ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އާ ބޭފުޅަކު ޢައްޔަން ކުރައްވައި، މިހާރު ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ތިއްބެވި ދެބޭފުޅަކު އެހެން ދެވުޒާރާއަކަށް ޢައްޔަން ކުރައްވައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު އާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ގަލޮޅު ޗާނދަނީމާގޭ ޙަސަން ޝުޖާޢު އެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޙަސަން ޝުޖާޢު އަށް މިމަގާމުގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ވިދާޅުވިއެވެ. އަދި އެހެން ސިޔާސީ ޕާޓީއެއްގައި އުޅުއްވުމަށްފަހު، މި ސަރުކާރުގެ މެނިފެސްޓޯގެ ފިކުރުގައި ޤައުމަށާއި ރައްޔިތުންނަށް ހެވާއި ލާބަ ހޯއްދަވައިދެއްވުމަށް، އެ މަގަށް ޙަސަން ޝުޖާޢު މަސައްކަތް ފެށްޓެވީތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރު ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައި ތިއްބެވި ދެބޭފުޅަކު، އެހެން ދެވުޒާރާއަކަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވިއެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަގާމުގައި ހުންނެވި މައިޒާން އާދަމް މަނިކު ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމަށެވެ. އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުގައި ހުންނެވި އަސްލަމް މުޙަންމަދު ޝާކިރު ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށެވެ.