މެންބަރުންގެ ޚިޔާލު: މޮޔައަކު ހޭޖެހިދާނެއެވެ. ނަމަވެސް….؟

ފުނަމާ

ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ފަދައިން ، މަގާމުގެއްލިދާނެތީވެ ނުވަތަ ބައެއްގެ ނުރުހުން ތެރިކަން ލިބިދާނެތީވެ ގިނަވެރީންނަކީ ވެރިކަމުގައި އަޅާންޖެހޭ ބައެއްކަހަލަ ފިޔަވަޅުތައް އަޅާން ނުކެރި ، އަބަދުވެސް ރައްޔިތުންގެ ތާއީދު ހޯދުމުގެ ބޭނުމުގައި ވެރިކަން “ސަނގުޅި، ބަނގުޅި” ކުރަމުން ގެންދާވެރީންނެވެ. މިފަދަަ ވެރީން އަބަދުވެސް ކަންކުރަމުން ގެންދާނީ ކުރިމަތިވާ ކޮންމެ ހާލަތެއް ރައްޔިތުންނަށް ފޮރުވައި ރައްޔިތުންނަށް މުލަންމާކޮށް ކަންކަން ދައްކައިގެން ރައްޔިތުންގެ ތާއީދު އިތުރު ކުރުމުގެ ބޭނުމުގައެވެ. އަސްލު ހާލަތު ރައްޔިތުންނަށް އޮޅުވާލައި ވެރިކަމުގެ ޝާނާ ، ޝައުކަތުގައި ދެމިހުރުން ފިޔަވައި އެހެން އެޖެންޑާއެއް މިފަދަ ވެރީންގެ ނޯންނާނެއެވެ. ނަމަވެސް މިފަދަ ވެރީންގެ ދަޅަކެނޑިގެން ގޮސްފައިވަނީ މިފަދަ ކަންކަން އިތުރުވެ ރައްޔިތުންނާއި ގައުމު ފުންއަނދިރި ވަޅުގަނޑު ތަކަށް ވެއްޓި ވެރިމީހާގެ ނުބައިނިޔަތް ފާޅުވެ އެނގޭ ހިސާބުންނެވެ. އަދި މިގޮތަށް ދިމާވުމުން އެގައުމެއް ނުވަތަ ، ރައްޔިތެއް އެވެއްޓުނު ފުންވަޅުގަނޑުން އަރައިގަތުން އޮންނަނީ ނުހަނު ދަތިކަމަކަށް ވެފައެވެ. އަދި ވެރިމީހާގެ ދަހިވެތި އެދުމުގެ “ޚާތިރުގައި” ގުރުބާން ކުރެވުނު ރައްޔިތުންގެ ހައްގުތައް ހޯދުމަށް ރައްޔިތުން ދައްކާންޖެހޭ އަގުވެސް އިންތިހާއަށް ބޮޑުވެގެން ދާކަމީ ޙަޤީގަތެކެވެ. ނަމަވެސް ގިނަފަހަރަށް ރައްޔިތުން މިފަދަ ކަންކަން ހަނދާން ކުރާން ބޭނުންވަނީ ދަތިހާލަތެއް ކުރިމަތިވެ ސަލާމަތް ނުވާހިސާބަށް ދިއުމުން އެކަނިކަން ، ދުނިޔޭގެ ސުންނަތުން ފެންނާން އޮންނަކަމީވެސް ކަށަވަރުވެ އެނގޭ ކަމެކެވެ.
މިސާލަކަށް އަޅުގަނޑުމެން ބަލާލަމާތޯއެވެ. ހަތްދިހައިގެ ފަހުކޮޅާ ހަމަޔަށްް ވެރިކަމުން މީހަކު އަތްދޫކޮށް އަނެކާއާއި މިގައުމުގެ ވެރިކަން ހަވާލުކުޅައިރު މިގައުމު ލޯލާރިއަކަށްވެސް ދަރާފައެއް ނުވެއެވެ. ދުނިޔޭގެ ސަފުގައި ދިވެހީން ފައިހަމަކުރުމަށް ބޭނުންވާ އެތަކެއް ބަހާތަކެއް ވަނީ ފުރިހަމަ ކޮށްދީފައެވެ. ރާއްޖޭގައި އޮތް މަދު އިގްތިސާދީ ވަސީލަތްތައް ވަނީ ކުރިއަރައި ދިއުމަށް މަގުތަނަވަސް ކޮށްދީފައެވެ. ތައުލީމާއި ތަރުބިއްޔަތުގެ އިތުރުން އިޖުތިމާއީ ، ޢުމުރާނީ ތަރައްޤީގެ ބިންގާތައް ވަނީ އެޅިގެން ގޮސްފައެވެ. ސިންގަޕޫރާ ފައިހަމަ ނުކުރެވުނަސް ، އޮޅުދޫ ކަރައިގެ މީހުން ރާއްޖޭގެ ބާޒާރުން ބައެއްކަހަލަ މުދާގަނެގެން އެމީހުންގެ ގައުމަށް ގެންގޮސް ވިއްކާ ހަދާކަމުގައި ވެއެވެ. ލިބޭ ކުޑަކުޑަ އާމްދަނީއިން ދިވެހީން އުޅެމުން ގެންދިޔައީ ފުއްދާލައިގެންނެވެ. މާލޭގައި ފަންފުޅައްތައް ފެންނާން ހުރިނަމަވެސް އިޖުތިމާއީ މައްސަލަތައް އިންތިހާއަށް މަދޭ ދަންނަވާން ޖެހެއެވެ.
ނަމަވެސް މައުމޫނުގެ ވެރިކަން ފެށުމާއެކު އެހާލަތަކީ ދިވެހީންނަށް ކުރީގެ ވެރިކަމުން ގެނެސްދީފައިވާ ޖަރީމާ ހާލަތެއް ކަމުގައި ބުނެދީ ، ކުރީގެ ވެރިމީހާގެ އޮފުކަނޑުވައި ތިމާއަކީ މިދިވެހީންގެ މަސީހާ ކަމުގައި ވެގަތުމުގެ އަމިއްލަ ދަހިވެތި ކަމުގައި ނާސިރަށް ޙައްގުވެ ދިވެހީން މިލްކު ކޮށްދިން ހުރިހާ ލަގަބެއްވެސް އަތުލުމުގެ ބޭނުމުގައި އެހާތަނަށް ދުނިޔޭގައި މަދުންނޫނީ ފެނިގެން ގޮސްފައި ނުވާފަދަ ދިގުދެމިގެންވާ މުޒާހަރާތައްކޮށް ހަޑިހުތުރުހާ ގޭމުތައް ޖައްސައި ބެރެކި އަންބާ ގައުމީ އަޑުތަކަށް ބަދަލުކޮށް ހަދަމުން ތިމާގެ ރަނޑުކަން ސިންގާއެއްގެ ބައްޓަމަށް ބަދަލުކޮށް ، ވެރިމީހާގެ ހައިބަތު އިންތިހާއަށް ބޮޑުކޮށް ފާޓުފުޅާކުރާން ފެށިއެވެ. އަދި އުމުރަށް ވެރިކަމުގައި ބަގުޑި ލައިގެން ހުރުމުގެ ކެމްޕެއިންއެއް ފަށައި ތިމާއަކީ ދިވެހީންނަށްޓަކައި ފޮނުއްވިގެންވާ ރޫޙާނީ ލީޑަރެއް ކަމުގައި ” މަވަންތަވަމުން” ގެންދިޔައެވެ. ތިމާ ދަތްއެޅިޔަސް ސަޖިދަޖަހާ ބަޔަކު ކައިރީގައި ބައިތިއްބައިގެން ވެރިކަމުގެ އާރާބާރު ގަދަކުރާން ފެށިއެވެ.
ގައުމު އޮތީ ކުރީގައި ތިބިބައެއްގެ ހަމަތަކުގެ މަތީން ދުނިޔެއަށް ހުޅުވި ، އިގްތިސާދީ ގޮތުން ފަހި މަރުހަލާއެއްގައި ކަމުން ލިބެމުންދިޔަ އިގްތިސާދީ ފައިދާތައް އިތުރުވާނެ މަގުތައް ހޯދިނަމަވެސް އޭގެ މަންފާ މަދުބަޔަކަށް ލިބެނިވި ގޮތެއްގައި ބައްކޮށްލަމުން ގެންދިޔައެވެ. މާލޭގެ ބިންތަކުގެ އަގުއުފުލި ރާއްޖޭގެ އެންމެހާ ރައްޔިތުން މާލެއަށް ހިޖުރަކުރުމަށް މަޖުބޫރު ކުރުވިއެވެ. ނަމަވެސް ދިވެހީންގެ އަމިއްލަ ވަންތަކަމާއި ގުޅިފައިވާ ހިކުމަތް ތެރިކަމާއި ތޫނުފިލިކަމުގައި އެއުރެންގެ ސިކުނޑީގެ ބޭނުންހިފައި ހުޅުވިފައިވާ ދޮރުތަކުން ވަދެ ކުރިއަރަމުން ދިޔަދިއުން ވަރިކަމުގައި ހުރިމީހާއަށް ބިރަކަށްވެ މުޅިގައުމުގެ އިޖުތިމާއީ ފޭރާން ދޯހަޅިކޮށްލައި މަސްތުވާ ތަކެތީގެ ވަބާގައި އެންމެހާ ޒުވާނުން ޖައްސައި މުޅިޖީލު އަނދަވަޅަކަށް ވައްޓާލިއެވެ. ދީނީ ޢިލްމުވެރީންގެ ވަސްފިލުވާލަން މަސައްކަތް ފެށިއެވެ. މީހުން ހައްލައި އޮޅުވާލުމަށް ރާއްޖޭގެ އިގްތިސާދީ ފޭރާން ވީދައި ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާތަކަށް ގޮންޖަހައި ފުޅިއްސަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހީންގެ އަޚްލާގު ދަށްފެންވަރަށް ވެއްޓި ވެރިކަމުގެ އަނިޔާވެރިކަން ހާމަވެ، ސުނާމީއާއި މިނޫންވެސް މުސީބާތްތަކުގެ ޝިކާރައަކަށް ދިވެހި އުންމަތް ހުށައެޅިގެން ދިޔައީއެވެ. އަތްނުފޯރާ ފަށަށް ކަންކަން އުސްމިނަށް ހިއްލާން މަޖުބޫރުވެ އަރަލުން އަރައަޅައި ބިންދައިގެންދިޔަ އިގްތިސާދު ދެކޮޅު ނުޖެއްސި ނޫޓުޗާޕުކޮށް “ގުއިފޮހޭ” ކަރުދާހަށް ހަދަމުން ގެންދިޔައެވެ. ނަމަވެސް އަނިޔާވެރީންގެ ނިމުން އަންނަ ބީދައިން އެވެރިކަން ނިމުމުގެ ސިއްކަ ޖެހުނު ހިނދު ތިމާ އެންމެ ނޭދޭގިންތީގެ މީހުން ތެދުވެ ޖައްބާރުގެ ވެރިކަން ނިމުމަކަށް ގެނައީއެވެ. މިގައުމު އޮތްހާލަތުން އަނެއް ހާލަތައް ގެންގޮސް ކުރިޔަށް ދިއުމަށް މަގުސާފުކޮށް އަތްފޯރާ ރިވެތި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށް މިއަދު އަޅާންޖެހޭ ފިޔަވަޅުތައް ގިނަގުނައެވެ. ރައްޔިތުން އެދޭ ދިރިއުޅުމާ އެއުރެން ފޭނުކޮށް ބަނދަރާއި އެހެނިހެން ވަސީލަތްތަކާއި ގައުމީ ކުރިއެރުންތައް ހުއްޓުމަކަށް ނުގެނެސް މިސަރުކާރުން ކުރަމުން މިގެންދާ މަސައްކަތް ތަކަކީ މިއަދު މުޅިދުނިޔެވެސް އަދި ، ދަހިވެތި އެދުމެއްނެތް ކޮންމެ ދިވެހިރައްޔިތަކު ހެޔޮހިތުން ގަބޫލު ކުރާ ކަމެކެވެ. ނަމަވެސް ސަރުކާރުން މިއަޅާ ފިޔަވަޅުތަކާއި ރައްޔިތުން މިވަމުންދާ ގުރުބާނީތަކުގެ ނަތީޖާއަކީ އަނިޔާވެރީންގެ ހިތްތަކަށް ތަދުވެގެންދާނެ ކުރިއެރުމާއި ފާގަތިކަން މިގައުމާއި ރައްޔިތުންނަށް ގެނެސްދޭނެ ކަންކަން ކަމުގައި ޔަގީންވާތީވެ އަމަށުން ނުތިބެވި ތިމާމެން ތިމާމެންނާއިވެސް ދެބަސްވެ ލޭބޮމުން މިގައުމު އިތުރު އަނދަވަޅަކަށް ވައްޓާލުމަށް ބޭކާރު މަސައްކަތްތަކެއް އެދަނީ ކުރަމުންނެވެ.
މިދަނޑިވަޅުގައި ރައީސް ނަޝީދަށް ދަންނަވާން އޮތީ އިޚްލާސްތެރި ކަމާއެކު މަނިކުފާނު ތިޔަކުރައްވާ މަސައްކަތްޕުޅު ކުރިއަށް ގެންދަވާށެވެ. ﷲގެ މިންވަރުފުޅުން ކާމިޔާބު މިންވަރު ކުރައްވާނެއެވެ. އަދި މޮޔަޔަކު ފަރުވާކޮށްގެން ރަނގަޅު ހޭޖެހޭ މީހެއް ކަމުގައި ހެދުމުގެ ފުރުސަތު އޮތަސް ހަސަދަވެރީންގެ ހިތްހެޔޮ ކުރުމަށް ކުރެވޭނެ މަސައްކަތެއް ނޯންނާނެކަން ދެނެވަޑައިގެން ހުންނަވައި އިޚްލާސްތެރީންނާއިއެކު ކުރިއަށް ވަޑައި ގަންނަވާށެވެ. ” ނަޝީދީ ގުލްޒާރުގައި ހާއުފާވެރި ކަމާއެކު އުޅުމުގެ ނަސީބު ދިވެހީންނަށް މިވަނީ މިންވަރު ކުރައްވާފައެވެ.”