އެމްޕީއެލްގެ ސެކިއުރިޓީ މުޥައްޒަފުން އެމްޑީޕީގެ ރައީސާ އި ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

mpl-450-x-338

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ބައެއް މުޥައްޒަފުން އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި ބައްދަލުކޮށްފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއަޓް ގައި އޮތް މި ބައްދަލުވުމުގައި އެމްޕީއެލްގެ މުވައްޒަފުން ވަނީ އެމްޕީއެލްގައި މަސައްކަތްކުރުމުގައި އެފަރާތްތަކަށް ދިމާވާ ދަތިތަކާއި، ހުރަސްތަކުގެ ވާހަކަ އެމްޑީޕީގެ ރައީސަށް ދަންނަވާފައެވެ. އަދި ސެކިއުރިޓީންގެ ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ވަޒީފާގެ ކުރިއެރުން ލިބުމުގައި ހުރި ދަތިތަކާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އެމްޑީޕީގެ ރައީސް ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް އެޙީތެރިވެދެއްވެން އޮތީ ކޮންގޮތްތަކަކުންތޯ ބެއްލެވުމަށްފަހު ވީހާ ވެސް ބޮޑު އެހީތެރިކަމެއް ވެދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.
މިއަދު އެމްޑީޕީގެ ރައީސާއި ބައްދަލުކުރި އެމްޕީއެލްގެ މުޥައްޒަފުންގެ ތެރެއިން ގިނަ މުޥައްޒަފުންނަކީ އެމްޑީޕީގެ މެންބަރުން ކަން ފާހަގަކޮށްލެވެއެވެ. އަދި މި ބައްދަލުވުމަށް ހާޒިރުވި އެމްޑީޕީގެ މެންބަރު ނޫން 5 ފަރާތަކުންވަނީ މި ބައްދަލުވުމަށްފަހު އެމްޑީޕީއާއި ގުޅިފައެވެ.