ކޮންމެ މުވައްޒިފެއްގެ ވެސް އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ އާންމު މެންބަރުންނަށް ޚިދުމަތްކުރުން – ޑރ.ޑީޑީ

އިބްރާހީމް ރާމިޒް

staff-meeting-450-x-245

އެމްޑީޕީ ސެކްރެޓޭރިއަޓް ގައި މަސައްކަތްކުރާ ކޮންމެ މުޥައްޒިފެއްގެ ވެސް އެންމެ މުހިންމު، އަދި އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާންޖެހޭނީ އެޕާޓީގެ އާންމު މެންބަރުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެޕާޓީގެ އާ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓް ގައި މަސައްކަތް ކުރާ މުޥައްޒަފުންނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެޕާޓީގެ އާންމު މެންބަރުން ކަމަށާއި، އެހެންކަމުން އެ މެންބަރުންގެ މުހުތާދުތައް ފުއްދުމުގައި ހުރިހާ މުޥައްޒަފުން ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނޭ ކަމަށެވެ. އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ ޚިދުމަތް ހޯދުމަށް އަންނަ ކޮންމެ މީހަކީވެސް ހިންހަމަޖެހުމާއެކު އެނބުރިދާ މީހަކަށް ހެދުމަށް ހުރިހާ މުޥައްޒަފުން ގުޅިގެން މަސައްކަތްކުރުމަށް ޑރ.ޑީޑީ އިލްތިމާސް ކުރެއްވިއެވެ. އަދި މެންބަރުންނަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ޕާޓީގެ ސެކްރެޓޭރިއަޓްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް އިދާރީ އޮނިގަނޑު އިސްލާޙްކޮށް، އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީއާއި އާންމު މެންބަރުން ގުޅާލަދޭ ފާލަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރު ކަމަށްވާ މީޑިއާ ކަމަށާއި، މީޑިއާ މެދުވެރިކޮށް އެމްޑީޕީގައި ހިނގާ ހަރަކާތްތަކުގެ ޚަބަރުތައް އާންމު މެންބަރުންނާ ހަމަޔަށް ތާޒާކަމާއެކު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަދައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު މެންބަރޝިޕްގެ މަސައްކަތް ވެސް މިހާރަށްވުރެ މާ ބޮޑުތަނުން ހަލުވިކުރަން ޖެހޭ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ތަފާތު ސަބަބުތަކާ ހުރެ ރިޖެކްޓްވެގެން އަންނަ ފޯމުތައް ދާއިރާ ރައީސުންނާއި ހަވާލުކުރުމުެގ ބަދަލުގައި، އެފޯމެއް ރިޖެކްޓް ވެފައިވާ ކަން ސީދާ ފޯމުގެ ވެރިފަރާތަށް އަންގައިގެން އަލުން ފޯމުފުރުމުގެ ކަންތައް ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޕާޓީގެ ރައީސް ޑރ.ޑީޑީ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް ޑރ.ޑީޑީގެ އިތުރުން އެޕާޓީގެ ޗެއަރޕާސަންގެ ނައިބު އިދާރީ މުޙައްމަދު އިމްތިޔާޒާއި، ޗެއަރޕާސަން ނައިބު މާލީ އަޙުމަދު މައުސޫމް އާއި ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.