ނޫސް ބަޔާން: އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ސިޔާސީ ބޭފުޅަކު އިސްކުރުން ކުށްވެރިކުރުން

ވަގުތުން ނެރުމަށް
MDP-2011-PR-0005ނަންބަރު:
ތާރީޚް: 16 މެއި 2011 (ހޯމަ)

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ސިޔާސީ ބޭފުޅަކު އިސްކުރުން ކުށްވެރިކުރުން

އެމްޑީޕީން ދެކޭ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުގެ ކޮންމެ މަޤާމެއް ކަމުގައި ވިޔަސް އެ މަޤާމަކަށް އައްޔަން ކުރަން ޖެހޭނީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ކަމާއި، އިންސާފްވެރި ކަމާއި، އަދުލުވެރިކަމާއިއެކު، ވަކިފަރާތެއްގެ މަސްލަހަތު ޙިމާޔަތްކުރުމުން އެއްކިބާ ވެފައިވާ ފަރާތެކެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް މިހާރު ހަމަޖައްސާފައިވާ ޕީއޭގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ޝަރީފް އާދަމް، މަޤާމަށް އައްޔަންކުރީ ޕީއޭގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވަނިކޮށް ކަމަށްވާތީ، އިލެކްޝަންސް ކޮމިޝަންގެ މި އަމަލު މި ޕާޓީން ކުށްވެރިކުރަމެވެ. އަދި އިލެކްޝަންސް ކޮމިޝަން ފަދަ ޒިންމާދާރު، ނުފޫޒުން އެއްކިބާވެފައިވާ މުވައްސަސާއަކުން މި ފަދަ ސިޔާސީ ފަރާތަކަށް ޖާގަދިނުމަކީ ރާއްޖޭގައި ފައްކާވަމުން މިދާ ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކާއި، ޚިލާފަށް، އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އަމަލެއްކަން ހިތާމައާއި އެކު ފާހަގަކޮށް، ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ޝަރީފް އާދަމް، އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސުން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް