މުޅީންއެހެން މަންޒަރެކެވެ. ރައްޔިތުން މާޔޫސްވެ ، ވެރިކަމުން ރައްޔިތުންނަށް ކޮއްދޭނެކަމުގައި ބުނަމުން ގެންދިޔަ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅަމުން ގެންދިޔަތަނެވެ. ސަރުކާރު ހުއްޓުވުމަށް ރައްޔިތުން އެދުނު އެދުންތައް ސަރުކާރުން ފުއްދައި ނުދެވޭނެހާ ރޮނގަކުން އިދިކޮޅު ފަރާތްތަކުން ކަންކުރަމުން، ހުރަސްއަޅަމުން ގެންދާތަނެވެ. މީގެސަބަބުން ކުލަޖެހިގެން ދާނެ ބޮޑު މަންޒަރަކީ ކޮބައިކަން ރައްޔިތުން މިއަދު ދެނެގެންފެއެވެ. އިދިކޮޅު ފަރާތްތަކުގެ އެޖެންޑާއާއި އެއްގޮތައް މިސަރުކާރު ވައްޓާލައި އެނބުރި ސަރުކާރެއް ގެންނައިރު މިސަރުކާރުގެ އަހުލުވެރީން އިދިކޮޅު ރޮނގުގައި ތިބޭނެތީއާއި އަދިހަމައެހެންމެ، މިމީހުންނަށްވެސް އެރޮނގު ޚިޔާރު ކުރުމުގެ ފުރުސަތު މާބޮޑަށް އޮންނާނެކަން ރައްޔިތުންނަށް މިއަދު އެބައެނގެއެވެ. ތިރީސްއަހަރުގެ ޚުދުމުޚުތާރު ވެރިކަން މުލުންލުހެލި ބައެއްގެ ތަޖުރިބާ މާބޮޑުވާނެކަން ރައްޔިތުންނަށް އެބައެނގެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެ ދެމިއޮތްހާ ދުވަހަކު މިހަނގުރާމަ ދިގުދެމި ރައްޔިތުން ހާލުގައި ޖެހިގެން ދާނެކަމީ ޝައްކުކުރާ ކަމަކަށް ނުވިޔަސް ، މިކަން އެގޮތައްވެގެން ދިއުމަކީ ރައްޔިތުން އެދޭކަމަކަށް ނުވެއެވެ. އިދިކޮޅު ފަރާތްތަކަށް ނުވިސްނުނު ކަމަކީ މިއެވެ. އެހެންކަމުން އެމީހުންގެ ރޭވުންތައް ކާމިޔާބުނުވެ ގައުމު ދީލައިލައި އެހެން މަގަކުން ކުރިއަށް ގެންދާން ރައްޔިތުން އެމީހުންގެ މަންދޫބުންނާއި ހަވާލުކުރާން ޖެހުނު ހިނދުކޮޅު މިއައީއެވެ. ވިސްނުންތެރި ކަމާއި ހިކުމަތްތެރިކަމާއިއެކު ސަރުކާރުން ބަދަލުހިފުމުގެ ރޫޙެއްނެތި ކުރަމުންގެންދިޔަ މަސައްކަތް ނަސްރުގެ އަމާޒަށް ވާސިލްވެގެން ދިއުމުގެ މަންޒަރު މިއަދު މިދަނީ ފެންނަމުންނެވެ. އިއްޔެ އަތުގައި އެއްވެސް އެއްޗެއް ނެތި ހާލުގައި ޖެހިފައިވާ އެތަކެއްހާސް ދުވަސްވީ މީހުންނާއި ޔަތީމުކުދީންގެ މައިން، ނުވަތަ ބަފައިންގެ ދުޢާގެ އަސަރު މިދަނީ އިރާދަކުރެއްވިއްޔާ ފެންނަމުންނެވެ. ލިބުނު ނިއުމަތައް ޝުކުރު ނުކުރެވި ، ޒާތީތައައްސަބާއި ނިފާގުގެ އަނދުން ގިރިފައިބާ ހަފުސްވެދާތަން މިއަދު ހަމައެލޯތަކުން އެދެކެނީ ނުހަނު ހިތްދަތިކަމާއި އެކުގައެވެ. ބަލާލޯތަކަށް އެތަކެއް ޢިބްރަތް ހާސިލް ކޮށްދެމުންނެވެ. މިއީދުނިޔޭގެ ސުންނަތެވެ. މިހަމަ ބަދަލުކުރާން އެއްބަޔަކުވެސް މަސައްކަތް ކުރުމަކީ ކަނޑުގައި ރޮނގުއެޅުންފަދަ ނަތީޖާއެއް ނެތްކަމެއްކަން ދަންނާންވާނެއެވެ. ތިމާއަކީ އަބަދު އެއްގޮތަކަށް ޖިސްމާނީ ، ނަފުސާނީ ގޮތުންވެސް ހުރުމުގެ އަމިއްލަ ބާރުވެރިކަން ނެތް މަޚްލޫގެއްކަން އަމިއްލައަށް ގަބޫލުކުރާން ޖެހޭނެއެވެ. ބުނެލާ ބަހަކުން ކުރެވޭ ކަމަކުން އަބަދަކު އެއްނަތީޖާއެއް ނުނެރެވޭނެކަން އެނގޭން ޖެހޭނެއެވެ.
މިއަދު އަނެއްކާވެސް ބަލިގަބޫލު ނުކުރުމުގެ ރޯގާގައި ހަނާވަމުންދާ މީހަކު ނުކުމެ މާކުރީ ޒަމާނުއްސުރެ އެބުނަމުންދާ ގޮތައް މިރާއްޖޭގައި އެހެންދީންތައް ފަތުރަނިއްޔޭ ގޮވައި ރޮއެހޭރި އާދޭސްކުރާ އަޑު އަހާން ކަންފަތައް އުނދަގޫ ވެއްޖެއެވެ. ޒަމާނުއްސުރެ މަކަރުވެރިކަމުގައި ބޭނުންކުރާ ހަތިޔާރަކީ އެއީކަން ދިވެހީންގެ ގާތްގަނޑަކަށް އެންމެންނަށްވެސް މިއަދު އެނގޭތީއެވެ. ހެޔޮނިޔަތެއް ނެތި ހަމައެކަނި ދިވެހީންގެ އަޤީދާއާއި ކުޅެލުމަށް ބޭނުންކުރާ ބަހަނާއަކީ އެއީކަން މިއަދު ދިވެހީންނަށް އެބައެނގެއެވެ. އެހެންކަމުން ދަންނަވާން އޮތީ ހާލީގައި އޮވެގެން ކިތަންމެވަރަކަށް ކުކުރިޔަސް ފީކުކުޅެއްގެ އަޑަަކުން އައްޔެއް ނުވިލޭނެ ކަމުގައެވެ. ހާލެއްގެ ގޮވާލުމުން މެނުވީ އަލިނުވިލޭނެކަން ދަންނާން ޖެހޭނެއެވެ. ރައްޔިތުންގެ އިހްސާސްތައް ފުރިހަމަ ކޮށްދިނުމަށް އިޚުލާސްތެރިކަން ބޭނުންވެއެވެ. އެމަގަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކަށް ލިބުނު ފުރުސަތު ޣައިރަތްތެރި ކަމުގައި ނަގާލައި އަވަދިވެ ދިޔައީއެވެ. ބަދަލުނުވިި ހަމައެކަނި އެއްޗަކީ ކުރީންވެސް ، މިހާރުވެސް ދައްކާ ވާހަކައާއި އަޑެވެ. ދީން ހަތިޔާރަކަށް ހަދައިގެން ވެރިކަމުގައި ދެމިހުރުމަށް ޢުމުރަށް ކުޅަމަސައްކަތާއި ، އަނބުރައި ވެރިކަމަށް އަންނާން ދައްކާ ވާހަކަވެސް އެއްގޮތްކަން މިއަދު ގަބޫލު ކުރާން ޖެހެއެވެ. އެހެނަސް ހާލަތު ބަދަލުވެއްޖެއެވެ. ގަބޫލުކޮއްލުމުން މެނުވީ އުމުރުގެ ބާކީއޮތް ދުވަސްކޮޅުވެސް ހިތަށް ހަމަޖެހުމެއް ގެނެހެއް ނުދޭނެއެވެ.