މެންބަރުންގެ ޚިޔާލު: ސިޔާސީ ހަމަނުޖެހުމުގެ މައިގަނޑު އަސާސަކީ، ޓްރާންސް ސިޝަނަލް ޖަސްޓިސް ތަންފީޒް ނުކުރުމެވެ.

މާހިރު/ ހުޅުދޫ، އައްޑޫ ސިޓީ

ކޮންމެވެސް އެއްބައެއްގެ ވެރިކަމުގެ އިހުމާލުން މިއަދު ދިވެހިޤައުމު މިވަނީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. މި ވަޅުގަނޑުން އަރައިގަނެވޭނީ އެންމެހާ ރައްޔިތުން ގުޅިގެން އެއްބައި ވަންތަކަމާއެކު، މަސައްކަތް ކޮށްގެންނެވެ. އަދުގެ ސަރުކާރުން ރާއްޖޭގެ އިގުތިސާދީ ޢިޖުތިމާޢީ އަދާލަތު ހަރުދަނާ ކުރުމަށްޓަކާ އަޅުއްވަމުންދާ އެންމެހާ ފިޔަވަޅުތަކުގެ މައްޗަށް މުހުލަތެއް ދޭންޖެހެއެވެ. ބަލިމީހާއަށް ފަރުވާދިނުމުގެ ތެރޭގައި އެމީހާއަށް ބަލީގެ ވޭންތައް ތަހައްމަލް ކުރަންޖެހޭ ބީދައިންނެވެ. މިނަޒަރުން ވިސްނާއިރު، މިރާއްޖެ ވެއްޓިފައިވާ އިގުތިޞާދީ ޢިޖުތިމާޢީ އިމުރާނީ ފިކުރީ ބަލިމަޑުކަމުން އަރައިގަތުމަށް ޓަކާ ޤައުމީ ފެންވަރުގައި ނުހަނު ގިނަގުނަ މަސައްކަތް ތަކެއް ވަނީ ކުރަން ޖެހިފައެވެ. ކާބޯ ތަކެއްޗާއި، ކަރަންޓާއި، ފެނާއި، މިފަދަ އަސާސީ ބޭނުން ތަކުގެ އަގުތައް އަތްނުފޯރާ ފަށަށް ދިޔައީ ސަބަބުތަކެއް ހުރެގެންނެވެ. އެއީ ހަގީގަތެވެ. އެފަދަ ސަބަބުތައް ޤައުމީ ފެންވަރުގައި ނައްތާލަން ޖެހެއެވެ. ނަމަވެސް ޢުދުވާނީ ވިސްނުމުގައި ދިވެހި ޒުވާނުންގެ ނަމުގައި މިގައުމުގައި ތިބި ކުރީގެ އަފޫރުއްބަ ނުސިޔާނު މީހުން އިސްނަގައިގެން ހިންގަމުންދާ ނަމެއްގައި އިޙްތިޖާޖު ކުރުމުގެ ޙަރަކާތްތަކަކީ ޤާނޫނީ އިމުގެ ތެރެއިން ގެންދެވޭ ޞުލްޙަވެރި އިޙްތިޖާޖުތަކެއް ނޫނެވެ. ހަގީގަތުގައި މުޖުތަމަޢުގައި މުއާމަލާތް ކުރެވޭ ޚިދުމަތްތަކާއި ތަކެތީގެ އަގު އުފުލިގެން ދިއުމާއި ގުޅިގެން ދިވެހި ރައްޔިތުން ތަޙައްމުލް ކުރަމުންދާ ވޭނާއި ކެކުޅުންތަކެއް އެބަހުއްޓެވެ. ނަމަވެސް އެކަމުގެ މައްޗަށް ކުޑަނަމަވެސް މުހުލަތެއް ނުދީ ބަޔަކު ކުރަމުން ގެންދާ އިޙުތިޖާޖަކީ ސުލްހަވެރި އަދި އަމާން އިހުތިޖާޖުތަކެއް ކަމުގައި އެފަދަ ފަރާތްތަކުގެ އަމަލުން ސާބިތުވާކަށް ނެތެވެ. ވީހިނދު، ޝަރުޢީ ގޮތުންނާއި ސިޔާސީ ގޮތުން މިގައުމު ހަލަބޮލި ކުރުމަށް ބަޔަކު ފަރުދާގެ އަނެއްބިތުގައި ތިބެ ކުރަމުންދާ މިފަދަ ޢައިރު ޒިއްމާދާރު ހަރަކާތްތަކަކީ ޤަބޫލުކުރެވޭ އިޙުތިޖާޖުތަކެއް ނޫނެވެ. ތެދުފުޅެކެވެ އަދުގެ ސަރުކާރުގެ އެއްމެ ބޮޑު އެއްވަޢުދަކީ ޠާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދީ ތަކެތީގެ އަގު “އަތްފޯރާ ފަށަށް” ގެނައުންކަމުގައި ވިޔަސް ރައްޔަތުންނަށް ދަތިބޮޑުވެ، އަސާސީ ޚިދުމަތް ތަކާއި އަގުތައް އަތްނުފޯރާ ފަށަށް ގޮސްފައިވާކަމީ ދިވެހި ޤައުމު މިއަދު ކުރިމަތިލާން ޖެހިފައިވާ ޙަގީޤަތެކެވެ. ނަމަވެސް އެކަން އެގޮތަށް މެދުވެރިވެފައިވަނީ ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ. މިކަމަށް ޙިކުމަތްތެރި އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.
ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތަކުގެ ދަށުން މި އިޙްތިޖާޖުތައް ކުރިއަށް ދާހާހިނދަކު މިކަމުގައި ބައިވެރިވާ ރައްޔިތުންނަށް ޙިމާޔަތް ދިނުމަކީ ސަރުކާރާއި ސަލާމަތީ ބާރުތަކުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ޝަރުޢީ، ޤާނޫނީ އިމުގެ ތެރެއިން ގެންދެވޭ އެއްވެސް އިޙްތިޖާޖެއް ހުއްޓުވުމުގައި ކަރުނަ ގޭހާއި މުގުރާއި ބާރުގެ ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭނޭ ކަމެއްނޫނެވެ. ނަމަވެސް މުޒާހަރާތައް ރޫޅާލަންޖެހޭ ޙައްސާ ހާލަތްތައް ހުރެއެވެ. އެއީ މަރާމަރީ ހިންގުމާއި ދައުލަތުގެ މުދަލާއި އާއްމު ރައްޔިތުންގެ މުދަލާއި އަސްކަރީ ލައިންތައް ފޫވައްޓާލުން ފަދަ އަމަލުތައް މުޒާހާރާގެ ތެރެއިން ފެނިގެން ދިއުމެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް މިފަދަ ކަންކަމާއި ކުރިމަތި ލުމުގައި ޒިންމާދާރުކަމާއި، ކެއްތެރިކަމާއިއެކު މުޢާމަލާތުކުރުމަކީ ސަލާމަތީ ބާރުތަކުގެ ތެރޭގައި އޮންނަންޖެހޭ އަބުރުވެރި އަސްކަރީ ސިފައެކެވެ. އަދި ހަމަ އެފަދައިން މުޒާހަރާ ކުރާފަރާތް ތަކުން ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެއުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުންކުރުމުގައި ޝަރުޢީ، ޤާނޫނީ އަދި އަޚުލާގީ އިމުގެ ތެރެއިން ބޭރުނުވެ ދައުލަތާއި ރައްޔިތުންގެ މިލްކިއްޔާތަށް އެއްވެސް ގެއްލުމެއް ލިބޭފަދަ އަމަލުތައް ހިންގާނަމަ، އެއްވެސް ޝަރުޠެއް ނެތި ސަލާމަތީ ބާރުތަކުން އެފަދަ މުޒާހަރާއެއް ޖެހޭނީ ވަގުތުން ރޫޅާލާށެވެ.
މިއަދު ޤައުމީ ފިތުނަވެރިންނަށް ޤައުމު ފިތުނަވެރި ކުރުވުމުގެ ފުރުސަތު ދެވުނީ ވެރިކަންކުރާ ޕާޓީގެ އިހުމާލުންނެވެ. އެހެނީ ލޯޔަލް އޮޕްޒިޝަން ޕާޓީއެއްގެ ކުލަވަރު ބޭރުފުށުން ދެއްކިޔަސް، ޑީއާރުޕީގެ މައިގަނޑު އަމާޒަކީ އައުވެރިކަމުގެ ސިޔާސަތު ނައްތާލުމެވެ. ރާއްޖޭގައި އިގުތިސާދީ ގޮތުންހުރި ގޮންޖެހުންތަކުގެ ނަޖާއިޒް ފައިދާނަގާ ގައުމު ފިތުނަވެރި ކޮށްލުމެވެ. އެކަން ކިތަންމެހާ ވެސް މޮޅަށް އެމީހުން ކޮށްފިއެވެ. މިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން މިކުރާ މަސައްކަތުގައި އެއްބާރުލުން ދޭންތިބި ލޮބުވެތި ރައްޔިތުންގެ ވިސްނުން ޚަރާބުކޮށް ނައްތާލައިފިއެވެ. މިރާއްޖޭގައި އޮތް ޙޮދުމުޚުތާރު ވެރިކަން ބަޔަކުނިކުމެ ސުލްހަވެރިކަމާއެކު، ޤާނޫނީ ގޮތުން ބަދަލުކޮށް، ޑިމޮކްރަސީ ގެނެވުނު ހިނދު، ވެރިކަން ހިންގުމަށް ކުރިމަތިވީ ގޮންޖެހުންތައް ހުއްޓެވެ. އެ ގޮންޖެހުން ތަކުގެ ތެރޭގައި ޙޮދުމުޙުތާރު ވެރިކަން ކުރެއްވި ވެރިންނާއި އެބައި މީހުންނަށް ތަބާވީ މީހުންގެ ފަރާތުން ގައުމަށް ގެނެވުނު އިސްލާހީ ބަދަލުތައް ގަބޫލުނުކޮށް، ޑިމޮކްރަސީ ނުދަންނަ ނާގަވާރުން މެދުވެރިކޮށް މުޖުތަމަޢުގެ ތެރޭގައި ހަމަނުޖެހުން އެބައުފައްދައެވެ. މިފަދަ ހަމަނުޖެހުން އުފެއްދުމުގެ މޭސްތިރީންނަކީ، ކުރިން ވެރިކަން ކުރެއްވި ވެރިންނާއި، އެފަދަ މީހުންނަށް ތަބާވާ ގައުމަށް ޢަދަރުވެރި މީހުންނެވެ. މިފަދަ ހަމަނުޖެހުން އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ، ވެރިކަން ކުރެއްވި އިރު، އެމީހުން ހިގާފައިވާ ބޮޑެތި ޖަރީމާތައް ފޮރުވުމާއި، އެފަދަ މައްސަލަތައް ބެލޭނެ މަގު އިންތިޙާބުވެފައި އޮތް ޑިމޮކްރަޓިކް ސަރުކާރަށް ތަނަވަސްކޮށް ނުދިނުމެވެ. އެކަނއެމީހުން ކާމިއާބު ކޮށްފިއެވެ. ސިޔާސީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ މީހުންގެ އަމަލުތައް ސުލްހަވެރި ގޮތުގައި ނައްތާލެވޭނީ ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ޑިމޮކްރަސީ ހަމަތަކުގެ މަތިން އިންތިޙާބުވީ ސަރުކާރުން ވީއެންމެ އަވަސް ފުރުސަތެއްގައި ކުރީގެ ޙޮދުމުޙްތާރު ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާއި، ޙިލާފް ބޮޑެތި ޖަރީމާތައް ބެލުމާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތް ތެރިވެފައި ވޭތޯ ބެލުމާއި، މަގާމުގެ ބޭނުން ނަހަމަގޮތުގައި ކޮށްފައިވޭތޯ ބެލުންފަދަ، މައްސަލަތައް ބެލިގެންނެވެ. ގައުމެއްގައި ޙޮދުމުޙްތާރު ވެރިކަން ބަދަލުވުމަށް ފަހު ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ޓްރާންސިޝަނަލް ޖަސްޓިސް ތަންފީޒް ކޮށްގެންނެވެ. މިއަދު ދިވެހި ރާއްޖެއިން ފެންނަމުންދާ ސިޔާސީ ހަމަނުޖެހުމުގެ މައިގަނޑު އަސާސަކީ، އެއީއެވެ