މެންބަރުންގެ ޚިޔާލު: މަކަރުވެރި އަނދުނުގެ ކުލަފިލައި ދަނީއެވެ!

ފުނަމާ

މިސަރުކާރު އައިފަހުން ދިވެހި ރައްޔިތުން ބަނޑަށްޖެހި ހަފުސްވެ ޤައުމީ އުފެއްދުން ތެރިކަމާއި އިޖުތިމާއީ ފޭރާން މުޅީން ވީދި ،ހަލާކުވެ ހިނގައްޖެ ކަމުގައި ބުނެ މިސަރުކާރު މިއަދުން މިއަދަށް ބަދަލު ކުރާން ވެއްޖެ ކަމުގައި ބުނެ ،މިމޭރުމުން ކޮންމެ ދުވަހަކު މުނިފޫހި ފިލުވާލާން ބޭނުންވާ މީހުންނަށް އެފުރުސަތު ދީގެން ވާހަކަ ދައްކަމުން ގެންދާ ޓީވީ ޗެނަލްތަކުން އެކުރަމުން ގެންދާ މަސައްކަތް ތަކަކީ މިއަދު މިގައުމު މިިއޮތް ހާލަތުން އަރައި ނުގަނެވި ، ގާނޫނީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި ވަކިބަޔަކަށް ފައިދާ ހޯދައި ދިނުމުގެ ނުބަައި ނިޔަތުގައި ކުރަމުން ގެންދާ، އަދި މިއަދު މިގައުމުގައި މިހިންގަމުން ގެންދާ ނޭއްގާނި އެންމެހާ އަމަލުތަކުގެ ޒިންމާ އުފުލާން ޖެހޭނެ ކަމެއްކަމުގައި ހަރުއަޑުން ދަންނަވާން ޖެހެއެވެ.
ވިސްނާވަޑައި ގަންނަވާށެވެ. މިސަރުކާރު އައިއިރު ސިވިލްސާވިސްގެ މުއައްޒަފުންގެ މުސާރައަކީ ކޮބައިތޯއެވެ. ދެޕެންޝަން ހަމަވާން ކައިރިވެފައިވާ ކަތީބުންނަށް މުދިމުންނަށް އެއިރު މުސާރައިގެ ގޮތުގައި ގެއަށް ގެންދާން ހަތަރުހާސް ރުފިޔާއެއް ނުލިބެއެވެ. ނަމަވެސް މިސަރުކާރުން އެއަދަދު ހަތްހާހުން މައްޗަށް ގެންގޮސްދީފައިވާކަން ހަޤީގަތް ގަބޫލުކުރާން ބޭނުންނުވާ މީހުންނަށްވެސް އެބައެނގެއެވެ. އިގްތިސާދީ ޚާއްސަ ޙާލަތެއް އައުމާއި ގުޅިގެން ކަމުގައި ސަރުކާރުން ވިދާޅުވެ މުސާރަ އުނިކުރުމުންވެސް ކުރީން އެލިބުނު މުސާރައަށްވުރެ ބޮޑު އެއްޗެއް ލިބެމުންދިޔަކަން ގަބޫލު ކުރެވޭއިރު އެވާހަކަ ދައްކާކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ. ރާއްޖޭގެ ، ލިޔެވިފައިވާ ހާހެއްހާ އަހަރުގެ ތާރީޚުގައި މިނޫނީ އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަނެއް ދިން ސަރުކާރެއް އުފެދުނު ކަމުގައި ފެންނާކަށް ނެތެވެ. އަދި ގައިމުވެސް ދީފައެއް ނުވެއެވެ. މިއަދު އެއީ ތިމަންނާ ދޭން ނިންމި އެއްޗެކޭ ބުނެ ތިރީސް އަހަރު ވަންދެން އެކަން ކުރާން އުޅެއުޅެ ، އެވެރިކަން ނިމިދިޔައިރުވެސް ނުކުރެވުނު މީހަކު އެވާހަކަ ދެއްކުމުން މިވަނީ ޖޯކަކަށެވެ. އެވެރިކަމުގައި ދިވެހި ރާއްޖެ ލާމަރުކަޒީ ކުރާން ވެސް އުޅުނެވެ. އެކަމަކު ނުކުރެވުނެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮންމެ އިންތިޚާބަކާ ދިމާކޮށް ޖެހި ކަޑަތަކުގެ ވާހަކައަކީ މަޝްހޫރު ވާހަކަ ތަކެކެވެ. ވީވައުދުތައް ހިރަފުސް އަރާފައި ގައުމުގެ ހަރުތަކުގައި ލެމިނޭޓު ކުރެވިފައި އަތްނުލެވޭ، ބޭނުން ނުހިފޭ ، އެއިން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރެވުނު ގޮތެއްގައި ތިރީސް އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ލޮރީތަކުގައި ގޮނޑަށް އަޅާން ބަހައްޓައިފައި ހުރިކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް މިވީ ދެއަހަރު ބައިގެ ތެރޭގައި އުމުރުން ދުވަސްވާ ކޮންމެ މީހަކަށް ދެހާސްރުފިޔާދެވި، އެމީހުންނަށް މަދަނައިގެ ދަށުން ހިލޭބޭސްފަރުވާ ކުރެވޭނެގޮތް މިސަރުކާރުން މިވަނީ ހަމަޖައްސައި ދީފައެވެ. އެކަނިވެރި މައިންނާއި ،ބަފައިން ނަށް އިނާޔަތް ދޭން ފަށައިފިއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރީންނަމެއްގައި ދެމުންގެންދިޔަ އެއްޗަކަށްވުރެ މާބޮޑު މިންވަރެއް ދެވެމުން އަދި ، އިތުރަށް އެގިންތި ފުޅާކޮށް އިނާޔަތް ލިބިދިނުމުގެ މަސައްކަތް އެދަނީ ކުރެވެމުންނެވެ. ފަގީރުންގެ ލިސްޓުގައި ހިމުނޭ ފަރާތްތަކާއި ، މަސްވެރީންނާއި ، ދަނޑުވެރީންނަށް މަދަނައިގެ ޚިދުމަތް ރަޖިސްޓްރީ ކުރެވޭ މިންވަރަކުން އެދަނީ ދެއްވަމުންނެވެ. މިވާހަކަ ތަކަކީ މިއަދު ލަދުން ނަމަވެސް ސަރުކާރާ އިދިކޮޅަށް އަޑުފަތުރާ ޓީވީ ޗެނަލްތަކާއި ، މީހުންނަށް ދައްކާން ކެރޭވަރުގެ ވާހަކަތަކެއް ނޫނެވެ. ސަރުކާރުން ރައްޔިތުންނަށް އޮމާންގޮތެއްގައި ޚިދުމަތްތަކެއް ފަހިކޮށްދީފާނެތީވެ ، ވެރިކަމުގެ ބާރަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެކިބަހަނާތައް ދައްކައިގެން ގާނޫނުތައް ބަދަލުކޮށް ، އިދިކޮޅު ފަރާތްތަކުން މަޖުލީހުގައި އެކުރާ މަސައްކަތް ތަކަކީ ކޮންމެ މީހަކަށްވެސް އެނގޭ އެކަމަކު އެވާހަކަ އަމުދުންދައްކާން ބޭނުންނުވާ ކަންކަމެވެ. ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނާ މިސަރުކާރުން ހިއްސާ ނުކުރާ ކަމުގައި ބުނެ ބަޔަކު މަގުމަތީގައި ބޯކަރުދާސް އަޅައިގެން ނިދާން ފޫހާކާއިރު ކޮންމެ ހުކުރުދުވަހަކު ސީދާ ރައީސުލް ޖުމްހޫރިއްޔާ އެގެންދަވަނީ މިސަރުކާރުގެ އެންމެހާ ކަންކަން ރައްޔިތުންނާ ހިއްސާ ކުރައްވަމުންނެވެ. ނަމަވެސް ތިމާމެން އެދޭ ޗެނަލަކުން އެކަން އޮޅުންފިލުވޭ ގޮތަކަށް ގެނެސް ނުދެވޭތީ އަޑުނީވެނީ ކަމުގައިވެސް ވެދާނެއެވެ. ހަމައެހެންމެ ވެރިކަމަކީ ތިމާމެން އެދޭ ވަކިމީހަކު މެނުވީ ދެމިހުރެގެން ވާނެ އެއްޗެއް ނޫންކަމުގައި ދެކި ، އެކަން ހަޖަމު ނުކުރެވިގެން އުޅޭ ބަޔަކު މިކަން އަނބުރާލުމަށް މަރުދެނީ ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ދަންނަވާން އޮތީ މިއަދު މިގައުމުގައި މިއޮތީ މިއަދު ސިޔާސީ ޕާޓީތަކުން އެހަދާހެން މަމީވެރިޔާއޭ ބުނުމުން ބަދަލު ކުރެވޭނެ ސަރުކާރެއް ނޫންކަމެވެ. އަދި އެކަން އެގޮތައްވޭތޯ ކިތަންމެ އަނދުނެއް އަޅައިގެން ނުކުތަސް ކުޑަފެންފޮދަކުން ދޮވެވެމުން ދާތީވެ، ކުލަފިލާ މިފަދަ އަނދުން ތަކުން މިގައުމު ހަލާކުގެ ތެރެއަށް އެއްލާލުމަކީވެސް ކުރެވޭނެ ކަމެއްނޫނެވެ. ބިންގަރާހުގެ ތެރެއިން މިގައުމު ހަލާކުގެ ތެރެއަށް އެއްލާލުމަށް ބާރުދީ ބަހަމުންދާ ނޫޓުތަކުގެ އަސަރު ކުރާމީހުންނަށްވުރެ އެކުރާ މަސައްކަތްތަކުގެ ނުބައި ނުލަފާ ނިޔަތް އެނގޭ މީހުން މިއަދު މިގައުމުގައި މާގިނަކަން ދާދި އަވަހަށް އެނގިގެން ދާނެ ކަމާމެދު ދެން ޝައްކުކުރާނެ ތަނެއްވެސް ނެތެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި މަގުއޮޅިފައިވާ ބައެއްގެ ލޮލުގައި އަޅުވަމުން ގެންދިޔަ އަނދުނުގެ ކުލަފިލައި ދިއުމުގެ ވަގުތު މިދަނީ ކައިރިވަމުންނެވެ. ﷲ ވޮޑިގެންވަނީ އަބަދުވެސް ކެތްތެރީންނާއި އެކުގައެވެ.